އިސްރާއީލުން ޣައްޒާ ގައި ހިންގަމުންދާ ޖެނޮސައިޑް އަސްކަރީ ހަރަކާތްތަކާއި، ދިގުދެމިގެންގޮސްފައިވާ ނަސްލު ނައްތާލުމުގެ އަމަލުތަކަކީ ކުއްލިއަކަށް ކުރިމަތިވި ހާދިސާއެއް ނޫން ކަމަށާއި، އެއީ ދުރާލާ ރޭވި ސިޔާސީ ނިންމުންތަކަކާއި، ސިފައިންގެ ސްޓްރެޓެޖީ ތަކުގެ މައްޗަށް ރޭވުންތެރިކަމާއެކު ބިނާކޮށްގެން ހިންގަމުންދާ ބޮޑު ޖަރީމާއެއް ކަމަށް މަރުވާން ބިޝާރާ އޭނާގެ އައު ފޮތުގައި ލިޔުއްވައެވެ.
މަޝްހޫރު ސިޔާސީ މާހިރު އަދި ނޫސްވެރިޔާ މަރްވާން ބިޝާރާ ގެ ފޮތް: "ޓްވެލްވް ޑޭސް ދެޓް ޝޫކް ދަ މިޑްލް އީސްޓް: އޮރިޖިންސް އޮފް އަ ޖެނޮސައިޑް" ގެ ނަމުގައި ހޭމާކެޓް ބުކްސްއިން ޝާއިޢުކުރި 424 ސަފުހާގެ މި ފޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަނގުރާމަ އިއުލާނުކުރި ހިސާބުން ފެށިގެން، އޮކްޓޯބަރު 19 ގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވައިޓް ހައުސް ގައި ދެއްވި ޚާއްސަ ތަގްރީރާ ހަމައަށް ހޭދަވި 12 ދުވަހަކީ މުޅި މެދުއިރުމަތީގެ މަސްރަހު ބަދަލުކޮށްލި މުހިންމު ދުވސްތައް ކަމަށް ބިޝާރާ ވަނީ ފާހަގަކޮށްފައެވެ. އޭނާ ބަޔާންކުރާ ގޮތުގައި، ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގި ހިސާރުކުރުމާއި، ބައިނަލްއަގުވާމީ މައިދާން ގައި އެމެރިކާއިން ޔަހުދީ ޖެނޮސައިޑަށް ދިން ސިޔާސީ އަދި ދިފާއީ ހިމާޔަތުގެ އަސްލު ފެށިގެންދިޔައީ މި 12 ދުވަހުގެ ތެރޭގައެވެ.

މި ފޮތުގައިވާ ގޮތުން، ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކަކީ 1994 ވަނަ އަހަރުގެ އޮސްލޯ އެއްބަސްވުމަށްފަހު ފަލަސްތީނުގެ ރައްޔިތުންނަށް ދިނުމަށް ވައުދުވި މިނިވަން ދައުލަތާއި ސިޔާދަތީ ބާރުތައް ބިލާހަށް ހަދައި ހުޅަނގު އައްސޭރި އާއި ޣައްޒާ ގައި އިސްރާއީލުގެ އިސްތިއުމާރީ ވެރިކަން ފުޅާކުރުމަށް ހިންގި ސިޔާސަތުތަކުގެ ނަތީޖާއެކެވެ.
2005 ގައި ޣައްޒާއިން އިސްރާއީލުގެ ވަޒަންވެރިން ބޭރުކުރި ކަމުގައި ވިޔަސް، އެ ސަރަހައްދު ހިސާރަކޮށް ވަށާލައި، އެއްގަމާއި ކަނޑާއި ވައިގެ މަގުން ގައްޒާ ހިސާރުކޮށް، ފަލަސްތީނުގެ ސިޔާސީ އެއްބައިވަންތަކަން ވަނީ ރޭވުންތެރިކަމާއެކު ބައިބައިކޮށް ނިގުޅައިގެންފައެވެ.
އިސްރާއީލުގެ ސިފައިން ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީއާއި، "ދަ ގޮސްޕެލް" އަދި "ލެވްއެންޑަރ" ފަދަ އާޓިފިޝަލް އިންޓެލިޖެންސް ސިސްޓަމްތައް ބޭނުންކޮށްގެން ޖެނޮސައިޑް ހަމަލާދޭނެ އަމާޒުތައް އަވަސްކޮށް، އާންމުން މަރުވާ މިންވަރަށް ބެލުމެއްނެތި ޔަހޫދީން ކުރާ މަސައްކަތްތަކަށް ބިޝާރާގެ ގޮތުގައި، އަލިއަޅުވާފައިވެއެވެ.
މީގެއިތުރުން، "ނަކްބާ 2.0″ ގެ ނަމުގައި، ޣައްޒާގެ އުތުރުން ފަލަސްޠީނު ރައްޔިތުން ގެދޮރުން ނެރެ، ސިނާއީ ސަރަހައްދުތަކަށާއި މިޞްރުގެ ސީނާ ސަހަރާއަށް ފޮނުވާލުމަށް ކުރި މަސައްކަތްތަކާއި، "ފެމިން ބައި ޑިޒައިން" ނުވަތަ ރޭވުންތެރިކަމާއެކު ބަނޑަށް ޖެއްސުމުގެ ސިޔާސަތުތައް ޔަހޫދީން ތަންފީޒުކުރި ގޮތުގެ ތަފްސީލުތައް ފޮތުގައި ހިމަނާފައިވެއެވެ.
އދ ގެ އިދާރާތަކުންނާއި ބައިނަލްއަގުވާމީ ކޯޓުތަކުން ނެރުނު އިންޒާރުތަކާއި ހުކުމްތަކަށް ބެލުމެއްނެތް އިރު، އެމެރިކާއިން އިސްރާއީލަށް އަސްކަރީ އެހީތައް ފޯރުކޮށްދީ، ޑިޕްލޮމެޓުން މެދުވެރިކޮށް ދިން ހިމާޔަތަކީ ހަމަލާތައް ކުރިއަށްގެންދިއުމަށް ލިބުނު ބޮޑު ބާރެއް ކަމަށް ބިޝާރާ ލިޔުއްވާފައިވެއެވެ. އަދި އީރާނާއި، ހުރުމުޒު ކަނޑުއޮޅި އަދި މުޅި އިރުމަތީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސް ކޮށް ސަރަހައްދީ ހަނގުރާމައަކަށް މަގުފަހި ކޮށްފައިވަނީ މި ސިޔާސަތުތަކުގެ ސަބަބުން ކަމަށް ވެސް އޭނާ ސިފަކުރެއެވެ.
މި ފޮތް ނިންމާލަމުން ބިޝާރާ ވިދާޅުވެފައިވަނީ، އިސްރާއީލާއި އެމެރިކާއިން އަސްކަރީ ބާރަށް ކުރާ އިތުބާރަކީ ޙަޤީޤަތާ ޚިލާފު ކަމެއް ކަމަށެވެ. އަދި ސަރަހައްދުގެ ސުލްހައާއި ރައްކާތެރިކަން ކަށަވަރު ވާނީ ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމާއި ހައްގުތައް ކަށަވަރުކުރެވިގެން ކަމަށް ވިދާޅުވެއެވެ. އަދި ފަލަސްތީނާއި ޔަހޫދީ އާންމުން އެމީހުންގެ ސިޔާސީ ވެރިންގެ ނަފްރަތުގެ ސިޔާސަތުތަކުން މިނިވަންވެ، އެކުވެރި މުސްތަގުބަލެއް ބިނާކުރުމުގެ މުހިންމުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.






