ބުރުކީނާ ފާސޯއިން މަރުގެ އަދަބު އިއާދަކޮށް، ރީތީގެ މުބާރާތްތައް ބޭއްވުން މަނާކޮށްފި

ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ބުރުކީނާ ފާސޯގެ ސަރުކާރުން ގައުމީ ސަލާމަތާއި ސގާފީ އާދަކާދަތައް ދެމެހެއްޓުމުގެ ނަމުގައި މަރުގެ އަދަބު އަލުން އިއާދަކޮށް، މުޅި ގައުމުގައި ރީތީގެ މުބާރާތްތައް ބޭއްވުން މަނާކޮށްފިއެވެ.

ބުރުކީނާ ފާސޯގެ އިންތިގާލީ މަޖިލީހުގެ 71 މެމްބަރުންގެ އިއްތިފާގުން ފާސްކުރި އާ ޖިނާއީ ގާނޫނުގެ ދަށުން، 2018 ވަނަ އަހަރު އުވާލި މަރުގެ އަދަބު ވަނީ އަލުން އިއާދަކޮށްފައެވެ. މި ގާނޫނުގެ ދަށުން ޓެރެރިޒަމްގެ އަމަލުތަކާއި، ގައުމަށް ޚިޔާނާތްތެރިވުމާއި، ޖާސޫސްކުރުން ފަދަ ކުށްތަކަށް މަރުގެ އަދަބު ދެވޭނެއެވެ. މިއީ 1988 ވަނަ އަހަރަށްފަހު އެ ގައުމުގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ގާނޫނީ ހުއްދަ ލިބުނު ފުރަތަމަ ފަހަރެވެ.

މި ނިންމުމާ ގުޅޭގޮތުން އެ ގައުމުގެ ޖަސްޓިސް މިނިސްޓަރު އެޑާސޯ ރޮޑްރިގް ބަޔާލާ ވިދާޅުވީ، ގައުމަށް ކުރިމަތިވެފައިވާ ޓެރެރިޒަމްގެ ބިރުވެރިކަމާ ދެކޮޅަށް ހަރުކަށި ފިޔަވަޅެއް އެޅުމަށާއި ގައުމީ ސަލާމަތް ވަރުގަދަކުރުމަށް މަރުގެ އަދަބު އަލުން ތަންފީޒުކުރުމަކީ މަޖުބޫރު ކަމެއް ކަމަށެވެ.

މީގެއިތުރުން، ބުރުކީނާ ފާސޯގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ކަލްޗަރ، އާޓްސް އެންޑް ޓޫރިޒަމުން ވަނީ ގައުމީ އާދަކާދަތަކާއި، ސގާފީ ޝަޚުސިއްޔަތާއި އިޖުތިމާއީ އުސޫލުތަކަށް ހުރާމަތްތެރިކޮށް ހިތުމަށް މުބާރާތްތަކެއް ބޭއްވުމުގެ އުސޫލުތައް އެކުލަވާލެވެންދެން، ރީތީގެ މުބާރާތްތައް ބޭއްވުމާއި އެފަދަ ކަންކަމަށް ހުއްދަ ދޫކުރުން މުޅިން ހުއްޓާލާފައެވެ.

ނަމަވެސް، އަންހެނުންގެ ތައުލީމީ އަދި ސައިންސްގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ދަނީ ޚާއްސަ އިސްނެގުންތަކެއް ގައި މަސައްކަތް ކުރަމުންނެވެ. އެގޮތުން، ރިޔާސީ ގްރޫޕުން އިސްނަގައިގެން ބޭއްވި "ހަކިލީ މޫސޯ" ސައިންސް މުބާރާތުގައި 84 ދަރިވަރުން ބައިވެރިވެފައިވާއިރު، އެ މުބާރާތުން ވަނަތައް ހޯދި އަންހެން ދަރިވަރުންނާ ކެޕްޓަން އިބްރާހީމް ޓްރާއޯރޭ ވަނީ ބައްދަލުކުރައްވައި، ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށް ދިއުމަށް ހިތްވަރު ދެއްވާފައެވެ.

ބުރުކިނާގެ ބަދަލުތަކާއެކު ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހިއުމަން ރައިޓްސް ވޮޗްއާއި އެމްނެސްޓީ އިންޓަރނޭޝަނަލްއިން ބުނެފައިވަނީ، މަރުގެ އަދަބު އަލުން އިއާދަކުރުމަކީ އިންސާނީ ހައްގުތަކަށް އުނިއެރުމުގެ އިތުރުން ސިޔާސީ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ބޭނުންކުރެވިދާނެ ނުރައްކާތެރި ހަތިޔާރެއް ކަމަށެވެ.

2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އަސްކަރީ އިންގިލާބަކުން ވެރިކަމަށް ވަޑައިގެންނެވި އިބްރާހީމް ޓްރާއޯރޭގެ ސަރުކާރުން އަޅަމުންދާ މި ފިޔަވަޅުތަކަކީ ގައުމުގެ ސަލާމަތާއި، ސގާފަތް ދެމެހެއްޓުމަށް އަޅާ ފިޔަވަޅުތައް ކަމަށް ބުނެއެވެ.

ހިއްސާ ކުރައްވާ!