ޕްލާސްޓިކް ރީސައިކަލްކުރުމުގެ އާ ޓެކްނޮލޮޖީއެއް ގާއިމުކުރުމަށް މެޓާއިން އެއްބަސްވެއްޖެ

ޕްލާސްޓިކް ކުނި އަލުން ބޭނުންކުރެވޭނެ އާ ގޮތްތަކެއް ތައާރަފުކޮށް، ތިމާވެށްޓާ ރައްޓެހި މަތީ ފެންވަރުގެ މުދާ އުފެއްދުމަށްޓަކައި އެމެރިކާގެ މެކްރޯސައިކަލް ޓެކްނޮލޮޖީސްއާއެކު މެޓާ ކުންފުނިން ގިނަ އަހަރުތަކަކަށް ދެމިގެންދާ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމެރިކާގެ މެސެޗުސެޓްސްގެ ކޭމްބްރިޖްގައި 2023 ވަނަ އަހަރު ސްޓުއާޓް ފެލިޒް އާއި ޖޭން-ޖޯޖް ރޯސަންބޫމް އުފެއްދެވި މެކްރޯސައިކަލް ކުންފުނިން ބުނި ގޮތުގައި، މި މަޝްރޫއުގެ މައިގަނޑު އަސާސަކީ އެ ކުންފުނިން އުފައްދާފައިވާ "ސޮލްވޯޖެނެސިސް" ޓެކްނޮލޮޖީ އެވެ. މި ޓެކްނޮލޮޖީގެ ސަބަބުން ކެމިކަލް މާއްދާތައް ބޭނުންކޮށްގެން، ޕްލާސްޓިކްގެ އަސްލު ފެންވަރު ނުގެއްލޭ ގޮތަށް އަލުން ބޭނުންކުރެވޭނެ މަގުފަހިވެގެންދާނެ އެވެ.

އާންމުކޮށް ކުރިއަށްދާ މެކޭނިކަލް ރީސައިކްލިން ނިޒާމުތަކާ ޚިލާފަށް، މި އާ ޓެކްނޮލޮޖީގެ މައިގަނޑު އަމާޒަކީ ކޮންމެ ފަހަރަކު ރީސައިކަލް ކުރުމުން ޕްލާސްޓިކްގެ ފެންވަރު ދަށަށް ދިއުމުގެ ބަދަލުގައި، އޭގެ އަސްލު މާއްދާތައް ސާފުކޮށް އަލުން އުފެއްދުންތަކުގައި ބޭނުންކުރެވޭނެ ގޮތް ހެދުމެވެ. ޚާއްސަކޮށް، އާންމު ނިޒާމުތަކުން ރީސައިކަލް ކުރަން އުނދަގޫ މަސްހުނި އަދި ތަޣައްޔަރުވެފައިވާ ޕްލާސްޓިކް ކުނިވެސް މި ނިޒާމުގެ ތެރެއިން ސާފުކުރެވޭނެ އެވެ.

މެކްރޯސައިކަލް ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސޮލްވޯޖެނެސިސް މަރުހަލާގެ ސަބަބުން އެހެން ރިސައިކަލް ކުރާ ވަސީލަތްތަކާ އަޅާބަލާއިރު ހަކަތަ ބޭނުންކުރާ މިންވަރު 80 އިންސައްތައާ ހަމައަށް ކުޑަކޮށްދެ އެވެ. އަދި ވާދަވެރި އެހެން ކެމިކަލް ނުވަތަ ބަޔޮލޮޖިކަލް ނިޒާމުތަކާ އަޅާބަލާއިރު، މި ނިޒާމަށް ހިނގާ ޚަރަދު 50 އިންސައްތައާއި 70 އިންސައްތައާ ދެމެދުގެ މިންވަރަކަށް ކުޑަކުރެވެ އެވެ.

މި އެއްބަސްވުމުގެ ދަށުން، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ގޮތުން "އެންވަޔަރަންމަންޓަލް އެޓްރިބިއުޓް ސަޓިފިކެޓްސް" (އީއޭސީ) ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ފުޅިއާއި ބަންދުކުރާ ތަކެތި އުފެއްދުމަށް ބޭނުންކުރާ ޕީއީޓީ ޕްލާސްޓިކް ރީސައިކަލް ކުރުމަށްފަހު މެކްރޯސައިކަލްއިން ސެޓްފިކެޓް ދޫކުރުމުން، މެޓާއިން އެ ސެޓްފިކެޓްތައް ގަންނާނެ އެވެ. މިއީ މެޓާގެ އުފެއްދުންތަކުން ދޫކުރާ ކާބަން މިންވަރު ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ދެ ކުންފުނި ގުޅިގެން ގާއިމުކުރުމަށް ހަމަޖެހިފައިވާ އާ ކާރުޚާނާއާއެކު، އަހަރަކު 5،000 ޓަނުގެ ރީސައިކަލް ކުރެވިފައިވާ ޕެޓް ފުޅި އުފެއްދުމުގެ ގާބިލުކަން ލިބިގެންދާނެ އެވެ. މިއީ ސިނާއީ ސީލަތްތަކަށް ބަރޯސާވާ މިންވަރު ކުޑަކޮށް، މުޅި ދުނިޔޭގެ މާރުކޭޓުގައި ވަށާ ޖެހޭ އިގްތިސާދެއް ގާއިމުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ހިއްސާ ކުރައްވާ!