ލަންޑަން ހީތުރޯ އެއާޕޯޓުން އެމެރިކާގެ ނިއުޔޯކަށް ދަތުރުކުރި ބްރިޓިޝް އެއާވޭސްގެ މަތިންދާބޯޓެއް ނައްޓާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، ގޮތް ނޭނގޭ ދަގަނޑު އުޅަނދެއް ބޯޓުގެ ކަނާތްފަރާތު ފިޔަގަނޑާ އެންމެ 50 ފޫޓު ކައިރިން ވައިގެ ތެރޭގައި ހިނގި ނުރައްކާތެރި ހާދިސާއެއްގެ ތަފްސީލު އިނގިރޭސިވިލާތުގެ އެއާޕްރޮކްސް ބޯޑުން އާންމުކޮށްފިއެވެ.
އިންވެސްޓިގޭޓިވް ރިޕޯޓުތައް ބުނާ ގޮތުގައި، ބޮއިންގ 777 މަރުކާގެ މި މަތިންދާބޯޓު ސަރީގެ އުޑުމަތިން 5,800 ފޫޓު މަތިން ދަތުރުކުރަމުން ދަނިކޮށް ހިނގި މި ހާދިސާގައި، ވަރަށް ބާރުމިނުގައި ދިޔަ އުޅަނދާ މެދު ފިޔަވަޅެއް އަޅާނެ ވަގުތެއް ބޯޓުގެ ޕައިލަޓުންނަށް ލިބިފައެއް ނުވެއެވެ. ނަމަވެސް ބޯޓުގެ މިސްރާބު ބަދަލުކުރުމެއް ނެތި، އަށް ގަޑިއިރުގެ ދަތުރަށްފަހު ބޯޓު ވަނީ އެމެރިކާގެ ޖޯން އެފް ކެނެޑީ އިންޓަނޭޝަނަލް އެއާޕޯޓަށް ރައްކާތެރިކަމާއެކު ޖައްސާފައެވެ.
އެއާ ޓްރެފިކް ކޮންޓްރޯލުން އެދުމުން ބޯޓުގެ ޕައިލަޓުން ދިން މައުލޫމާތުގައި ބުނެފައިވަނީ، އެއީ ވިދުން ހުރި، ރިހިކުލައިގެ، ވަރަށް ބާރަށް ދަތުރުކުރަމުން ދިޔަ ދަގަނޑު އެއްޗެއް ކަމަށެވެ. އަދި އޭގެ ބޮޑުމިން ހުންނާނީ އާންމުކޮށް ބޭނުންކުރާ "ހަތަރު ޓޯސްޓަރު" އެއްކޮށްލުމުން ހުންނަވަރުގެ ކުޑަމިނުގައި ކަމަށް ޕައިލަޓު ސިފަކުރިއެވެ. މިއީ ޑްރޯންއެއް ކަމަށް ބެލެވުނު ނަމަވެސް، އެއީ ކޮން އެއްޗެއްކަން ކަށަވަރުކުރެވިފައެއް ނުވެއެވެ.
ވައިގެ ދަތުރުފަތުރުގެ ސަލާމަތީ ހާދިސާތައް ތަހުގީގުކުރާ އިނގިރޭސިވިލާތުގެ އެއާޕްރޮކްސް ބޯޑުން ނިންމާފައިވަނީ، މި ހާދިސާގައި ބޯޓު ޖެހުމުގެ ސީދާ ނުރައްކަލެއް ނެތް ކަމަށް ބެލެވުނު ނަމަވެސް، މިއީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ސަލާމަތީ މިންގަނޑުން ބަލާއިރު އެންމެ ނުރައްކާތެރި "އޭ-ގްރޭޑް" ގެ ހިރާސް އޮތް ހާދިސާއެއް ކަމަށެވެ.
ބޯޑުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 6,000 ފޫޓުގެ އުސްމިނަށް ބޯޓު އަރަމުންދަނިކޮށް ހިނގި މި ހާދިސާގައި ބޯޓު ސަލާމަތްވީ ނަސީބު ރަނގަޅުކަމުންނެވެ. އަދި އެއީ ކޮން އެއްޗެއްކަން ސާފުކޮށް ދެނެގަނެވިފައި ނުވި ނަމަވެސް، މިއީ ވައިގެ ތެރޭގައި ސަލާމަތީ ސްޓްރެޓެޖީ ތައް އިތުރަށް ހަރުދަނާކުރަންޖެހިފައިވާ ކަމުގެ ސީދާ ހެކިދޭ ކަމެއް ކަމެކެވެ.






