ބިޓިންގެ މައްސަލައެއްގައި ނިއުޒީލަންޑުގެ ސިފައިންގެ އެންމެ އިސް ވެރިޔާ ޓޯނީ ޑޭވިސް އިސްތިއުފާ ދެއްވައިފި

ނިއުޒީލަންޑުގެ ސިފައިންގެ އެންމެ އިސް ވެރިޔާ ޓޯނީ ޑޭވިސް، ޔުނިޓް ކޮމާންޑަރެއްގެ މަޤާމުގައި ހުންނެވި ދުވަސްވަރު ލޯބީގެ ގުޅުމެއް ބޭއްވެވިކަމަށް އިއުތިރާފުވެވަޑައިގަތުމަށްފަހު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. 42 އަހަރު ވަންދެން ޚިދުމަތް ކުރައްވާފައިވާ ޑޭވިސް އިސްތިއުފާ ދެއްވީ ހުކުރު ދުވަހުއެވެ.

އޭނާ ނެރުއްވި ރަސްމީ ބަޔާނެއްގައި ވިދާޅުވީ، މަޤާމުން އިސްތިއުފާ ދެއްވަން ނިންމެވީ އަމިއްލަ ސަބަބުތަކަކާ ހުރެ، މާޟީގައި ހެދިފައިވާ ލޯބީގެ ގޯސްތަކެއްގެ ފުރިހަމަ ޒިންމާ ނަންގަވަމުން ކަމަށެވެ. އަދި އޭނާއަށް ހެދިފައިވާ ގޯސްތަކަކީ ސިފައިންގެ އިދާރާގެ އަޚްލާޤީ މިންގަނޑުތަކާއި މުޅިން ޚިލާފު ކަންތައްތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ހާދިސާއާ ގުޅިގެން ނިއުޒީލަންޑުގެ ދިފާއީ ވަޒީރު ޕޯލް ގޯލްޑްސްމިތު ވިދާޅުވީ، ޑޭވިސް އިސްތިއުފާ ދެއްވަންޖެހުނު ސަބަބުތަކުގެ މައުލޫމާތު ތިލަވުމަކީ ސިފައިންގެ ޚިދުމަތުގައި ތިބި ގިނަ ބަޔަކަށް ބޮޑު މާޔޫސްކަމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. ނަމަވެސް، ފާއިތުވި 42 އަހަރު ދުވަހު ނިއުޒީލަންޑުގެ ސިފައިންގެ ޚިދުމަތުގައި އޭނާ ކޮށްދެއްވި މަތިވެރި ޚިދުމަތާއި އަދާކުރެއްވި ދައުރު ބަލައިގަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ނިއުޒީލަންޑުގެ ސިފައިންގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން އިތުރު ތަފުސީލެއް ދޭން ބޭނުންނުވާ ކަމަށެވެ. ނަމަވެސް، މި މައްސަލަ މިހާރު ވަނީ އިންޑިޕެންޑެންޓް އިންސްޕެކްޓަރ ޖެނެރަލްގެ އިދާރާއަށް ހުށަހެޅިފައެވެ. އެ އިދާރާއަކީ ސިފައިންގެ އަޚްލާޤީ މިންގަނޑުތަކާއި، ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި، ސިފައިންގެ ތެރޭގައި ހިނގާ މައްސަލަތައް މިނިވަންކަމާއެކު ތަޙުޤީޤުކުރާ މުއައްސަސާއެވެ.

ޓޯނީ ޑޭވިސް އެންމެ ފުރަތަމަ ނިއުޒީލަންޑުގެ ވައިގެ ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1984 ވަނަ އަހަރުއެވެ. އޭގެ ފަހުން ސިފައިންގެ ތަފާތު ތަފާތު މަޤާމުތައް ފުރައްވަމުން ގޮސް، ނިއުޒީލަންޑުގެ ސިފައިންގެ އެންމެ އިސް ވެރިޔާގެ މަޤާމާ އޭނާ ހަވާލުވެވަޑައިގެންނެވީ 2024 ވަނަ އަހަރުގެ ތެރޭގައެވެ.

ހިއްސާ ކުރައްވާ!