ބައްޕަގެ މަހާނަ ތެރެއަށް ވެއްޓުނު މީހާ މަރުވެއްޖެ 

ރައްޓެއްސެއްގެ ޖަނާޒާގައި ބައިވެރިވުމަށް ގޮސް އުޅުނު 48 އަހަރުގެ ފިރިހެނަކު، އޭނާގެ ބައްޕަގެ މަހާނައަށް ޒިޔާރަތްކޮށް މަހާނަ މަތީގައި އިނދެ އިންދައި ސިމެންތިފިލާ ތިރިއަށް ވެއްޓި، ހިތާމަވެރި ގޮތަކަށް މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ބްރެޒިލްގެ ލިނާރެސްގައި ހުންނަ "ސާއޯ ހޯސޭ މުނިސިޕަލް ސިމެޓްރީ" ގައެވެ.

ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަދިލްސަން މާކާރޯ ނަމަކަށް ކިޔާ މި މީހާ ގަބުރަސްތާނަށް ދިޔައީ ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި މަރުވި އޭނާގެ ރައްޓެއްސެއްގެ ޖަނާޒާގއި ބައިވެރިވާށެވެ. ޖަނާޒާގެ ކަންކަން ކުރިއަށް ދަނިކޮށް، އޭނާ ވަނީ އެމީހާ ވަޅުލާން މަހާނަ ކޮނެފައި ހުރި ތަނާ ކައިރީގައި ހުރި އޭނާގެ ބައްޕަގެ މަހާނަ ކައިރިއަށް ގޮސް، ސައިކަލާއި ހެލްމެޓް ބެހެއްޓުމަށްފަހު މަހާނައިގެ ސިމެންތި ފިލާ މަތީގައި އިށީނދެފައެވެ.

އެވަގުތު ސިމެންތި ފިލާ ކަނޑައިގެން ގޮސް އަދިލްސަން ވަނީ މަހާނަ ތެރެއަށް ވެއްޓިފައެވެ. ގަދަ އަޑެއް އިވުމާއެކު އެތަނުގައި ތިބި މީހުން މަހާނަ ކައިރިއަށް އެއްވެ ކުއްލި ހާލަތްތަކާ ބެހޭ އިދާރާތަކަށް ހާދިސާ އެންގި އެވެ. ނަމަވެސް، ސަލާމަތްކުރާ ފަރާތްތަކަށް އެތަނަށް ދެވުނުއިރު އެމީހާ ވަނީ ބައްޕައާ ބައްދަލުވެފައެވެ. އަދި ޖެހިގެން އައި ދުވަހު އޭނާ މަރުވާން ދިމާވި ގަބުރަސްތާނުގައި އޭނާގެ ޖަނާޒާ ބޭއްވިއެވެ.

ލިނާރެސްގެ މުނިސިޕަލްޓީން ވަނީ މި ހާދިސާއާ ގުޅިގެން ހިތާމަގުޅުން ފާޅުކޮށްފައެވެ. އަދި ނޮވެމްބަރު 2 ގައި ފާހަގަ ކުރާ މައްޔިތުންގެ ހަނދާޏް އާކުރާ ދުވަހު ގަބުރަސްތާނަށް ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކުރާނެތީ، މަހާނަތައް މައްޗަށް ނޭރުމަށް އާންމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހިއްސާ ކުރައްވާ!