ހައިޓީގައި ހަރަކާތްތެރިވާ އދ. ގެ ބައިނަލްއަގުވާމީ ސުލްހަބަލަހައްޓާ ފޯސްގައި ހިމެނޭ އެލްސަލްވަޑޯރުގެ ހަތަރު ސިފައިން ގެއްލުނު މައްސަލައާ ގުޅިގެން، ހެއިޓީގެ ގޭންގުތަކަށް "ފިލާވަޅެއް ދިނުމަށް" ތައްޔާރުވުމުގެ ގޮތުން ހައިޓީއަށް އިތުރު ސިފައިން ފޮނުވުމަށް އެލްސަލްވަޑޯރުގެ ރައީސް ނަޖީބް ބުކެލެ ނިންމެވި ނިންމެވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތާއީދުކުރައްވައިފިއެވެ.
އެލްސަލްވަޑޯރުގެ 2،000 އަށްވުރެ ގިނަ ސިފައިން ހައިޓީއަށް ފޮނުވުމުގެ އޮޕަރޭޝަން މިހާރު ވަނީ ފަށާފައެވެ. ހެއިޓީއަކީ ސަރުކާރުގެ ބާރު ނުހިނގާ ގޭންގްތައް ހިންގާ ގައުމެކެވެ.
އެލްސެލްވަޑޯރުން ބުނަނީ ކުރިއަށް އޮތް ތަނުގައި ސިފައިންގެ އަދަދު ދެގުނަ ނުވަތަ ތިންގުނައަށް އިތުރުވެގެންދާނެ ކަމަށެވެ. އެލްސަލްވަޑޯރުގައި ގޭންގުތަކާ ދެކޮޅަށް ހިންގި ވަރުގަދަ އޮޕަރޭޝަންތަކާއެކު ކުށްކުރުން މަައްޗަށް ދިއުން ކޮންޓްރޯލްކުރެއްވި ރައީސް ބުކެލެ، މިފަހަރު ގެންގުޅުއްވަނީ ބައިނަލްއަގުވާމީ އުސޫލުތަކުގެ ބޭރުން ސީދާ އަސްކަރީ ގޮތުން ހެއިޓީއަށް ތަދައްޚުލްވުމުގެ އާ ސްޓްރެޓެޖީއެއްކަމަށް މީޑިއާއިން ބުނެއެވެ.
ނިއުޔޯކް ޓައިމްސްއިން ރިޕޯޓު ކުރި ގޮތުގައި ބުކެލެގެ މި އަމަލަކީ ބައިނަލްއަގުވާމީ ގަވާއިދުތަކަށް ބެލުމެއްނެތް، ސީދާ ބާރުގެ ބޭނުންކުރުމުގެ އާ މޮޑެލެކެވެ. ނަމަވެސް، މި ފިޔަވަޅުގެ ސަބަބުން ހައިޓީގެ މައްސަލަ އިތުރަށް ގޯސްވެ، ލޭއޮހޮރުވުން އިތުރުވެގެންދާނެ ކަމުގެ އިންޒާރު ދީފައި ވެއެވެ.
ކައުންސިލް އޮން ފޮރިން ރިލޭޝަންސްގެ މާހިރަކު އިންޓަރނޭޝަނަލް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހައިޓީގެ މިހާރުގެ ސަލާމަތީ މަސްރަހު ހުރީ ހަމަޖެހުމަކާ ދިމާއަށް މިސްރާބުޖަހާފައެއް ނޫނެވެ. އަދި އެގައުމުން ފެންނަމުންދަނީ ހަމަނުޖެހުންތައް އިތުރަށް ވަރުގަދަވެ، ހަނގުރާމައިގެ މައިދާން ފުޅާވެގެންދާ މަންޒަރު ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބުކެލެގެ ފިޔަވަޅަށް ތާއީދުކުރުމާއެކު، ސަރަހައްދީ ގައުމުތަކާއި ބައިނަލްއަގުވާމީ ޑިޕްލޮމެޓުން ވަނީ ހައިޓީގެ އާންމު ރައްޔިތުންގެ ސަލާމަތާމެދު ކަން ބޮޑުވުން ފާޅުކޮށްފައެވެ.


