ޕާކިސްތާނާއި ސިންގަޕޫރާ ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމުގެ ގޮތުން ސީދާ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް އަލުން ފެށުމާ މެދު ދެ ގައުމުގެ މެދުގައި މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ ސިންގަޕޫރުގެ ޚާރިޖީ ވަޒީރު ޑޮކްޓަރު ވިވިއަން ބާލަކްރިޝްނަން ޕާކިސްތާނަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޕާކިސްތާނުގެ ނައިބު ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު އިޝްހާގު ދާރުއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މިއީ ފާއިތުވި 20 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތެރޭގައި ސިންގަޕޫރުގެ ޚާރިޖީ ވަޒީރު އަކު ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިސްހާގު ދާރު ވިދާޅުވީ، ދެ ގައުމުގެ މެދުގައި ބޭއްވި ރަސްމީ މަޝްވަރާތަކުގައި ސިޔާސީ އަދި އިގްތިސާދީ ގުޅުންތައް ވަރުގަދަކުރުމަށާއި، ޓެކްނޮލޮޖީއާއި ތައުލީމީ ދާއިރާއިން އެއްބާރުލުން ފުޅާކުރުމަށް އެއްބަސްވި ކަމަށެވެ. އަދި ސަރަހައްދީ އަދި ބައިނަލްއަގުވާމީ މުހިންމު މަސްރަހު ތަކާ މެދު ދެ ގައުމުގެ މެދުގައި ޚިޔާލު ބަދަލުކުރެވުނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
1965 ވަނަ އަހަރު ސިންގަޕޫރަށް މިނިވަންކަން ލިބުމާއެކު އެ ގައުމު އެންމެ ފުރަތަމަ ބަލައިގަތް ގައުމުތަކުގެ ތެރޭގައި ޕާކިސްތާނު ހިމެނޭކަން ފާހަގަކުރައްވައި، ދާރު ވިދާޅުވީ މިއަހަރަކީ ދެ ގައުމުގެ މެދުގައި ބައިނަލްއަގުވާމީ ޑިޕްލޮމެޓުން ގެ ގުޅުން ގާއިމުކުރުމށް 60 އަހަރު ފުރޭ ތާރީޚީ އަހަރު ކަމަށެވެ. މިއީ ދެ ގައުމުގެ އެކުވެރިކަން އިތުރަށް ބަދަހިކުރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ދެ ގައުމުގެ މެދުގައި އޮތް ވިޔަފާރީގެ މައިދާން ފުޅާކުރުމުގެ ގޮތުން، ސިންގަޕޫރުގައި ހުންނަ ޕާކިސްތާނުގެ ހައިކޮމިޝަންގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓް އޮފީސް އަލުން ހުޅުވުމާ މެދު ވަނީ މަޝްވަރާކުރެވިފައެވެ. ދާރު ވިދާޅުވި ގޮތުގައި، މި އޮފީސް އަލުން ހުޅުވުމަކީ ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ޕާކިސްތާނުން ދޭ އިސްކަން ހާމަކޮށްދޭ ކަމެކެވެ.
މީގެއިތުރުން، ޑިޖިޓަލް ޓެކްނޮލޮޖީއާއި އާރްޓިފިޝަލް އިންޓެލިޖެންސް ހިމެނޭހެން ތައުލީމާއި، ރިސާޗް އަދި އީޖާދީ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ދެ ގައުމުން ވަނީ ނިންމާފައެވެ. އަދި ޔުނިވަރސިޓީތަކާއި ދިރާސާކުރާ އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ އިތުރުން، އިންސާނީ ވަސީލަތް ތަރައްގީކުރުމާއި، ދަނޑުވެރިކަމާއި މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ޚާއްސަ ސްޓްރެޓެޖީ ތަކެއްގެ ދަށުން އެއްބާރުލުން ދިނުމަށް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ.




