އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބާއްވާ 18 ވަނަ ބްރިކްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ހޮނިހިރު ދުވަހު ދިއްލިއަށް ވަަޑައިގެންފިއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ މި ދަތުރުފުޅަކީ 2020 ވަނަ އަހަރު ގަލްވާންގައި ހިނގި ހަމަނުޖެހުންތަކަށްފަހު، ޗައިނާ ލީޑަރު އިންޑިއާއަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ހަވާސާގައި މިއަދު ހަވީރު ބޮޑުވަޒީރު މޯދީއާއި ރައީސް ޝީ ރަސްމީ ބައްދަލުވުމެއް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ޝީގެ އަރިހުގައި ޗައިނާގެ މަތީ ފަންތީގެ އިސް ވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ މަރުކަޒީ ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ ދާއިމީ ކޮމިޓީގެ މެންބަރު ކައި ޗީ އާއި، ސީޕީސީގެ މަރުކަޒީ ކޮމިޓީގެ ޖެނެރަލް އޮފީހުގެ ޑިރެކްޓަރުގެ އިތުރުން ޚާރިޖީ ވަޒީރު ވަންގް ޔީ ހިމެނިވަޑައިގަންނަވައެވެ.
ޗައިނާގެ ރަސްމީ ނޫސް އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި، މި ސަމިޓްގައި ރައީސް ޝީ ޚާއްޞަގޮތެއްގައި އަލިއަޅުއްވާލައްވާނީ ދުނިޔޭގެ ދެކުނުގެ ޤައުމުތަކުގެ މެދުގައި އިޤްތިޞާދީ އަދި ސިޔާސީ އެއްބާރުލުން އިތުރުކުރުމުގެ މައްޗަށެވެ. މީގެ ކުރިން ބިޝްކެކްގައި ބޭއްވި އެސްސީއޯ ސަމިޓްގައިވެސް ރައީސް ޝީ ވަނީ މިޚިޔާލުތައް ފާޅުކުރައްވާފައެވެ. ބްރިކްސް އަދި އެސްސީއޯ ފަދަ ޖަމްޢިއްޔާތަކުގެ މެންބަރު ޤައުމުތައް އެކުގައި މުޅި ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި އަދި މުޅި ދުނިޔޭގެ އިޤްތިޞާދުގެ ގާތްގަނޑަކަށް 30 އިންސައްތަ ތަމްސީލުކުރެއެވެ.
އިންޑިއާ ޗައިނާ ގެ ޑިޕްލޮމެޓިކް ގުޅުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިންޑިއާގައި ހުންނަވާ ޗައިނާގެ ސަފީރު ޒޫ ފެއިހޮންގް ވިދާޅުވީ، ދެ ޤައުމުގެ ވެރިން ކަނޑައަޅާފައިވާ ސްޓްރެޓީޖީ އޮނިގަނޑާ އެއްގޮތަށް ޢަމަލުކުރުމަށާއި، ދިގު މުއްދަތުގެ ނަޒަރަކުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ޗައިނާއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޚިލާފުތައް ރަނގަޅު ގޮތުގައި ޙައްލުކޮށް، އަވަށްޓެރި ރަނގަޅު ޤައުމުތަކެއްގެ ގޮތުގައި އެކަކު އަނެކަކަށް އެހީތެރިވެދިނުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.







