ރަޝިޔާގެ ޚާރިޖީ ވަޒީރު ތެހެރާނަށް ވަޑައިގެންފި

މެދުއިރުމަތީގެ ސުލްހައަށް މަސައްކަތް ކުރެއްވުމުގެ މަޤުޞަދުގައި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރގޭ ލަވްރޯވް މި ރޭ ތެހެރާނަށް ވަޑައިގެންފިއެވެ. ރަޝިޔާގެ ނޫސް އޭޖެންސީތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މިއީ ގަލްފްގައި އެމެރިކާއިން ހަނގުރާމަ ފެށި ފަހުން ލަވްރޯވް އީރާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ބަޙްރެއިނުން ތެހެރާނަށް ވަޑައިގެންނެވި ލަވްރޯވް، އީރާނުގެ ރައީސް މަޢުޞޫދު ޕެޒެޝްކިއާނާއި ޚާރިޖީ ވަޒީރު ޢައްބާސް ޢަރަޤްޗީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅަކީ، މެދުވެރިއެއްގެ ހައިސިއްޔަތުން މަސައްކަޔް ކުރައްވަން ރަޝިޔާ ތައްޔާރަށް އޮތްކަމަށް ރަޝިޔާގެ ރައީސް ޕޫޓިން މީގެ ކުރިން އީރާނުގެ ވެރިންނަށް ވިދާޅުވެފައިވަނިކޮށް ފެއްޓެވި ދަތުރުފުޅެކެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރަޤްޗީ ވިދާޅުވީ، ހުރުމުޒު ކަނޑުއޮޅީގައި އުފެދިފައިވާ ނުތަނަވަސްކަމާއި އަމާން ކަން ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ އެމެރިކާއިން ކަމަށެވެ. އަދި ސަރަޙައްދީ މައްސަލަތަކަށް ދާއިމީ ޙައްލެއް ލިބެން އޮތީ ހަމައެކަނި ޑިޕްލޮމެޓިކް މަޝްވަރާތަކުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!