ޕާކިސްތާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ ގާނޫނީ އޮގާ އަދި ސޫބާތަކުގެ އިސްތިގްލާލާމެދު ގާނޫނީ މާހިރުން ކަންބޮޑުވުން ފާޅުކޮށްފި

އިސްލާމްއާބާދު — ޕާކިސްތާނުގެ ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ގަވަރުނަރުގެ ވެރިކަން ގާއިމުކުރުމަށް ފެޑެރަލް ސަރުކާރުން ނިންމި ނިންމުމާއެކު، އެ ގައުމުގެ ގާނޫނީ ނިޒާމުގެ އަސާސްތަކާއި ސަރަހައްދުތަކުގެ އިސްތިގްލާލާމެދު ބޮޑެތި ގާނޫނީ އަދި ސިޔާސީ ސުވާލުތަކެއް އުފެދި، ގާނޫނީ މާހިރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ ވަކީލެއް ކަމަށްވާ ޚަވާޖާ އަޙްމަދު ހުސައިން ލިޔުއްވާފައިވާ ގާނޫނީ ދިރާސާއެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، 1973 ވަނަ އަހަރު ފާސްކުރި ގާނޫނުއަސާސީގެ އެއްވަނަ މާއްދާގައި ޕާކިސްތާނަކީ ފެޑެރަލް ޖުމްހޫރިއްޔާއެއްގެ ގޮތުގައި ބަޔާންކޮށްފައިވާއިރު، ރައްޔިތުން އިންތިޚާބުކުރާ މަންދޫބުންގެ ބާރު ކުޑަކޮށް، ސަރަހައްދުތަކުގެ ދުސްތޫރީ އިޚްތިޞާޞަށް އިދާރީ ގޮތުން އަތްގަދަކުރުމަކީ ގާނޫނުއަސާސީގެ ރޫހާ މުޅިން ޚިލާފް ކަމެކެވެ.

މި މައްސަލައިގައި ޚާއްސަ ގޮތެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުގެ ބާރު ރައީސަށް ލިބިވަޑައިގެންނެވި ނަމަވެސް، އެއީ އަމިއްލަފުޅު އިޚްތިޔާރުގައި ބޭނުންފުޅު ކުރެއްވޭނެ އަންލިމިޓެޑް ބާރެއް ނޫނެވެ. އަދި ފެޑެރަލް ސަރުކާރުގެ މަޝްވަރާގެ މަތިން ރައީސް ނެރުއްވާ އަމުރެއްގެ ދަށުން، ގާނޫނުއަސާސީގެ 10-އޭ އިން ކަށަވަރުކޮށްދޭ އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގު ސަސްޕެންޑެއް ނުކުރެވޭނެއެވެ. ސިފައިންނާއި އިންސާފުގާއިމުކުރުމުގެ ނިޒާމު ވަކިކުރެވިފައިވާ އުސޫލުތަކަށް ހުރަސްއެޅޭ ގޮތަށް ފެޑެރަލް ސަރުކާރުން އަޅާ ފިޔަވަޅުުތަކަކީ ގާނޫނާ އަމުރުން ބޭރުން ހިންގޭ އަމަލުތަކެއްގެ ގޮތުގައި ގާނޫނީ މާހިރުން ސިފަކުރެއެވެ.

ޕާކިސްތާނުގެ ތާރީޚުގައި 1956، 1962 އަދި 1973 ގައި ގާނޫނުއަސާސީތައް އެކުލަވާލެވުނުއިރު، މިހާރު އަމަލުކުރަމުންދާ 1973 ގެ ގާނޫނުއަސާސީއަކީ ސަރަހައްދުތަކުގެ އިސްތިގްލާލާއި ފެޑެރަލް ނިޒާމު ދަމަހައްޓައިދޭ މައިގަނޑު އެގްރީމަންޓެވެ. ސަރަހައްދުތަކުގެ މަޖިލީހުގެ ނިންމުމަކާ ނުލައި، އިދާރީ އަމުރަކުން ސަރަހައްދެއްގެ ބާރުތައް އަތުލައި ނުވަތަ ވަކި ސަރަހައްދުތަކެއްގެ ހިންގުން ވަކިކުރުމަކީ މަރުކަޒީ ސަރުކާރާއި ޕްރޮވިންސްތަކާ ދެމެދު އޮތް އިޢުތިބާރު ކެނޑި، ގައުމީ މަސްލަހަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެކެވެ.

ޚާރިޖީ އަދި ދާޚިލީ މަސްރަހު ނުތަނަވަސްވެ، ގައުމީ ސަލާމަތީ ސްޓްރެޓެޖީ ތަކަށް ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގައި، ސިޔާސީ ބާރުތަކުން ގާނޫނީ އިމުގެ ތެރެއަށް އަނބުރާ އައުން އަވަސްކުރަންޖެހޭ ކަމަށް މާހިރުން ދެކެއެވެ. ގާނޫނީ ވަކީލު ޚަވާޖާ އަޙްމަދު ހުސައިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޕާކިސްތާނަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ބޭރުގެ ދުޝްމަނުންގެ ފަރާތުން އަންނަ ނުރައްކާލަކަށްވުރެ ބޮޑަށް، ސިޔާސީ ބާރާއި ގާނޫނީ މަސްއޫލިއްޔަތު ވަކިވެ، ދުސްތޫރީ އިމުން ބޭރުން ކަންކަން ނިންމުމުގެ ސަގާފަތް އަލުން އިއާދަވުމެވެ.

ހިއްސާ ކުރައްވާ!