ސޫދާނުން އީތިއޯޕިއާއާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި

ސޫދާނުގެ އަސްކަރީ ސަރުކާރުން އީތިއޯޕިއާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް، އދ. ގެ ސަލާމަތީ މަޖިލީހަށާއި އެފްރިކަން ޔޫނިއަން (އޭ.ޔޫ) އަށް މައްސަލައެއް ހުށަހަޅައިފިއެވެ. ސޫދާނުން ބުނާގޮތުގައި، އެ ޤައުމާ ދެކޮޅަށް ހަނގުރާމަކުރަމުންދާ އާރް.އެސް.އެފް ހަނގުރާމަވެރި ޖަމާޢަތުން އީތިއޯޕިއާގެ ވާގިވެރިކަމާއެކު ބިން ބޭނުންކޮށްގެން ސޫދާނުގެ މަދަނީ މަރުކަޒުތަކަށް ޑްރޯން ހަމަލާތައް ދެމުންދެއެވެ.

އާދީއްތަ ދުވަހު ސޫދާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި، އީތިއޯޕިއާގެ މި ޢަމަލު ސިފަކޮށްފައިވަނީ "ފާޅުކަން ބޮޑު ޢުދުވާނެއް" ގެ ގޮތުގައެވެ. އަދި ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް އީތިއޯޕިއާގެ ސަރަޙައްދު ބޭނުންކޮށްގެން ދެމުންދާ މިފަދަ ހަމަލާތަކަކީ ސޫދާނުގެ ސިޔާދަތަށް އަރައިގަތުން ކަމަށް ވަނީ ފާހަގަކޮށްފެވެ.

ސޫދާނުގެ ސިފައިންގެ ބެލުމުގެ ދަށުން ހިންގަމުންދާ ޓްރާންސިޝަނަލް ސޮވެރިން ކައުންސިލުން އާދީއްތަ ދުވަހު އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، ހަމައެކަނި މިއަހަރުގެ ތެރޭގައިވެސް އީތިއޯޕިއާގެ ސަރަޙައްދުތަކުން 187 ޑްރޯން ފޮނުވައިގެން 70 ހަމަލާއެއް ދީފައިވެއެވެ. މި ހަމަލާތަކުގެ ސަބަބުން 500އަށްވުރެ ގިނަ މީހުން މަރުވެ، ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ޚާއްސަކޮށް، ހޮސްޕިޓަލްތަކާއި، ކަރަންޓު އަދި ތެޔޮ ފޯރުކޮށްދޭ މަރުކަޒުތަކަށް މި ހަމަލާތައް އަމާޒުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

އީތިއޯޕިއާއިން މި ތުހުމަތުތައް ދޮގުކުރެއެވެ. އިތިއޯޕިއާއިން ބުނަނީ ސޫދާނުގެ ސިފައިންނަކީ އިތިއޯޕިއާގެ ހަނގުރާމަވެރި ޓިގްރޭ ޕީޕަލްސް ލިބަރޭޝަން ފްރަންޓް (ޓީ.ޕީ.އެލް.އެފް) އާ ގުޅުންހުރި ބާޣީންނަށް އެހީތެރިވަމުންދާ ބައެއް ކަމަށެވެ. ނަމަވެސް ޚަރްޡޫޤުން ވަނީ އެ ތުހުމަތުތައްވެސް ބާތިލުކޮށްފައެވެ.
2023 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ސޫދާނުގައި ސިފައިންނާއި އާރް.އެސް.އެފް އާ ދެމެދު ހިނގަމުންދާ ދާޚިލީ ހަނގުރާމަ އަދިވެސް ކުރިއަށް ދެއެވެ.

ހިއްސާ ކުރައްވާ!