ޗައިނާގެ އުމުރުން ދުވަސްވީ އާބާދީގެ ނިސްބަތް ކުޑަކުދިންގެ ނިސްބަތަށްވުރެ ފުރަތަމަ ފަހަރަށް އިތުރުވެއްޖެ

ޗައިނާގެ އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް، ނުވަތަ "އޯލްޑް-އޭޖް ޑިޕެންޑެންސީ ރޭޝިއޯ" މުޅި ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ކުޑަކުދިންގެ ނިސްބަތަށްވުރެ އިތުރުވެ، އެ ގައުމުގެ އާބާދީގެ ނިސްބަތް ބަދަލުވަމުންދާކަން މީޑިއާއިން އާންމުކުރި ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

2025 ވަނަ އަހަރުގެ ނިޔަލަށް އެއްކުރި މައުލޫމާތުތަކަށް ބަލާއިރު، ޗައިނާގައި އުމުރުން 65 އަހަރާއި އޭގެ މަތީގެ މީހުންގެ ނިސްބަތް ވަނީ 23.1 އިންސައްތައަށް އަރާފައެވެ. މިއީ އުމުރުން 14 އަހަރުން ދަށުގެ ކުޑަކުދިންގެ ނިސްބަތް ކަމަށްވާ 22 އިންސައްތައަށްވުރެ މަތީ އަދަދެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޗައިނާގައި އުމުރުން 65 އަހަރާއި އޭގެ މަތީގެ 223 މިލިއަން މީހުން ތިބިއިރު، 14 އަހަރުން ދަށުގެ ކުޑަކުދިންގެ މުޅި އާބާދީއަކީ 213 މިލިއަނެވެ.

މި ތާރީޚީ ބަދަލަކީ 2015 ވަނަ އަހަރާ ހަމައަށް ޗައިނާއިން އަމަލުކުރަމުންދިޔަ "އެއް ބައްޗާއަށް ވުރެ ގިނަ ބައްޗާއިން ނުހޯދުމުގެ ސިޔާސަތު" ގެ ދިގުމުއްދަތުގެ އަސަރުތަކާއި، ގައުމަށް އައި އަވަސް އުމްރާނީ ތަރައްގީގެ ސަބަބުން ދަރިން ހޯދާ މިންވަރު އިންތިހާއަށް ދަށްވުމުގެ ނަތީޖާއެވެ. މިއާއެކު، 2025 ވަނަ އަހަރަކީ ޖެހިޖެހިގެން ޗައިނާގެ މުޅި އާބާދީ ދަށްވި ހަތަރު ވަނަ އަހަރެވެ.

މި އިގްތިސާދީ އަދި އިޖުތިމާއީ ގޮންޖެހުމާ ކުރިމަތިލުމަށްޓަކައި ޗައިނާގެ ކަމާބެހޭ އިދާރާތަކުން ދަނީ ޚާއްސަ ސްޓްރެޓެޖީ ތަކެއް އެކުލަވާލައި ތަންފީޒުކުރަމުންނެވެ. އޭގެ ތެރޭގައި އާއިލާތަކަށް ދޭ މާލީ އެހީތެރިކަމާއި، ކުޑަކުދިން ބެލެހެއްޓުމުގެ ނިޒާމުތައް ހަރުދަނާކުރުމާއި، ކައިވެނިކުރުމާއި ދަރިން ހޯދުމަށް ހިތްވަރުދިނުމުގެ ކެމްޕޭންތައް ހިމެނެއެވެ. މީގެއިތުރުން، މަސައްކަތްކުރާ އާބާދީ މަދުވަމުންދާތީ، އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމުގެ ޚިދުމަތްތައް ފުޅާކޮށް، ވަޒީފާއިން ރިޓަޔަރކުރާ އުމުރު މަތިކުރުމުގެ ފިޔަވަޅުުއެޅުންތައްވެސް ސަރުކާރުން ދަނީ އަޅަމުންނެވެ.

ހިއްސާ ކުރައްވާ!