އިތިއޯޕިއާއިން އެރިޓްރިއާއާ ދެކޮޅަށް "ހަނގުރާމަ އިއުލާނުކޮށްފައިވާ" ތީ އެކަން ވަގުތުން ކުށްވެރިކޮށް އިތިއޯޕިއާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެރިޓްރިއާއިން އދގެ ސެކިއުރިޓީ ކައުންސިލަށް ގޮވާލައިފިއެވެ. މިއީ އިތިއޯޕިއާގެ ތިގްރޭ ސަރަހައްދުގެ ހަނގުރާމައާއި ރެޑް ސީގެ ކަނޑުގެ ސަރަހައްދަށް ވެރިވުމުގެ މައްސަލައިގައި ދެ ގައުމުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ބޮޑު ވުމާ ގުޅިގެން އިތިއޯޕިއާއިން ހިންގި އުދުވާނެކެވެ.
އދގެ ސެކިއުރިޓީ ކައުންސިލަށް އެރިޓްރިއާއިން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، އިސްރާއީލުން މަދަދު ލިބިގެން އުޅޭ އިތިއޯޕިއާއިން އެރިޓްރިއާއާ ދެކޮޅަށް ކުރިއަށްގެންދާ ހަނގުރާމައިގެ އަމަލުތަކަކީ ދެ ގައުމުގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބި، މުޅި ސަރަހައްދީ މައިދާން ނުތަނަވަސްކޮށްލާނެ ކަމެއް ކަމަށެވެ. އަދި އަމިއްލަ ދިފާއުގައި މަސައްކަތްކުރާ ކަމަށް ބުނެ އިތިއޯޕިއާއިން ދައްކާ ވާހަކަތަކަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ބުއްދިއަށް ކުރެވޭ އިހާނެތެއް ކަމަށް ސިފަކޮށް، އދގެ ޗާޓަރުގެ މާއްދާ 7 ގެ ދަށުން އިތިއޯޕިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެރިޓްރިއާއިން ވަނީ އެދިފައެވެ.
މި މައްސަލަ އިތުރަށް ގޯސްވީ، އިތިއޯޕިއާއިން ސެކިއުރިޓީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި، އެރިޓްރިއާގެ ސިފައިން ދެ ގައުމުގެ ދެމެދުގެ އިން ހުރަސްކޮށް އިތިއޯޕިއާގެ އުތުރުގެ ސަރަހައްދުތަކަށް ވެރިވެގަނެފައިވާ ކަމަށް ތުހުމަތުކޮށް، އަމިއްލަ ދިފާއުގައި ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް އެޑިސްއަބާބާއިން ބުނުމާ ގުޅިގެންނެވެ.
އެރިޓްރިއާގެ އިންފޮމޭޝަން މިނިސްޓަރު ވަނީ އިތިއޯޕިއާގެ ބޮޑުވަޒީރު އާބީ އަހުމަދު (ކްރިސްޓިއަނެއް) ޕާލަމެންޓުގައި ދެއްކެވި ވާހަކަފުޅަކަށް ހަވާލާދެއްވައި، މަޝްވަރާ ކޮށްގެން ނުވަތަ ބާރުގެ ބޭނުންކޮށްގެން ނަމަވެސް ރެޑް ސީއަށް ސީދާ ވާސިލުވުމުގެ ސިޔާސަތެއް އިތިއޯޕިއާއިން ގެންގުޅުމަކީ އެރިޓްރިއާގެ ސިޔާދަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވިދާޅުވެފައެވެ.
ބިންބަންދު ގައުމެއްގެ ގޮތުގައި އޮތް އިތިއޯޕިއާއިން ރެޑް ސީގެ އަސަބް ބަނދަރަށް ސީދާ ވާސިލުވުމަށް މަގު ކޮށަމުންދާ ދިއުމަކީ އެރިޓްރިއާއިން ދެކޭގޮތުގައި އެ ގައުމުގެ މިނިވަންކަމަށް އަރައިގަތުމުގެ އަމަލެކެވެ. މި ނުތަނަވަސްކަމުގެ ތެރެއިން އިތިއޯޕިއާއިން އެރިޓްރިއާގެ 10 ޑިޕްލޮމެޓުން ގައުމުން ބޭރުކޮށްލައި އެރިޓްރިއާގެ ވެރިރަށް އަސްމާރާގައި ހުންނަ އެމްބަސީ ބަންދުކުރުމާ ގުޅިގެން އެރިޓްރިއާއިން ވަނީ އިތިއޯޕިއާއާއެކު އޮތް ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލާފައެވެ.
އިތިއޯޕިއާގެ ޚާރިޖީ ވުޒާރާއިން މަޝްވަރާގެ މަގު އިޚްތިޔާރުކުރާނެ ކަމަށް ބުނި ނަމަވެސް، ދެ ގައުމުގެ ސިފައިންގެ މެދުގައި ބޮޑު ކުރިމަތިލުމެއް އުފެދުމުގެ ބިރު ވަނީ ބޮޑުވެފައެވެ. 2020 އިން 2022 އަށް ތިގްރޭ ޕީޕަލްސް ލިބަރޭޝަން ފްރަންޓު (ޓީޕީއެލްއެފް) އާ ދެކޮޅަށް ދެ ގައުމުގެ ސިފައިން އެކީގައި ހަނގުރާމަކޮށްފައި ވެއެވެ. އެ ހަނގުރާމައާ ބެހޭ ގޮތުން ބެލްޖިއަމްގެ ގެންޓް ޔުނިވަސިޓީގެ ދިރާސާވެރިން ލަފާކުރާ ގޮތުގައި އަނިޔާވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ތިގްރޭގެ 500,000 އާންމުން ވަނީ މަރުވެފައެވެ.
އިތިއޯޕިއިން ދަނީ މިސްްރަށްވެސް ގަނާ ކުރަމުންނެވެ. މިސްރުގެ ނީލަ ކޯރަށް ލިބެންވާ ފެނަށް ހުރަސް އެޅުމަށް އިތިއޯޕިއާއިން މަސައްކަތް ކުރަމުންދާ ކަމަށް މިސްރުން ބުނނެއެވެ. ޓްރަމްޕް ވެސް މިއަދު ވިދާޅުވީ އިތިއޯޕިއާއިން މިސްރުގެ ފެން ވަގަށް ނަގާފައިވާ ކަމަށެވެ!




