ސައުދީ އަރަބިއްޔާގައި ބިނާކުރަމުންދާ އަދި ނިމުމުން ދުނިޔޭގެ އެންމެ އުސް އިމާރާތުގެ މަގާމު ހޯދާނެ "ޖިއްދާ ޓަވަރު" ގެ އުސްމިން 500 މީޓަރާ ގާތްވެ، އެމެރިކާގެ ނިއުޔޯކް ސިޓީގައި ހުންނަ އެންމެ އުސް ރެސިޑެންޝަލް އިމާރާތް ކަމަށްވާ ސެންޓްރަލް ޕާކް ޓަވަރުގެ އުސްމިން ފަހަނައަޅައި ގޮސްފި އެވެ.
މި އިމާރާތުގެ އިންޖިނިއަރިން މަސައްކަތްތައް ބަލަހައްޓާ ތޯންޓަން ތޯމަސެއްޓީގެ މެނޭޖިން ޕްރިންސިޕަލް ޖޯން ޕެރޮންޓޯ ހާމަކުރެއްވި ގޮތުގައި، 472 މީޓަރުގެ އުސްމިން ހުންނަ ސެންޓްރަލް ޕާކް ޓަވަރަށްވުރެ އުސްކޮށް މިހާރު ޖިއްދާ ޓަވަރުގެ މަސައްކަތް ވަނީ ކުރިއަށް ގޮސްފައެވެ. އަދި މިހާރު އިމާރާތުގެ އުސްމިން ވަނީ 474 މީޓަރަށް އަރާފައެވެ. މިއީ މި މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ މިންވަރު ދައްކުވައިދޭ ވަރަށް މުހިންމު މޭލުގަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެޑްރިއަން ސްމިތު އަދި ގޯޑަން ގިލް އާކިޓެކްޓްސް (އޭއެސް+ޖީޖީ) އިން ޑިޒައިންކޮށް، ސައުދީ ބިންލާދިން ގްރޫޕް (އެސްބީޖީ) އިން ބިނާކުރާ މި މެގާ ޓަވަރުގެ މަސައްކަތް ނިމޭއިރު، އިމާރާތުގެ އުސްމިން 1،000 މީޓަރަށްވުރެ އުސްވާނެއެވެ. މިއާއެކު، މިހާރު ދުނިޔޭގެ އެންމެ އުސް އިމާރާތުގެ ގޮތުގައި އޮތް ދުބާއީގެ ބުރުޖު ޚަލީފާގެ ރެކޯޑު މުގުރާލެވޭނެއެވެ. 2،717 ފޫޓު (828 މީޓަރު) އުސް ބުރުޖު ޚަލީފާއަކީވެސް އެޑްރިއަން ސްމިތު ކުރިން މަސައްކަތް ކުރެއްވި އެސްއޯއެމް ކުންފުނީގައި ހުންނަވައިގެން ޑިޒައިން ކުރެއްވި އިމާރާތެކެވެ.
ޖިއްދާ ޓަވަރުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާއިރު، އާކިޓެކްޗާ މައިދާން ގައި މިހާރު ދަނީ އާ އިމާރާތްތައް އެންމެ އުހަށް ބިނާކުރުމުގެ ބަދަލުގައި، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ހުރި އިމާރާތްތައް އަލުން ބޭނުންކުރުމުގެ ޚިޔާލު ފަތުރެމުންނެވެ. އިމާރާތުގެ އާކިޓެކްޓް ގޯޑަން ގިލް ފާހަގަކުރެއްވި ގޮތުގައި، މުސްތަގުބަލުގެ އާކިޓެކްޗާ ބިނާވެގެންވާންޖެހޭނީ ހަމައެކަނި އުސްމިނެއްގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި އިމާރާތްތައް ބޭނުންކުރެވޭނެ ސްޓްރެޓެޖީ ތަކަށް އިސްކަންދޭންޖެހެއެވެ.
ނަމަވެސް، ޖިއްދާ ޓަވަރުގެ އިންޖިނިއަރިން ޓީމުން އުއްމީދު ކުރަނީ ކުރިއަށް އޮތް މަސްތަކުގައި އިތުރު ރެކޯޑުތަކެއް މުގުރާލުމަށެވެ. އެގޮތުން، 500 މީޓަރުގެ އުސްމިނަށް ވާސިލުވުމަށްފަހު، ދެން އެންމެ އަވަހަށް ފަހަތަށް ޖައްސާލާނީ ތައިވާނުގެ ތައިޕޭ 101 އިމާރާތެވެ. އަދި 2027 ވަނަ އަހަރުގެ ތެރޭގައި 160 ވަނަ ބުރީގައި ހެދުމަށް ހަމަޖެހިފައިވާ "ސްކައި ޓެރަސް" ގެ ދަގަނޑު އޮނިގަނޑު ރޭވުމުގެ މަސައްކަތް ފެށޭނެ ކަމަށް އިންޖިނިއަރުން މައުލޫމާތުދެއެވެ.
މި އިމާރާތުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާނަމަ، 2028 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މުޅި މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް އާކިޓެކްޗާ ޓީމުން ލަފާކުރެއެވެ.




