ނޯވޭގެ ނޯބެލް ކޮމިޓީން 2026 ވަނަ އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ނަވާނެތަމް "ނާވީ" ޕިއްލޭއަށް އަރުވައިފިއެވެ. ހުކުރު ދުވަހު އޮސްލޯގައި އިއުލާނުކުރި 125 ވަނަ ނޯބެލް ސުލްހައިގެ އިނާމު ދެކުނު އެފްރިކާގެ ގާނޫނީ ވަކީލަށް އަރުވާފައިވަނީ ސުލްހައާއި ބައިނަލްއަގުވާމީ ގާނޫނުތައް ކުރިއެރުވުމަށް އެކަމަނާ ކުރެއްވި މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
އދ. އިން އިންސާނީ ހައްގުތަކާ ބެހޭ ކަންކަމަށް ކަނޑައަޅާފައި ހުންނެވި ކުރީގެ ހައިކޮމިޝަނަރު ޕިއްލޭއަކީ ހަނގުރާމައިގެ ޖަރީމާތަކާއި، އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކާއި، ނަސްލު ނައްތާލުމުގެ އަމަލުތަކަށް އަދަބު ދެވޭނެ ގޮތް ހެދުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއްކަމަށް ކޮމިޓީގެ ބަޔާނުގައިވެއެވެ.
"ދުނިޔެއަށް ގިނަ ދުވަސްތަކަކަށްފަހު ކުރިމަތިވެފައިވާ ގިނަ ހަނގުރާމަތަކާއި ނުރައްކާތެރި ގޮންޖެހުންތަކުގެ މި ދަނޑިވަޅުގައި، ބައިނަލްއަގުވާމީ ގާނޫނަކީ ހަމައެކަނި ސުލްހައާއި ރައްކާތެރިކަމަށް އިތުރުކޮށްލެވޭ އެއްޗެއް ނޫނެވެ. އެއީ ކޮންމެހެން ބޭނުންތެރި މަޖުބޫރު ކަމެކެވެ،" ބަޔާނުގައިވެއެވެ.
ކޮމިޓީގެ ރައީސް ޔޯގެން ވަޓްނޭ ފްރައިޑްނެސް ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނީ ނިޒާމަށް "ނުހަނު ބޮޑު ނުވަތަ ނުރައްކާތެރި ފިއްތުންތަކެއް" ކުރިމަތިވެފައިވާ ކަމަށާއި، އެ ނިޒާމުގެ މުއައްސަސާތަކަށް "ހަމަލާތައް އަމާޒުވަމުންދާ" ކަމަށެވެ. އަދި "އަމާންކަމާއި ހަލަބޮލިކަމާ ދެމެދުގައިވާ ހަނި ރޮނގަށް ފާރަވެރިވާ ބަޔަކީ ފަނޑިޔާރުން" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް އަދަބު ދިނުން
އިންޑިއާގެ ތަމަޅަ ދަރިކޮޅަށް ނިސްބަތްވާ ދެކުނު އެފްރިކާގެ އުމުރުން 85 އަހަރުގެ ޕިއްލޭއަކީ 1867 ވަނަ އަހަރު ނަސްލީ ތަފާތުކުރާ ދެކުނު އެފްރުކާގެ އޭރުގެ ނަޓާލް ޕްރޮވިންސްގައި ގާނޫނީ ވަކީލުކަމުގެ މަސައްކަތް އެންމެ ފުރަތަމަ ފެއްޓެވި އަންހެން ބޭފުޅާއެވެ.
އޭނާއަކީ ކުރިން ސުލްހައިގެ އިނާމު ހޯއްދެވި ނެލްސަން މަންޑޭލާގެ އިތުރުން ނަސްލީ ތަފާތުކުރުމާ ދެކޮޅަށް މަސައްކަތްކުރި އެހެން އެކްޓިވިސްޓުންގެ ދިފާއީ ވަކީލެކެވެ. އަދި އޭނާއަކީ ދެކުނު އެފްރިކާގެ ހައިކޯޓުގައި ހިދުމަތް ކުރެއްވި ފުރަތަމަ ކަޅުނަސްލުގެ އަންހެން ފަނޑިޔާރުވެސް މެއެވެ.
އޭގެ ފަހުން އޭނާ ވަނީ ރުވަންޑާއަށް ހާއްސަ ބައިނަލްއަގުވާމީ ޖިނާއީ ޓްރައިބިއުނަލްގައާއި، ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) ގައާއި، އަދި އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ކޮމިޝަންގެ ވެރިޔާގެ މަގާމު ފުރައްވާފައެވެ.
ރުވަންޑާ ޓްރައިބިއުނަލްގައި މަސައްކަތްކުރެއްވި ދުވަސްވަރު، ރޭޕްކުރުމާއި ޖިންސީ އަނިޔާއަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާއެއްގެ ގޮތުގައާއި ނަސްލު ނައްތާލުމުގެ އަމަލެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ޕިއްލޭ އަދާކުރެއްވި ދައުރު ކޮމިޓީން ފާހަގަކުރިއެވެ.
އިސްރާއީލުން ޣައްޒާގައި ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގާފައިވާކަމަށް ވޭތުވެދިޔަ އަހަރު ނިންމި، އދ.ގެ މުސްތަގިއްލު އިންކުއަރީ ކޮމިޝަންގެ ރިޔާސަތު ބެލެހެއްޓެވީވެސް ޕިއްލޭ އެވެ.
"އަޅުގަނޑުމެން ނިންމީ އިސްރާއީލުން ޣައްޒާގައިވާ ފަލަސްތީނުގެ ރައްޔިތުން ނައްތާލުމުގެ ނިޔަތުގައި، ނަސްލު ނައްތާލުމުގެ 4 އަމަލެއް ހިންގުމުގެ މަސްއޫލިއްޔަތު އިސްރާއީލު ދައުލަތުން އުފުލަންޖެހޭނެ ކަމަށް،" އދ.ގެ އާންމު މަޖިލީހަށް ހުށަހެޅުއްވި ހުށަހެޅުއްވުމެއްގައި އެކަމަނާ ވިދާޅުވިއެވެ.
އަދި އިސްރާއީލުގެ ރައީސާއި، ބޮޑުވަޒީރު އަދި ކުރީގެ ދިފާއީ ވަޒީރު ވަނީ ނަސްލު ނައްތާލުމަށް "ހިތްވަރުދީ އެކަމަށް ބާރުއަޅާފައި" ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މިއަންމާ އިން ރޯހިންގާ މުސްލިމުންގެ ނަސްލު ނައްތާލަން މަސައްކަތްކުރި ކަމަށް ކުރެވޭ ތުހުމަތުގެ މައްސަލައިގައި، އެކަމަނާ މިހާރުވެސް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ ފަނޑިޔާރުކަން ކުރައްވަމުން ގެންދަވައެވެ.
މި އިނާމު ލިބުމާ ގުޅިގެން ޕިއްލޭ ވިދާޅުވީ ފުރަތަމަ ހީފުޅުވީ އެއީ ސަމާސާއެއް ކަމަށެވެ. "ވަކީލަކަށް އަދި ފަނޑިޔާރަކަށް ވީތީ، އަދިވެސް އަޅުގަނޑު ބޭނުންވަނީ މިކަން ކަށަވަރުކުރަން،" އެކަމަނާ ފާހަގަކުރެއްވިއެވެ.
12 މިލިއަން ސުވިޑިޝް ކްރޯން 1.2 މިލިއަން) ގެ މި އިނާމު އަރުވާނީ 1895 ވަނަ އަހަރުގެ ވަސިއްޔަތުން މި އިނާމުތައް އުފެއްދެވި ސުވިޑަންގެ އިންޑަސްޓްރިއަލިސްޓް އަލްފްރެޑް ނޯބެލް މަރުވި ދުވަހުގެ މުނާސަބަތުގައި، ޑިސެމްބަރު 10 ވަނަ ދުވަހު އޮސްލޯގައެވެ.
މި ހަފުތާގެ ކުރީކޮޅު ނޯބެލް ކޮމިޓީން ވަނީ ބޭސްވެރިކަމާއި، ފިޒިކްސްއާއި، ކެމިސްޓްރީ އަދި އަދަބިއްޔާތުގެ ދާއިރާއިން އެހެން 4 އިނާމެއް އިއުލާނުކޮށްފައެވެ.
މި އަހަރުގެ ސުލްހައިގެ އިނާމަށް ނޯބެލް ކޮމިޓީއަށް 287 ކެންޑިޑޭޓުންގެ ނަން ހުށަހެޅުނެވެ. އެހެން ވާދަވެރިންގެ ތެރޭގައި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނާއި، ސޫދާނުގެ އިމަރޖެންސީ ޓީމުތަކާއި، ޔޫކްރޭނުގެ ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކާއި، އަދި ބައިނަލްއަގުވާމީ ބޮޑު ދެ ކޯޓު ހިމެނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި އިނާމު ހޯއްދެވުމަށް ވަރަށް ބޭނުން ކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށާފައިވީ ނަމަވެސް، އެ އިނާމު ހައްގުވާކަމަށް އޭނާ ދެކެ ވަޑައިގަންނަވައެވެ.
ވޭތުވެދިޔަ އަހަރުގެ އިނާމު ހޯއްދެވި ވެނެޒުއެލާގެ އިދިކޮޅު ލީޑަރު މާރިއާ ކޮރީނާ މާޗާޑޯ ވަނީ، ޖެނުއަރީ މަހު އެމެރިކާއިން ކުރީގެ ރައީސް ނިކޮލަސް މަދޫރޯވަގަށް ނެގީތީވެ އެކަމުގެ އުފަލުގައި އޭނާގެ މެޑަލް ޓްރަމްޕަށް އަރުވާފައެވެ.
ޕިއްލޭ ވަނީ ސަމާސާ ކުރައްވަމުން އޭނާގެ އިނާމު އެމެރިކާގެ ލީޑަރާ ހިއްސާކުރައްފާނެ ކަމަށް ވިދާޅުވެފައެވެ.
"ތިޔަބޭފުޅުން ތަންކޮޅެއް ބޮޑަށް އަތްތިލަބަޑި ޖައްސަވައިފިނަމަ، އަޅުގަނޑު މި އިނާމު ޓްރަމްޕާ ހިއްސާކޮށްފާނަން،" އިނާމު އިއުލާނުކުރުމާއެކު އަތްތިލަބަޑި ޖަހާ މަންޒަރު ފެންނަ، އެމްނެސްޓީ އިންޓަނޭޝަނަލްގެ ސެކްރެޓަރީ ޖެނެރަލް ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯއެއްގައި ޕިއްލޭ ވިދާޅުވިއެވެ.




