ޗައިނާގެ ކުރީގެ ޒައީމް މާއޯ ޒެޑޮންގަށް ފާޑުކިޔުމުގެ މޭރަމަކުން ވާހަކަދައްކަވާފައިވާ ވީޑިއޯއެއް މީސް މީޑިއާ ގައި އާންމުވުމާ ގުޅިގެން، ފްރާންސާއި ރެއާލް މެޑްރިޑްގެ ތަރި ކިލިއަން އެމްބާޕޭއާއެކު ހަދާފައިވާ ބޮޑެތި ސްޕޮންސަރޝިޕް އެއްބަސްވުންތައް ޗައިނާގެ ދެ ކުންފުންޏަކުން ކުއްލި ގޮތަކަށް އުވާލައިފިއެވެ.
ޗައިނާގެ އެންމެ ބޮޑު އެނަރޖީ ޑްރިންކް އުފައްދާ ދޮންގްޕެންގް ކުންފުނިންނާއި، އެ ގައުމުގެ އެންމެ ބޮޑު ކިރުގެ އުފެއްދުންތައް ބާޒާރަށް ނެރޭ މެންގްނިއު ކުންފުނިން ވަނީ އެމްބާޕޭއާއެކު އޮތް ހުރިހާ ވިޔަފާރި ގުޅުމެއް ވަގުތުން ހުއްޓާލިކަން އިއުލާނުކޮށްފައެވެ. ދޮންގްޕެންގް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގައުމީ އިހުސާސްތަކަށް އިހާނާތްތެރިވާ އެއްވެސް އަމަލަކަށް އެ ކުންފުނިން ޖާގައެއް ނުދޭނެ ކަމަށެވެ. އަދި މެންގްނިއު ކުންފުނިންވެސް ވަނީ ޗައިނާގެ ރައްޔިތުންގެ އިހުސާސްތަކަށް ގެއްލުންލިބޭ ފަދަ ބަސްތަކާއި އަމަލުތަކަށް އެއްވެސް ވަރަކަށް ކެތްނުކުރާނެ ކަމުގެ ސްޓްރެޓެޖީ އެއް ގެންގުޅޭ ކަމަށް ބުނެފައެވެ.
މި މައްސަލަ ފެންމަތިވީ، އިންޓަރނެޓުގައި އޭނާ އަށް ފެނުނު އެންމެ މަޖާ "މީމް" އަކީ ޗައިނާގެ "ޑިކްޓޭޓަރެއްގެ" މޫނުމަތީގައި އޭނާގެ މޫނު ފޮޓޯޝޮޕްކޮށްފައިވާ މީމެއް ކަމަށް އެމްބާޕޭ ބުނާ ވީޑިއޯއެއް އާންމުވުމާ ގުޅިގެންނެވެ. މިއީ 1976 ވަނަ އަހަރު އަވަހާރަވި މިހާރުގެ ކޮމިއުނިސްޓް ޗައިނާގެ ބާނީ މާއޯ ޒެޑޮންގްގެ ފޮޓޯއަށް އަމާޒުކޮށް ބުނެފައިވާ ވާހަކައެއް ކަމަށް ބެލެވޭއިރު، ޗައިނާގެ ސގާފަތުގައި މާއޯއަށް މަލާމާތްކުރުމަކީ ބޮޑު ކުށެއްގެ ގޮތުގައި ބެލެވޭ ކަމެކެވެ.
މި ހާދިސާއާ ގުޅިގެން ޗައިނާގެ އެންމެ ބޮޑު މީސް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ވެއިބޯގައި "ދޮންގްޕެންގްއިން އެމްބާޕޭއާއެކު އޮތް ގުޅުން ނިންމާލައިފި" މި މައުޟޫޢު ވަނީ އެންމެ މަގުބޫލު ޚަބަރަށް ވެފައެވެ. ގިނަ އާންމުން ވަނީ އެމްބާޕޭގެ ބަސްމަގަކީ ރަތް ރޮނގު ހުރަސްކުރުމެއް ކަމަށް ބުނެ، އެނަރޖީ ޑްރިންކް ފުޅިތަކުން އޭނާގެ ފޮޓޯ ނެގުމަށް ގޮވާލާފައެވެ. އަދި ޗައިނާގެ ކުޅިވަރު މީޑިއާ "ދޮންގްޗިއުދީ" އިން ވަނީ މިއީ ޗައިނާގެ ސަޕޯޓަރުންގެ އިހުސާސްތަކަށް ދިން ބޮޑު ހަމަލާ އެއް ކަމަށް ސިފަކޮށްފައެވެ.
މީގެ ކުރިން ސެޕްޓެމްބަރު މަހު ފްރާންސުގެ "ލެކިޕް" ނޫހަށް ދެއްވި އިންޓަވިއުއެއްގައި އެމްބާޕޭ ވަނީ ތާރީޚީ ހަރުކަށި ލީޑަރުންގެ މޫނުމަތީގައި އޭނާގެ ފޮޓޯ ހަރުކޮށްގެން ހަދާ މީމްތަކާ މެދު ވާހަކަދައްކަވާފައެވެ. އެމްބާޕޭ އޭރު ވިދާޅުވީ، ބައެއް މީހުން އެކަން ސަމާސާއަކަށް ކުރި ނަމަވެސް، ތާރީޚުގައި މިލިއަން ބަޔަކަށް އަނިޔާވެރިވި މީހުންނާ އޭނާ އަޅާކިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.







