އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މިޑްޓަރމް އިންތިޚާބުގެ ކެމްޕޭން ފޯރިއާއެކު ކުރިއަށްދަނިކޮށް، ރައީސް ޓްރަމްޕް ބާއްވަވަން ހަމަޖެހިފައިވި ބައެއް ރެލީތައް ނުބާއްވާން ނިންމުން އެކަމާ ސުވާލު ކުރި ނޫސްވެރިޔަކަށް ބަވައިފިއެވެ.
އުމުރުން 80 އަހަރުގެ ޓްރަމްޕް، ސައުތު ކެރޮލައިނާގެ ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވޮޝިންގޓަނަށް ވަޑައިގެންނެވި ވަގުތު، ދަތުރުފަތުރުކުރުމުން ވަރުބަލިވެފައި ވޭތޯ ނޫސްވެރިޔަކު ސުވާލުކުރުމުން، ޓްރަމްޕް ވަނީ ހުތުރު ބަހުން އޭނާއަށް ބަހުގެ ހަމަލާ ދީފައެވެ.
"އެފަދަ ސުވާލެއް ކުރަން ކާލޭތީ މުޑުދާރު ފޫހި މީހެއް." ނޫސްވެރިޔާއާ ދިމާއަށް ހަލޭއް ލަވަމުން ޓްރަމްޕް ވިދާޅުވިއެވެ. "މަގޭ ހާލަތު މުޅިން ރަނގަޅު.. އަމިއްލަ ސިއްހަތަށް ބަލައިގެން ތިބެންވީނޫން؟"
ރިޕަބްލިކަން ނޭޝަނަލް ކޮމިޓީން ނެރުނު ބަޔާނެއްގައި ވަނީ، އަންނަ ހަފުތާގެ އަންގާރަ ދުވަހު ބާއްވާ އިންތިޚާބުގެ ކުރިން ކަންސާސް އާއި އަޔޯވާ ގައި ބާއްވަން ރޭވި އެއްވުންތައް ދެން ނޯންނާނެ ކަމަށް ބުނެފައެވެ. އޭގެ ބަދަލުގައި، އެކި ސްޓޭޓްތަކުގެ ނޫސްވެރިންނާއި އާންމުންނާ ގުޅުވައިދޭ "ޓެލެ-ރެލީ" ތަކެއް ފޯނު މެދުވެރިކޮށް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.
ކޭންސަސް ސްޓޭޓުގައި ރިޕަބްލިކަން ސެނެޓަރު ރޮޖަރ މާޝަލް އާއި ޑިމޮކްރެޓިކް ކެންޑިޑޭޓް އެޑަމް ހެމިލްޓަންގެ މެދުގައި އޮތް ވާދަވެރިކަން ބޮޑުވިނަމަވެސް، އެ ސްޓޭޓަށް ވަޑައިގަންނަވަން ބޭނުންފުޅުނުވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. "އެބޭފުޅާ އެދަނީ ވަރަށް ރަނގަޅަށް ކަންކަން ކުރައްވަމުން،" މާޝަލްއާ މެދު ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ. "އަންގާރަ ދުވަހުގެ ރޭ އަޅުގަނޑުމެންނަށް ބޮޑު ކާމިޔާބީއެއް ލިބޭނެ."
އޮކްޓޯބަރު މަސް ފެށުނީއްސުރެ ޓްރަމްޕް ވަނީ 19 ސްޓޭޓެއްގައި 25 ކެމްޕޭން ރެލީ ބާއްވަވައި، ބުރަ ޝެޑިއުލެއް ފުރިހަމަކުރައްވާފައެވެ. އެމެރިކާގެ ތާރީޚުގައި އިންތިޚާބުކުރެވުނު އެންމެ މުސްކުޅި ރައީސްގެ ހައިސިއްޔަތުން، ސެނެޓާއި ހައުސް އޮފް ރިޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ރިޕަބްލިކަން ޕާޓީއަށް ދެމެހެއްޓުމަށްޓަކައި ޓްރަމްޕް ދަނީ ސިލްސިލާކޮށް އަޑުއުފުއްލަވަމުންނެވެ.
ކެމްޕޭން ދަތުރުތަކުގައި ގިނަ އިރުތަކެއް ވަންދެން ވާހަކަފުޅުދައްކަވަން ޖެހުމުގެ ސަބަބުން އަޑުފުޅަށް އަސަރުކޮށްފައިވާކަން ފާހަގަކުރައްވަމުން، މިސްސިއްސިއްޕީ ގައި ބޭއްވި އެއްވުމެއްގައި ޓްރަމްޕް ވިދާޅުވެފައިވަނީ، ކޮންމެ ދުވަހަކު ރެލީތަކުގައި ވާހަކަދަކަން އުދަގޫ ކަމަށެވެ.
މިޑްޓަރމް އިންތިޚާބުގެ ކުރިން ޓްރަމްޕް ބައިވެރިވެވަޑައިގަންނަވާ އެންމެ ފަހު ކެމްޕޭން ރެލީ އޮންނާނީ ހުކުރު ދުވަހު ފްލޮރިޑާގައެވެ.






