އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި އަމިއްލަ މައުލޫމާތު ހިއްސާކުރުމުގެ ރައްކާތެރިކަމާމެދު ސުވާލު އުފެދިއްޖެ އެވެ. އޭއައި ޗެޓްބޮޓަކަށް އަންހެނަކު ދިން އިންޒާރަކާ ގުޅިގެން އެމެރިކާގެ ފްލޮރިޑާއިން އެ އަންހެން މީހާ ހައްޔަރުކޮށްފި އެވެ. އެ އަންހެން މީހާ ހައްްޔަރު ކުރީ މަސްނޫއީ ބުއްދި ނުވަތަ މަބްގެ މޮޑެލްއެއް ކަމަށްވާ "ކްލޯޑް" އާއެކު ދެއްކި ވާހަކަތަކެއްގައި ފުލުހުންގެ އިދާރާއަކަށް ހަމަލާ ދޭނެ ކަމަށް ބުނެ އިންޒާރު ދިނުމާ ގުޅިގެންނެވެ.
މިއީ އޭއައި ޗެޓްބޮޓަކާއެކު ކުރެވުނު މުއާމަލާތަކާ ގުޅިގެން ކުންފުނިން އިސްވެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް މައުލޫމާތު ދީގެން މީހަކު ހައްޔަރުކުރި ފުރަތަމަ ހާދިސާ ތަކުގެ ތެރެއިން ހާދިސާއެކެވެ.
މި ހާދިސާއާ ގުޅިގެން، އާންމުން އޭއައި ޗެޓްބޮޓްތަކާއެކު ކުރާ އަމިއްލަ މުއާމަލާތްތަކުގެ ރައްްކާތެރިކަމާއި އެފަދަ ނިޒާމުތައް އުފައްދާ ކުންފުނިތަކުން ސަރުކާރަށް ޖާސޫސްކޮށްދޭ ކަމާ މެދު ވަނީ ބައިނަލްއަގުވާމީ މައިދާން ގައި ބޮޑެތި ބަހުސްތަކެއް އުފެދިފައެވެ.
ޓެކްނޮލޮޖީ ޚަބަރުތައް ގެނެސްދޭ "ދަ ނެކްސްޓް ވެބް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފްލޮރިޑާގެ ލީ ކައުންޓީ ޝެރިފް އޮފީހުން މި އަންހެން މީހާ ހައްޔަރުކުރީ ކްލޯޑްގެ ވެރި އެމެރިކާގެ "އެންތުރޯޕިކް" ކުންފުނިން ދިން ރިޕޯޓަކާ ގުޅިގެންނެވެ. ސެޕްޓެމްބަރު 26 ގައި އެ އަންހެން މީހާ ކްލޯޑްއަށް ފޮނުވި މެސެޖުތަކެއްގައި ފުލުހުންގެ އިދާރާއަކަށް ބަޑިން ހަމަލާއެއް ދޭނެ ކަމަށް ބުނެފައިވާއިރު، ޖެހިގެން އައި ދުވަހު ވަނީ އާ ބަޑިއެއް ހޯދާފައިވާ ކަމަށްވެސް މަބް ގާތު ބުނެފައެވެ.
އެންތުރޯޕިކްގެ އޮޓޮމޭޓެޑް މޮނިޓަރިން ނިޒާމަށް މި މެސެޖުތައް އަތުލައިގަނެވުމާއެކު، ސެކިއުރިޓީ ޓީމުން ވަނީ މައްސަލައިގެ ނުރައްކާތެރިކަމަށް ބަލައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެ މައުލޫމާތު ހިއްސާކޮށްފައެވެ.
ފުލުހުން ސެޕްޓެމްބަރު 30 ގައި އެ އަންހެން މީހާގެ ގެއަށް ގޮސް އޭނާ ހައްޔަރުކޮށްފައިވަނީ އެއްވެސް ކުރިމަތިލުމަކާ ނުލައެވެ. ލީ ކައުންޓީގެ ޝެރިފް ކާރމިން މާސިނޯ ވިދާޅުވި ގޮތުގައި، ތަހުގީގުގައި އަންހެން މީހާ ބުނެފައިވަނީ އޭއައި ޗެޓްބޮޓް އޭނާ ބޭނުންކުރީ އަމިއްލަ ޑައިރީއެއްގެ ގޮތުގައި ހިތަށްއަންނަ ޚިޔާލު ތައް ލިޔުމަށެވެ.
ނަމަވެސް، އޭއައި ވަސީލަތްތައް ބޭނުންކޮށްގެން ދެވޭ ކޮންމެ އިންޒާރަކީ ނުރައްކަލެއްގެ ގޮތުގައި ބަލައި ސީރިއަސްކޮށް ތަހުގީގުކުރާނެ ކަމަށް މާސިނޯ ވިދާޅުވިއެވެ. އަދި އޭއައި މަންސަތަކުގައި އާންމުން ކުރާ ކަންކަމަކީ މުޅިން ވަންހަނާވެވިގެން ކުރެވޭ ކަންކަން ނޫންކަން އެނގެންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޯޓު ރެކޯޑުތަކުން ދައްކާ ގޮތުގައި އެ އަންހެން މީހާގެ މައްޗަށް ވަނީ ފްލޮރިޑާގެ ގާނޫނުގެ 836.10 ގެ ދަށުން، އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން މާރާމާރީއެއް ނުވަތަ ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ލިޔުމުން ދިނުމުގެ ޖިނާއީ ދައުވާ އުފުލާފައެވެ. ކޯޓުން ވަނީ އޭނާއަށް ދިފާއީ ވަކީލަކު ހަމަޖައްސައިދީ، ރަސްމީކޮށް ދައުވާ އިއްވުމުގެ އަޑުއެހުން ނޮވެމްބަރު 2 އަށް ތާވަލުކޮށްފައެވެ.
މި ހާދިސާއާއެކު އޭއައި މޮޑެލްތަކުގެ ސިއްރުވެރިކަމާމެދު ވަނީ ސުވާލުތަކެއް އުފެދިފައެވެ.
އެންތުރޯޕިކް ކުންފުނީގެ އާންމު އުސޫލުތަކަށް ސެޕްޓެމްބަރު 10، 2026 ގައި ގެނައި ބަދަލުތަކުގައިވާ ގޮތުން، އިންސާނަކަށް ނުވަތަ މުދަލަކަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ގަބޫލުކުރެވޭ ހާލަތްތަކުގައި ޔޫޒަރުގެ އަމިއްލަ މައުލޫމާތު ސިފައިން ނުވަތަ ފުލުހުންނަށް ހިއްސާކުރުމުގެ އިޚުތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.




