ފްލޮރިޑާ ސްޓޭޓުން ކެއާ އަދި މުސްލިމް ބްރަދަހުޑް ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ކަނޑައަޅައިފި

އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ ގަވަރނަރު ރޮން ޑިސެންޓިސް އާއި އެ ސްޓޭޓްގެ ކެބިނެޓުން ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ކެއާ) އާއި މުސްލިމް ބްރަދަހުޑް އަދި އެންޓި-ފޭސިސްޓް ހަރަކާތް "އެންޓީފާ" އަކީ ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ކަނޑައަޅައިފި އެވެ. ސެޕްޓެމްބަރު 29 ގައި ނިންމި މި ނިންމުމާއެކު، އެމެރިކާގެ ފެޑެރަލް ސަރުކާރުން ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ 90 އަށްވުރެ ގިނަ ބޭރުގެ ޖަމާއަތްތައްވެސް ވަނީ ފްލޮރިޑާގެ ލިސްޓުގައި ހިމަނާފައެވެ.

ޔޫރޯޕިއަން އޮބްޒަވޭޓަރީ ފޯ ކޮމްބެޓިން އެކްސްޓްރީމިޒަމްއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މިއީ މުސްލިމް ބްރަދަހުޑާއި އެ ޖަމާއަތާ ގުޅުންހުރި ކަމަށް އެމެރިކާއިން ތުހުމަތުކުރާ ޖަމާއަތްތަކާ ދެކޮޅަށް ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ. މިއީ ފްލޮރިޑާ ސްޓޭޓްގެ ގާނޫނުގެ ދަށުން ނިންމި ނިންމުމެއް ކަމުން، މީގެ ތެރޭގައި ހިމެނޭ ކެއާ އަކީ އެމެރިކާގެ ފެޑެރަލް ސަރުކާރުން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތެއް ނޫނެވެ.

މި ނިންމުމަށް ކޯޓުން ވަކި ގޮތެއް ނުނިންމައިފިނަމަ، ނޮވެމްބަރު 5 އިން ފެށިގެން މި ގާނޫނަށް އަމަލުކުރަން ފަށާނެއެވެ. ގާނޫނު ތަންފީޒުވާން ފެށުމުން، ފްރޮލިޑާގެ ދައުލަތުގެ އިދާރާތަކާއި، މުނިސިޕަލްޓީތަކާއި، އަދި ސަރުކާރުގެ ބަޖެޓުން ހަރަދުކުރާ ސްކޫލްތަކުން މި ޖަމާއަތްތަކަށް މާލީ އެހީތެރިކަން ދިނުމާއި އެއްބަސްވުންތައް ހެދުން މަނާވާނެއެވެ. އަދި ސްޓޭޓްގެ ސްކޯލަރޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވާ އަމިއްލަ ސްކޫލްތަކަށްވެސް މި ޖަމާއަތްތަކާ ގުޅުން ބޭއްވުން މަނާކުރެވޭނެއެވެ.

1994 ވަނަ އަހަރު އުފެއްދި ކެއާ އަކީ އެމެރިކާގައި މުސްލިމުންގެ ސިވިލް ރައިޓްސް ހިމާޔަތްކުރާ އެންމެ ބޮޑު އެއް ޖަމާއަތެވެ. އެ ޖަމާއަތުން މުސްލިމް ބްރަދަހުޑް ނުވަތަ ހަމާސް ޖަމާއަތާއެކު ގުޅުމެއް އޮންނަ ކަމަށް ބުނާ ވާހަކައަށާއި ޓެރަރިޒަމްގެ ހަރަކާތްތަކުގައި ބައިވެރިވާ ކަމަށް ކުރެވޭ ތުހުމަތުތައް މުޅިން ދޮގުކުރެއެވެ. ކެއާ އާއި އެކޯޕަރޭޝަންގެ ފްލޮރިޑާ ގޮފިން ވަނީ އޮކްޓޯބަރު 1 ގައި މި ނިންމުމާ ދެކޮޅަށް އަލުން ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

އެމެރިކާގެ ސިވިލް ލިރޓީސް ޔޫނިއަން (އޭސީއެލްޔޫ) ގެ ނޭޝަނަލް ސެކިއުރިޓީ ޕްރޮޖެކްޓްގެ ޑިރެކްޓަރު ހިނާ ޝަމްސީ ވިދާޅުވީ، ކެއާ ފަދަ އިތުބާރު ހުރި ޖަމާއަތެއްގެ އަގު ވައްޓާލާ ލޭބަލްއެއް އަޅުވަންޖެހޭ އެއްވެސް ގާނޫނީ ނުވަތަ ޝަރުއީ ސަބަބެއް ނެތް ކަމަށެވެ. އަދި ކެއާ އިން ބުނެފައިވަނީ މި ފިޔަވަޅު ތަންފީޒުވާން ފަށައިފިނަމަ ފްލޮރިޑާގައި އެ ޖަމާއަތުން ކުރިއަށްގެންދާ އިންސާނީ ހައްގުތަކުގެ މަސައްކަތްތައް ހުއްޓި، އޮފީސްތައް ބަންދުކުރަންޖެހޭނެ ކަމަށެވެ.

މީގެއިތުރުން، މި އަހަރުގެ ޖަނަވަރީ މަހު އެމެރިކާގެ ފެޑެރަލް ސަރުކާރުން ވަނީ މިސްރު، އުރުދުން އަދި ލުބުނާން ގައި ހަރަކާތްތެރިވާ މުސްލިމް ބްރަދަހުޑްގެ ގޮފިތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އަދި މާރިޗު މަހު ސޫދާންގެ މުސްލިމް ބްރަދަހުޑް ގޮފިވެސް ވަނީ އެމެރިކާއިން ޓެރަރިސްޓް ލިސްޓުގައި ހިމަނާފައެވެ. ޔޫރަޕާއި އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ދަނީ މުސްލިމް ބްރަދަހުޑާ ގުޅުންހުރި ނެޓްވޯކްތަކުގެ މާލީ މުއާމަލާތްތަކާއި، ދީނީ ހަރަކާތްތައް ވަރަށް ކައިރިން ފާރަވެރިވަމުންނެވެ.

ހިއްސާ ކުރައްވާ!