ޝަހީދު މުޙައްމަދު އައްދުރާގެ ހަނދާންތައް މިޞްރުގެ ސްކޫލު ފޮތްތަކުގައި

ފަލަސްޠީނުގެ ޖެނޮސައިޑްގައި ޝުހީދު ކޮށްފައިވާ ކުޑަކުދިންގެ ރަމްޒެއްކަމަށްވާ މުޙައްމަދު އައްދުރާ ޝަހީދު ކުރުމުގެ އިރުކޮޅެއް ކުރިން ނަގާފައިވާ މަޝްހޫރު ފޮޓޯ، މިޞްރުގެ އައު މަންހަޖުގެ ދަށުން އެކުލަވާލާފައިވާ ފޮތްތަކުގައި ހިމަނައިފިއެވެ. މިއީ ޤުދުސްގެ އިންތިފާޟާގެ ދުވަސްވަރު، މީގެ 26 އަހަރު ކުރިން ހިނގި ހިތާމަވެރި ޙާދިސާއަށްފަހު، މިފަދަ ފޮޓޯއެއް ޓެކްސްޓް ފޮތްތަކުގައި މިސްރުން ހިމެނި ފުރަތަމަ ފަހަރެވެ.

މިދިޔަ 2000 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު، ޣައްޒާގެ މަގުމަތީގައި ބައްޕަ ޖަމާލް އައްދުރާގެ ފުރަގަހުގައި ފޮރުވިގެން އިންދައި ޔަހޫދީ ޖެނޮސައިޑް ސިފައިން ހަމަލާދީ ޝުހީދުކޮށްލި އުމުރުން އެންމެ 12 ރަބީޢުގެ މުޙައްމަދު އައްދުރާގެ ފޮޓޯއަކީ ޔަހޫދީން ފަލަސްޠީނު މީހުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަން ދައްކުވައިދޭ ރަމްޒެކެވެ. އޭރު މީޑިއާއިން ގެނަސްދިން މި ހިތާމަވެރި މަންޒަރަކީ މުޅި ދުނިޔެ ސިއްސުވާލި ޙާދިސާއެކެވެ.

މިޞްރުގެ ޓެކްސްޓްފޮތްތަކުގައި މުޙައްމަދު އައްދުއްރާގެ ވާހަކަ ހިމެނުމަށް ނިންމުމުން އޭނާގެ ބައްޕަ ޖަމާލް އައްދުރާ ވަނީ އެކަމަށް މަރުޙަބާ ކިޔާފައެވެ. އޭނާ ބުނެފަިއ ވަނީ މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އައު ޖީލުތަކަށް ފަލަސްޠީނުގެ މީހުންގެ ކެކުޅުމާއި ޙަޤީޤަތް އަންގައިދިނުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށެވެ. އަދި މި ފޮޓޯއަކީ ހަމައެކަނި ވޭންދެނިވި ހަނދާނެއް ނޫން ކަމަށާއި، އެއީ ފަލަސްޠީނުގެ ރައްޔިތުންގެ ޢަޒުމާއި ސާބިތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

މި ކަމާ ގުޅިގެން މިސްރުގެ މީސްމީޑިއާގައި ޚިޔާލުފާޅުކުރި ފަރާތްތަކުން ބުނެފައިވަނީ، މިފަދަ ކަންކަމުގެ ސަބަބުން ޢަރަބި އިސްލާމީ ޤައުމުތަކުގެ ޒުވާނުންގެ ހިތްތަކުގައި ފަލަސްޠީނުގެ މައްސަލަ އަބަދުވެސް ތާޒާވެފައި އާވޭވޭ ހުންނާނެ ކަމަށެވެ. އަދި ޣައްޒާގެ ކުދިންނަށް ދިމާވަމުންދާ ދަތިތަކާއި ޤުރުބާނީތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި ތަޢުލީމީ ނިޒާމުތަކުގެ ދައުރު ބޮޑުކަން އެ ފަރާތްތަކުން ފާހަގަކުރެއެވެ.

ހިއްސާ ކުރައްވާ!