ޖަރުމަނުވިލާތުގެ ކުރީގެ އިސް ޖާސޫސް ޚިޔާނާތާއި ޖާސޫސްކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފި

ޖަރުމަނުވިލާތުގެ ފެޑެރަލް އިންޓެލިޖެންސް ސާވިސް (ބީއެންޑީ) ގެ ކުރީގެ ރައީސް އޮގަސްޓް ހެނިންގް އާއި އޭނާގެ ކުރީގެ ޗީފް އޮފް ސްޓާފް މަންފްރެޑް ޑީ، ގައުމަށް ޚިޔާނާތްތެރިވެ ޖާސޫސްކުރުމާއި ދައުލަތުގެ ސިއްރުތައް ވަގަށް ނެގުމުގެ ތުހުމަތުތަކެއްގައި އެ ގައުމުގެ ފެޑެރަލް ކްރިމިނަލް ޕޮލިސް އޮފީހުން ހައްޔަރުކޮށްފި އެވެ.

ޖަރުމަނުވިލާތުގެ ފެޑެރަލް ޕްރޮސެކިއުޓާސް އޮފީހުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ފެޑެރަލް ކޯޓް އޮފް ޖަސްޓިސްގެ އިންވެސްޓިގޭޓިން ޖަޖު ނެރުއްވި އަމުރެއްގެ ދަށުން މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އަންގާރަ ދުވަހު ބަވޭރިއާގެ ބާޑް ޓޮލްޒް-ވޮލްފްރަޓްޝައުސެން އާއި ނޯތު ރައިން-ވެސްޓްފޭލިއާގެ ސްޓެއިންފާޓް ކައުންޓީއިން ކަމަށެވެ. މީގެއިތުރުން ފުލުހުން ވަނީ އެ ދެ ސަރަހައްދުގެ އިތުރުން ވެރިރަށް ބާލިންގައި ހުރި އެ މީހުންގެ އަމިއްލަ މުދަލާއި އިމާރާތްތައް ފާސްކޮށްފައެވެ.

ޑިސެމްބަރު 1998 އިން ނޮވެމްބަރު 2005 އަށް ބީއެންޑީގެ ރައީސްކަން ކުރެއްވުމަށްފަހު، ޑިސެމްބަރު 2005 އިން ނޮވެމްބަރު 2009 އަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީގެ ސްޓޭޓް ސެކްރެޓަރީގެ މަގާމު ފުރައްވާފައިވާ ހެނިންގްގެ މައްޗަށް ކޮށްފައިވަނީ ގައުމީ ސަލާމަތާ ގުޅުންހުރި ސިއްރުތައް ބޭރުކޮށް، ގައުމަށް ޚިޔާނާތްތެރިވުމުގެ ތުހުމަތުތަކެކެވެ. މީގެއިތުރުން، ބީއެންޑީއާއި އިންޓީރިއާ މިނިސްޓްރީގައި ހެނިންގްގެ ޗީފް އޮފް ސްޓާފްކަން ކުރުމަށްފަހު، މާޗް 2012 އިން މާޗް 2026 އާ ހަމައަށް ބީއެންޑީގެ އެކި ރައީސުންގެ ޗީފް އޮފް ސްޓާފްގެ މަގާމު ފުރާފައިވާ މަންފްރެޑް ޑީގެ މައްޗަށް އުފުލާފައިވަނީ ޚިޔާނާތްތެރިވުމާއި ޖާސޫސްކުރުމުގެ އަމަލުތަކަށް އެހީތެރިވެދިނުމުގެ ދައުވާއެވެ.

ޕްރޮސެކިއުޓަރުން ހާމަކުރި ގޮތުގައި، 2010 ވަނަ އަހަރުގެ ބަހާރު މޫސުމުގައި މި ދެ މީހުން ވަނީ ފައިސާގެ ބަދަލުގައި ބީއެންޑީގެ ސިއްރު ލިޔެކިޔުންތައް ހެނިންގްއަށް ފޯރުކޮށްދިނުމަށް އެއްބަސްވުމެއް ހަދާފައެވެ. އެގޮތުން ވޭތުވެދިޔަ އަހަރުތަކުގައި މަންފްރެޑް ޑީ ވަނީ އޭޖެންސީގެ އެތެރޭގެ ބޭނުންތަކަށާއި، ފެޑެރަލް ޗާންސެލަރީގައި ބާއްވާ މަތީ ފަންތީގެ ސެކިއުރިޓީ ބައްދަލުވުންތަކަށް ތައްޔާރުކޮށްފައިވާ 2،000 އަށްވުރެ ގިނަ ސިއްރު ލިޔެކިޔުން ހެނިންގްއަށް ފޯރުކޮށްދީފައެވެ.

ތަހުގީގު އިދާރާތަކުން ބުނާ ގޮތުގައި ހެނިންގް ވަނީ މި ސިއްރު މައުލޫމާތުތައް އޭނާގެ އަމިއްލަ ކޮންސަލްޓެންސީ ޚިދުމަތްތައް ވަރުގަދަކުރުމަށް ބޭނުންކޮށްފައެވެ. އަދި ބޭރު ގައުމެއްގެ އިންޓެލިޖެންސް އޮފިސަރަކަށް އެނަލިސިސް ރިޕޯޓެއް ތައްޔާރުކުރުމަށާއި، އެހެން ގައުމެއްގެ ޖާސޫސީ އިދާރާއެއްގެ މަންދޫބަކަށް ސިޔާސީ މަސްރަހުގެ ސިއްރު މައުލޫމާތުތައް ފޯރުކޮށްދިނުމަށްވެސް މި ލިޔެކިޔުންތައް ބޭނުންކޮށްފައިވާ ކަމަށް ޕްރޮސެކިއުޓަރުން ބުނެއެވެ.

މި ތަހުގީގު ފެށިގެންދިޔައީ ސެޕްޓެމްބަރު 2025 ގައި ހެމްބާގްގެ ޕްރޮސެކިއުޓަރުން ހެނިންގްގެ މުދާ ފާސްކުރުމުގެ ތެރޭގައި ސިއްރު ލިޔެކިޔުންތަކެއް ފެނުމާ ގުޅިގެންނެވެ. މެއި 2026 ގައި ފެޑެރަލް ޕްރޮސެކިއުޓާސް އޮފީހުން މި މައްސަލައިގެ ތަހުގީގު އަތުލައި، ސިފައިންނާއި ބީއެންޑީ އަދި ފެޑެރަލް ކްރިމިނަލް ޕޮލިސް އޮފީސް ގުޅިގެން ވަނީ މައްސަލަ އިތުރަށް ތަހުގީގުކޮށްފައެވެ.

ހިއްސާ ކުރައްވާ!