އިންޑިއާގ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި މަހުޖަނު ގޯތަމް އަދާނީއާ ދެމެދު އޮތް ގުޅުންތަކަށް ފާޑުކިޔައި، އިންޓަނެޓުގައި އާންމުކޮށްފައިވާ ޑޮކިއުމެންޓަރީއެއް މީސް މީޑިއާ ޕްލެޓްފޯމްތަކުން ނެގުމަށް އިންޑިއާގެ ކޯޓަކުން އަމުރުކޮށްފިއެވެ. މިއީ އަދާނީ އެންޓަޕްރައިޒަސްއިން ހުށަހެޅި އަބުރާ ބެހުމުގެ މައްސަލައަކާ ގުޅިގެން ނެރުނު ކޯޓު އަމުރެކެވެ.
އިންޑިއާގެ އިރުމަތީ ކޮލްކަތާގެ ހައިކޯޓުން ހޯމަ ދުވަހުގެ ރޭ ނެރުނު ވަގުތީ އަމުރުގައި، ހޮޓްމެއިލްގެ ކޯ-ފައުންޑަރު ސަބީރު ބާތިއާ ތައްޔާރުކޮށްފައިވާ 36 މިނެޓުގެ "ދަ ފްރެންޑްޝިޕް ފައިލްސް" ނަމަކަށް ނަންދީފައިވާ މި ޑޮކިއުމެންޓަރީ ޔޫޓިއުބް، އެކްސް އަދި މެޓާގެ އިިންސްޓަގްރާމް ފަދަ މީސް މީޑިއާ ތަކުން ވަގުތުން ނެގުމަށް ވަނީ އަމުރުކޮށްފައެވެ. އަދި 2027 ވަނަ އަހަރުގެ ޖެނުއަރީ 31 އާ ހަމައަށް ދެމިގެންދާ މި އަމުރުގެ ދަށުން، މި ވީޑިއޯ އިތުރަށް ފެތުރުންވެސް ބާތިއާއަށް ވަނީ މަނާކޮށްފައެވެ.
ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިއީ ޚަބަރު ރިޕޯޓެއް ނުވަތަ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ދިރާސާއެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ހަގީގަތާ ޚިލާފް ވާހަކަތަކެއް ހިމަނައިގެން، ކަންކަން ބޮޑުކޮށްގެން އުފައްދާފައިވާ ތަމްސީލީ އުފެއްދުމެކެވެ. އަދި މި ވީޑިއޯގެ ސަބަބުން ކުންފުނީގެ އިންވެސްޓަރުންގެ މެދުގައި ސުވާލުތައް އުފެދި، ކުންފުނީގެ މާލީ މަސްލަހަތަށް އަސަރުކޮށްފައިވާ ކަމަށް އަދާނީ އެންޓަޕްރައިޒަސްއިން ވަނީ ކޯޓުގައި ބުނެފައެވެ.
މި މައްސަލައިގައި އެމެރިކާގައި ދިރިއުޅޭ ސަބީރު ބާތިއާ އޭނާގެ އެކްސް އެކައުންޓުގައި ލިޔުއްވާފައިވާ ގޮތުގައި، އަދާނީގެ ކުންފުނިން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 500 މިލިއަން އިންޑިއަން ރުޕީސް (5.25 މިލިއަން އެމެރިކާ ޑޮލަރު) ހޯދުމަށް ދައުވާކޮށްފައެވެ. "ހަގީގަތް އޮތީ މަގޭ ފަރާތުގައި،" ބާތިއާ ވިދާޅުވިއެވެ. "މި ޑޮކިއުމެންޓަރީގެ ސަބަބުން އަދާނީ އެންޓަޕްރައިޒަސް ވަރަށް ބޮޑަށް ސިއްސައިގެން ގޮސް، ސަރުކާރުގެ އެންމެ މަތީ ފަންތިއަށް އޭގެ އަސަރުކޮށްފި ކަމަށް އަޅުގަނޑު ގަބޫލުކުރަން." ބާތިޔާ.
މި ޑޮކިއުމެންޓަރީގައި އިންޑިއާގެ ގުޖުރާތު ސްޓޭޓުން ފެށިގެން ބޮޑުވަޒީރު މޯދީއާއި އަދާނީއާ ދެމެދު އޮތް ތާރީޚީ ގުޅުންތަކުގެ އަރުޝީފް ފޫޓޭޖްތައް ބޭނުންކޮށްފައިވެއެވެ. ޚާއްސަކޮށް، 2019 ވަނަ އަހަރު ސަރުކާރުގެ ގަވާއިދުތަކަށް ގެނައި ބަދަލުތަކާއެކު، އިންޑިއާގެ ހަ އެއާޕޯޓެއް ހިންގުމުގެ ބިޑް އަދާނީ ގްރޫޕަށް ލިބުނު ގޮތާމެދު ސުވާލުުެއުފައްދާފައިވެއެވެ. އިދިކޮޅު ކޮންގްރެސް ޕާޓީންވެސް ދަނީ މޯދީގެ ސަރުކާރުން އަދާނީއަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދެމުންދާ ކަމަށް ބުނެ ތުހުމަތުކުރަމުންނެވެ. ނަމަވެސް، އިންޑިއާ ސަރުކާރުންނާއި އަދާނީ ގްރޫޕުން ވަނީ މި ތުހުމަތުތައް ސިލްސިލާކޮށް ދޮގުކޮށްފައެވެ.
ކޯޓު އަމުރު ނެރުމުގެ ކުރިން، މޯދީގެ ކޯލިޝަން ސަރުކާރުން ހިންގާ މަހާރާޝްޓްރާ ސްޓޭޓުގެ ފުލުހުންވެސް ވަނީ އޮކްޓޯބަރު 19 ގައި ބާތިއާއަށް މާއްދީ ހެކިނެތް ސީރިއަސް ތުހުމަތުތަކެއް ކުރާ ކަމަށް ބުނެ އިންޒާރުގެ ނޯޓިސްއެއް ފޮނުވާފައެވެ. މީގެއިތުރުން، އިންޑިއާގެ ސަރަހައްދީ އިދިކޮޅު ލީޑަރެއް ކަމަށްވާ ރާޖް ތާކްރޭ މި ވީޑިއޯ މީސް މީޑިއާ ގައި ހިއްސާކުރުމުން 4.8 މިލިއަން މީހުން ބަލާފައިވަނިކޮށް، މުންބާއީގެ ފުލުހުންގެ އެދުމުގެ މަތިން އޭނާ ވަނީ އެ ވީޑިއޯ ނަގާފައެވެ. ނަމަވެސް، ގާނޫނުހަދާ މަޖިލީހުގެ އިދިކޮޅު މެންބަރު މަހުއާ މޮއިތުރާ ވަނީ އޮކްޓޯބަރު 11 ގައި އޭނާ ކުރި ޕޯސްޓް އަދިވެސް އެކްސްގައި އޮތް ކަމަށާއި އާންމުން އެ ބެލުމަށް އިލްތިމާސްކުރައްވާފައެވެ.
ކޯޓުގައި މި މައްސަލައިގެ އަޑުއެހުންތައް އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ ތެރޭގައެވެ.

