އަމިއްލަ ކުންފުނިތަކާ ގުޅިގެން މިޞްރުގައި ހިންގާ "އެޕްލައިޑް ޓެކްނޮލޮޖީ" ސްކޫލްތަކުގެ ނެޓްވޯކް އިތުރަށް ފުޅާކޮށް، އެފަދަ ސްކޫލްތައް ހިންގުމަށް އަމިއްލަ ވިޔަފާރިތަކަށް ހިތްވަރުދިނުމުގެ ގޮތުން ދެމެހެއްޓެނިވި މާލީ އިނާޔަތްތަކުގެ ޕެކޭޖެއް އެކުލަވާލުމަށް މިޞްރުގެ ބޮޑުވަޒީރު މުޞްޠަފާ މަދުބޫލީ ކަމާބެހޭ މިނިސްޓްރީތަކަށް އަންގަވައިފި އެވެ.
މިސްރުގެ އައު ވެރިރަށުގައި އޮތް ސަރުކާރުގެ މަތީ ފަންތީގެ ބައްދަލުވުމެއްގައި ބޮޑުވަޒީރު ވަނީ ފައިނޭންސް މިނިސްޓަރުއާއި އެޑިއުކޭޝަން އަދި ޓެކްނިކަލް އެޑިއުކޭޝަން މިނިސްޓަރަށް މި އިންސެންޓިވް ޕެކޭޖް އަވަސް މުއްދަތެއްގެ ތެރޭގައި ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކުރައްވާފައެވެ. މިއީ ޓެކްނިކަލް ތައުލީމާއި ވަޒީފާގެ މައިދާން ގުޅުވާލައި، އުފެއްދުންތެރިކަމާއި، އެކްސްޕޯޓް އަދި ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓަރުން ހީވާގީކަމާއެކު ބައިވެރިކުރުމަށް އެޅި މުހިންމު ސްޓްރެޓެޖީ އެކެވެ.
2018 ވަނަ އަހަރު މިޞްރުން ތައާރަފުކުރި މި މޮޑެލްގެ ދަށުން ސަރުކާރުގެ ސެކަންޑަރީ ޓެކްނިކަލް ސްކޫލްތަކުގައި ކްލާސްރޫމް އުގަންނައި ދިނުމުގެ އިތުރުން އަމަލީ މަސައްކަތުގެ ތަމްރީނު ދިނުމުގައި ބައިނަލްއަގުވާމީ ބައިވެރިންނާއި އަމިއްލަ ކުންފުނިތަކުން ދަނީ ބައިވެރިވަމުންނެވެ. އެގޮތުން ކަރިކިއުލަމް އެކުލަވާލުމާއި، މުދައްރިސުން ތަމްރީނުކުރުމުގެ އިތުރުން ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގައިވެސް މި ކުންފުނިތަކުން ބައިވެރިވެއެވެ.
މިހާރުވެސް އެޕްލައިޑް ޓެކްނޮލޮޖީގެ 225 ސްކޫލް މިސްރުގައި ހިންގަމުން ދެއެވެ. އޭގެ ތެރޭގައި އިޓަލީގެ ކުންފުނިތަކާ ގުޅިގެން ހިންގާ 100 ސްކޫލަކާއި، ޖަރުމަނާއެކު ހިންގާ 38 ސްކޫލް ހިމެނެއެވެ. މި ސްކޫލްތަކުގައި ޓެކްނިކަލް މަސައްކަތްތަކުގެ އިތުރުން ބޭރު ބަސްތަކަށް ޚާއްސަ އިސްކަމެއް ދީގެން ކިޔަވައިދޭތީ، އެ ދަރިވަރުންނަށް މަސައްކަތުގެ މައިދާނުގެ އިތުރުން ބޭރު ގައުމުތަކުންވެސް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދެއެވެ.
ފަހުގެ އެއްބަސްވުންތަކުގެ ތެރޭގައި ފްރާންސްގެ ޑިވެލޮޕްމަންޓް އޭޖެންސީއާއި އާރްއޭޓީޕީ ޑެވް މޮބިލިޓީ ކެއިރޯއާއެކު ބަދްރް ސިޓީގައި ދަތުރުފަތުރުގެ ޓެކްނޮލޮޖީއަށް ޚާއްސަ ސްކޫލެއް ގާއިމުކުރުން ހިމެނެއެވެ. މި ސްކޫލުގެ ކިޔެވުން 2026/2027 ވަނަ ދިރާސީ އަހަރު ފެށުމަށް ހަމަޖެހިފައިވާއިރު، އެތަނުން ތަމްރީނުކުރާނީ ޒަމާނީ ދަތުރުފަތުރުގެ ނިޒާމުތައް އޮޕަރޭޓްކޮށް ބަލަހައްޓާނެ ޓެކްނީޝަނުންނެވެ.
މީގެއިތުރުން ކަރަންޓު އުފެއްދުމާއި އީޖާދީ ދާއިރާއަށް ޚާއްސަކޮށްގެން އިޓަލީގެ ނޯވާ ޓެކްނޮލޮޖީއާއެކު ފައިވް އިލެކްޓްރިސިޓީ ސްކޫލް ތަރައްގީކުރުމާއި، ސިއްހީ ދާއިރާއާއި ރޯމްގެ ޓެކްނޯލޮޖިކަލް އިންސްޓިޓިއުޓް ފޯ ފާމަސޫޓިކަލް އިންޑަސްޓްރީސްއާ ގުޅިގެން ފާމާ ދާއިރާގެ ފަސް ސްކޫލެއް އުފެއްދުންވެސް ހިމެނެއެވެ. އަދި އެލްސެވިޑީ އިލެކްޓްރިކް ފައުންޑޭޝަނާއެކު ޖަރުމަނުގެ މިންގަނޑުތަކަށް ފެތޭ އަދި ޖަރުމަނު ކަރިކިއުލަމަށް ކިޔަވައިދޭ 8 ސްކޫލެއް ގާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
ދަނޑުވެރިކަމުގެ ދާއިރާއިން "ފިއުޗާ އޮފް އީޖިޕްޓް އޮތޯރިޓީ" އާއެކު 26 އެގްރިކަލްޗަރަލް ޓެކްނޮލޮޖީ ސްކޫލް ހިންގާއިރު، އޭޒް ސްޓީލްއާއެކު ޚާއްސަ 7 ސްކޫލަކާއި، ބީ ވިލްއާއެކު ހޮސްޕިޓަލިޓީ ދާއިރާގެ 15 ސްކޫލެއްގެ އިތުރުން އެރަބް އޯގަނައިޒޭޝަން ފޯ އިންޑަސްޓްރިއަލައިޒޭޝަންއާއެކު 3 ސްކޫލެއް ވަނީ ގާއިމުކޮށްފައެވެ.
މިޞްރުގެ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ އަމިއްލަ ސެކްޓަރަކީ ވަޒީފާގެ މައިދާނަށް ބޭނުންވާ ފުރިހަމަ ހުނަރުވެރިން އުފެއްދުމުގައި ސަރުކާރުގެ އެންމެ މުހިންމު ބައިވެރިޔާ ކަމަށާއި، ބޭރުގެ މުހިންމު އިދާރާތަކާއެކު ގުޅުން ބަދަހިކޮށް މި މަޝްރޫއު އިތުރަށް ފުޅާކުރައްވާނެ ކަމަށެވެ.







