ޗައިނާގެ ރައީސް ޝީ ޖިންޕިން އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކޮށް، ޗައިނާ ސަދަން އެއާލައިނުން ގުއާންޒޯއާއި ނިއުދިއްލީއާ ދެމެދު ޝެޑިއުލް ފްލައިޓުތައް މި މަހުގެ 21 ވަނަ ދުވަހު އަލުން ފަށާނެ ކަމަށް އިޢުލާނުކޮށްފިއެވެ. މިއީ ހަ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އެ އެއާލައިނުން އިންޑިއާއަށް ބާއްވާ ދަތުރުތައް އަލުން ފަށާ ފުރަތަމަ ފަހަރެވެ.
މި ޚިދުމަތް އަލުން ފެށުމާއެކު، ދެކުނު އޭޝިޔާގެ އަށް ރޫޓެއްގައި ކޮންމެ ހަފުތާއަކު 100 އަށްވުރެ ގިނަ ފްލައިޓު ބާއްވާނެ ކަމަށް އެ އެއާލައިނުން ހާމަކޮށްފައިވެއެވެ. މީގެ ކުރިން އޭޕްރީލް މަހުގެ ތެރޭގައި އެއާ ޗައިނާއިންވެސް ވަނީ ބެއިޖިންއާއި ދިއްލީއާ ދެމެދު ސީދާ ދަތުރުތައް ފަށާފައެވެ. އަދި ޗައިނާ އީސްޓަން އެއާލައިނުންވެސް ވަނީ ކުންމިންއާއި ކަލްކަތާއާ ދެމެދު ދަތުރުތައް ފަށާފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއި، ސަރަޙައްދީ ހަމަނުޖެހުންތަކާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އޮތް ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް މެދުކެނޑިފައި އޮތުމަށްފަހު، ދެ ޤައުމުގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް ވަނީ އާލާވާން ފަށާފައެވެ.







