ޔަހޫދީންގެ ގާނޫނު ހަދާ މަޖިލީހުގައި ބަންގި ގޮވާ ޑޮކްޓަރު

އިސްރާއީލުގެ ގާނޫނުހަދާ މަޖިލިސް ކްނެސެޓްގެ ތެރޭގައި ޔަހޫދީންގެ ހަރުކަށި ކަމާ ދެކޮޅަށް ބަންގި ގޮވައި ފަލަސްތީނުގެ އާންމުންގެ އިމްތިޔާޒުތަކާއި ހައްގުތަކަށް ވަކާލާތުކުރެއްވުމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ސިޔާސީ ޝަޚްސިއްޔަތަކީ "އަރަބް މޫވްމަންޓް ފޯ ޗޭންޖް" (ތަޢާލް تعال) ގެ ބާނީ އަދި އެ ޕާޓީގެ ލީޑަރު ޑރ އަޙްމަދު އައްޠީބީއެވެ. 1999 ވަނަ އަހަރުން ފެށިގެން ކްނެސެޓްގެ މެންބަރުކަން ކުރައްވަމުން އަންނަ އަދި އެ މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރެއްވި ޠީބީއަކީ، އިސްރާއީލުގެ ސިޔާސީ މަސްރަހު ގައި ހަރުކަށި ކަނާތުފިޔައިގެ ފިކުރުތަކާ ދެކޮޅަށް ފަސްޖެހުމެއް ނެތި ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

1958 ވަނަ އަހަރުގެ ޑިސެމްބަރު 19 ގައި ހިފާފައިވާ ފަލަސްތީނުގެ މިހާރު އިސްރާއީލުގައި އޮންނަ ޠީބާ ސިޓީއަށް އުފަންވި އަޙްމަދު އައްޠީބީގެ އާއިލާއަކީ 1948 ގެ ހަނގުރާމައިގެ ތެރޭގައި ޔާފާ ސިޓީއިން ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރަން މަޖުބޫރުވި އާއިލާއެކެވެ. ގުދުސްގެ ހީބްރޫ ޔުނިވަރސިޓީން 1983 ގައި މެޑިކަލް ޑޮކްޓަރޭޓް ހާސިލުކުރެއްވި ޠީބީ، ކިޔަވާވިދާޅުވި ދުވަސްވަރުން ފެށިގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަން ފެއްޓެވިއެވެ. އެގޮތުން 1984 ގައި ތޫނިސްގައި ފަލަސްތީނުގެ ލީޑަރު ޔާސިރު އަރަފާތާ ބައްދަލުކުރެއްވިއިރު، އެކަމަކީ އެއިރު އިސްރާއީލުގެ ގާނޫނުގެ ދަށުން މަނާކަމެކެވެ. ފަހުން 1993 އިން 1999 އަށް އަރަފާތުގެ ސިޔާސީ މުޝީރުގެ މަގާމު ވެސް އޭނާ ފުރުއްވިއެވެ.

1996 ގައި "ތަޢާލް" ޕާޓީ އުފެއްދެވުމަށްފަހު، 1999 ގެ އިންތިޚާބުގައި އިއްތިހާދެއްގެ ތެރެއިން ކްނެސެޓަށް އިންތިޚާބުވެވަޑައިގެންނެވި ތީބީ ވަނީ ޖެހިޖެހިގެން އައި ދައުރުތަކުގައި މަޖިލީހުގެ ގޮނޑި ދަމަހައްޓަވާފައެވެ.

ކްނެސެޓްގެ ތެރޭގައި އިސްރާއީލުގެ ސިޔާސަތުތަކަށް ސީދާ ބަސް ވިދާޅުވާ ޠީބީ މަޝްހޫރު ވެފައިވަނީ ގުދުސް އާއި 1948 ގެ ސަރަހައްދުތަކުގައި ބޭންގި ގޮވުން މަނާކުރަން އިސްރާއީލު ސަރުކާރުން އުޅުމުން، ކްނެސެޓްގެ ތެރޭގައި ކޮޅަށް ތެދުވެވަޑައިގެން ބޭންގި ގޮވައި އިހުތިޖާޖު ކުރެއްވި ހާދިސާއިންނެވެ. އޭނާ ދަނީ އިސްރާއީލަކީ ނަސްލީ އެކަހެރިކުރުމުގެ "އެޕާރތައިޑް" ސިޔާސަތު ހިންގާ ދައުލަތެއްގެ ގޮތުގައި ސިފަކުރައްވައި، އަރަބިންނަކީ ގައުމީ ބައިމަދު ބަޔެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލައްވަމުންނެވެ.

އަސްކަރީ މައިދާން ގައި ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވާ ނިކަމެތިކަމާ ދެކޮޅަށް ވަކާލާތުކުރެއްވުމުގެ ތެރެއިން 2000 ވަނަ އަހަރުގެ އަގްސާ އިންތިފާޟާގައި އަލްއަގްސާ މިސްކިތަށް ޔަހުދީ މުޖުރިމު އަރިއެލް ޝެރޯން ވަދެގަތުމުން އެކަމާ ދެކޮޅަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް އޭނާގެ އަތްޕުޅު ވަނީ ބިންދައިގެން ގޮސްފައެވެ. އަދި ޖެނީން ރެފިއުޖީ ކޭމްޕުގައި ސިފައިން ހިންގި އުދުވާންތަކާ ދެކޮޅަށް އަޑުއުފުއްލެވުމުން އޭނާގެ ދުސްތޫރީ ރައްކާތެރިކަން އަތުލުމަށްވެސް އިސްރާއީލުން މަސައްކަތްކުރިއެވެ.

2026 ވަނަ އަހަރުގެ ކްނެސެޓް އިންތިޚާބުގައި ޔޫސުފް ޖަބާރީން އިސްކޮށް ހުންނަވާ "ޖޮއިންޓް ލިސްޓު" އިއްތިހާދުގެ ބަރުލަމާނީ ރައީސްގެ ގޮތުގައި ވާދަކުރައްވައި، ޠީބީ ވަނީ އަރަބި އާންމުންގެ ވޯޓުތަކުން އިސްރާއީލުގެ ސަރުކާރު އެކުލަވާލުމުގެ ނުފޫޒު ބަދަލުކޮށްލެވިދާނެކަން ސާބިތުކޮށްދެއްވާފައެވެ.

އޭނާގެ މައިގަނޑު ސިޔާސީ އަމާޒަކީ ބެންޖަމިން ނަތަންޔާހޫ އާއި، ހަރުކަށި ވަޒީރުން ކަމަށްވާ އިތަމާރް ބެން-ގްވީރު އަދި ބެޒަލެލް ސްމޮޓްރިޗް ވެރިކަމުން ދުރުކުރުމެވެ.

ޠީބީގެ ސިޔާސީ ފިކުރަކީ 1967 ގެ ކުރީގެ އިންތަކުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމާއެކު ދެ ދައުލަތުގެ ހައްލަށް ތާއީދުކުރުމާއި، ފަލަސްތީނުގެ ރެފިއުޖީން އެމީހުންގެ ވަޒަނަށް އަނބުރާ އައުމުގެ ހައްގު ކަށަވަރުކުރުމެވެ. ހުޅަނގު އައްސޭރި ގައި އިސްރާއީލުން ހިންގާ ވަޒަންވެރިވުމުގެ މަޝްރޫއުތަކަކީ "ނުރައްކާތެރި ކެންސަރެއް" ގެ ގޮތުގައި ސިފަކުރައްވާ ޠީބީއަކީ، ކްނެސެޓްގެ ތެރޭގައި އަރަބި އާންމުންގެ ހައްގުގައި ވަކާލާތުކުރުމުގައި ފަސްޖެހުމެއްނެތި ސާބިތުވެ ހުންނެވި ސިޔާސީ ލީޑަރެކެވެ.

ހިއްސާ ކުރައްވާ!