އިސްރާއީލުން ޣައްޒާ ގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތަކުގެ ތެރޭގައި ހަގީގަތް އޮޅުވާލައި، ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާ ދީގެން މީޑިއާގެ ނިޒާމު ނިޒާމީ ގޮތަކަށް ނައްތާލުމުގެ ބޮޑު ޖަރީމާއެއް ހިންގަމުންދާ ކަމަށް އދގެ ޚާއްސަ ރިޕޯޓަރ ފްރާންސެސްކާ އަލްބަނީޒް އދގެ އާންމު މަޖިލީހަށް ހުށަހެޅުއްވި ރިޕޯޓެއްގައި ތުހުމަތުކުރައްވައިފިއެވެ. އޭނާ ޔަހޫދީ ދައުލަތުގެ މި ޖަރީމާ ސިފަ ކުރެއްވީ "މީޑިއާސައިޑް" ނުވަތަ މީޑިއާ ނައްތާލުމަށް ހިންގާ ޖަރީމާއެއްގެ ގޮތުގައެވެ.
އދގެ 81 ވަނަ އާންމު މަޖިލީހަށް ހުށަހެޅި "ޓްރޫތު އަންޑަރ ދަ ރަބްލް: މީޑިއާ އިން ދަ ޓައިމް އޮފް ޖެނޮސައިޑް" ރިޕޯޓުގައިވާ ގޮތުން، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުގެ ސިފައިން ވަނީ ޣައްޒާގައި 300 އެއްހާ ނޫސްވެރިންނާއި މީޑިއާގެ މަސައްކަތްތެރިން މަރާލައި، 400 އަށްވުރެ ގިނަ ނޫސްވެރިން ޒަޚަމްކޮށްފައެވެ. މީގެ ތެރެއިން 70 އަށްވުރެ ގިނަ ނޫސްވެރިން މަރާލާފައިވަނީ ސީދާ އެ މީހުން ކުރަމުންދިޔަ މަސައްކަތުގެ ބަދަލުހިފުމުގެ ގޮތުންނެވެ. އަދި ހަމަލާތައް ދިން އިރު ގިނަ ނޫސްވެރިން ތިބީ ނޫސްވެރިންކަން އަންގައިދޭ ޖެކެޓާއި ހެލްމެޓް އަޅައިގެން، ލޭބަލް ކުރެވިފައިވާ އުޅަނދުތަކާއި ތަންތާނގައެވެ.
- އަލްބަނީޒްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިސްރާއީލުން ނޫސްވެރިންނަށް ހަމަލާދިނުމަށްފަހު އެ މީހުންނަކީ "ހަނގުރާމަވެރިން" ނުވަތަ "ޓެރަރިސްޓުން" ކަމަށް ސިފަކޮށް އެ ހަމަލާތައް ދިފާއުކުރަން މަސައްކަތްކުރެއެވެ.
- ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކުގެ ދަށުން ނޫސްވެރިންނަކީ ރައްކާތެރިކަން ލިބިގެންވާ އާންމުންނެވެ.
- ނޫސްވެރިންގެ އާއިލާތަކަށް ނިސްބަތްވާ 710 މީހަކު މަރާލައި، އެ މީހުންގެ 150 އަށްވުރެ ގިނަ ގެދޮރު ވަނީ ހަލާކުކޮށްލާފަެވެ.
- ޣައްޒާގެ މުވާސަލާތީ ނިޒާމުގެ 81 އިންސައްތަ މުޅިން ހަލާކުކޮށްލުމުގެ ސަބަބުން ހަގީގަތް ބައިނަލްއަގުވާމީ މައިދާން އަށް ތިލަކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
މި ރިޕޯޓުގައި އިސްރާއީލުގެ މައުލޫމާތު ކޮންޓްރޯލްކުރުމުގެ ނިޒާމަށްވެސް އަލިއަޅުވާލާފައިވެއެވެ. އެގޮތުން އަސްކަރީ ސެންސަރޝިޕް އިންތިހާއަށް އިތުރުކޮށް، 2023 ގެ އޮކްޓޯބަރުން ފެށިގެން ބައިނަލްއަގުވާމީ ނޫސްވެރިން ޣައްޒާއަށް އެތެރެވުން މަނާކުރުމާއި، އަލްޖަޒީރާ އިސްރާއީލުގައި ބޭންކުރުން ފަދަ ކަންކަން ހިމެނެއެވެ.
އަދި ހުޅަނގުގެ މަޝްހޫރު މީޑިއާ ކަމަށްވާ ބީބީސީ، ނިއުޔޯކް ޓައިމްސް އަދި ސީއެންއެން ފަދަ ވަސީލަތްތަކުން ފަލަސްތީނުގެ ރައްޔިތުންގެ އަޑުތައް އޮއްބާލައި، އިސްރާއީލުގެ ވާހަކަތައް ކުރިއަށްނެރޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
- އެގޮތުން ބީބީސީގެ ޚަބަރުތަކުގެ ސުރުޚީތަކުގެ 83 އިންސައްތަ
- ނިއުޔޯކް ޓައިމްސްގެ ސުރުޚީތަކުގެ 65 އިންސައްތައިގައި އިސްރާއީލުގެ މަސްއޫލިއްޔަތު އުނިކޮށްފައިވާ ކަމަށް ކޮންޓެންޓް އެނަލިސިސްތަކާ ހަވާލާދީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އަލްބަނީޒް ވަނީ އދގެ އާންމު މަޖިލީހުން މިފަދަ ޖަރީމާތައް ތަހުގީގުކޮށް ހެކި ބެލެހެއްޓޭނެ މިނިވަން ބައިނަލްއަގުވާމީ ނިޒާމެއް ގާއިމުކުރުމަށާއި، ބައިނަލްއަގުވާމީ މީޑިއާއަށް ޣައްޒާ ހުޅުވާލުމަށް ގޮވާލައްވާފައެވެ. އަދި ނޫސްވެރިންނަށް ދޭ ހަމަލާތަކާއި މީޑިއާ ނައްތާލުމަށް ގޮވާލާ އިސްރާއީލުގެ މަސްއޫލުވެރިންގެ އަމަލުތައް ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ތަހުގީގުކުރުމަށްވެސް ރިޕޯޓުގައި އިލްތިމާސްކޮށްފައިވެއެވެ.
ނަމަވެސް، މި ރިޕޯޓާ ގުޅިގެން އިސްރާއީލަށް ތާއީދުކުރާ ޖަމާއަތްތަކުންނާއި ޔޫއެން ވޮޗް ފަދަ ޖަމްއިއްޔާތަކުން ވަނީ ރިޕޯޓުގެ ހަގީގަތްތަކާމެދު ސުވާލުއުފައްދައި، އަލްބަނީޒްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.






