ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ އިންޑިއާ ދަތުރުފުޅާ ދިމާކޮށް ހަރުކަށި ސަލާމަތީ ފިޔަވަޅުތަކެއް އަޅަައިފި

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިއަދު ފަށާ 18 ވަނަ ބްރިކްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް އިންޑިއާއަށް ކުރައްވާ 24 ގަޑިއިރުގެ ދަތުރުފުޅާ ގުޅިގެން، ދިއްލީގައި ހަރުކަށި ސަލާމަތީ ފިޔަވަޅުތަކެއް އަޅައިފިއެވެ. މި ދަތުރުފުޅަކީ 2020 ވަނަ އަހަރު ހިނގި ގަލްވާންގެ ހަމަނުޖެހުމަށް ފަހު ޝީ އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ޝީ ޖިންޕިންގް ގެ އަރިހު ސިޔާސީ އިސް ފަރާތްތަކާއި ޑިޕްލޮމެޓުންނާއި ސެކިއުރިޓީ އޮފިޝަލުން އަދި މެޑިކަލް ސްޓާފުން ހިމެނޭ 67 މެންބަރުންގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުފުޅުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ދިއްލީގައި ނޯ ފްލައި ޒޯންތައް ޤާއިމު ކޯށްފައި ވެއެވެ. އަދި ކެމިކަލް، ބަޔޮލޮޖިކަލް، ރޭޑިއޮލޮޖިކަލް އަދި ނިއުކްލިއަރގެ ނުރައްކާތަކުން ރައްކާތެރިވުމުގެ ގޮތުން ޚާއްޞަ ޗެކްތައް ވަނީ ހޮޓާތަކާއި އެއާޕޯޓް ސަރަޙައްދުގައި ގާއިމް ކޮށްފައެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާގެ ޕްރޮޓޮކޯލާ އެއްގޮތްވާ ގޮތުގެ މަތިން، ދިއްލީ ފުލުހުންނާއި ކަމާބެހޭ އެހެނިހެން އިދާރާތައް ގުޅިގެން ސަލާމަތީ އިންތިޒާމުތައް ވަނީ އިންތިހާއަށް ވަރުގަދަކޮށްފައެވެ. ޚާއްޞަކޮށް ޓިބެޓްގެ އެކްޓިވިސްޓުންގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކާތަކަށް ސަމާލާވާނެ ފިޔަވަޅުވެސް ވަނީ އަޅާފައެވެ.

މީގެ އިތުރުން، ޗައިނާއިން ވަނީ މީގެ ދިހަ ދުވަސް ކުރިން ޚާއްޞަ ކާގޯ ބޯޓެއްގައި ޗައިނާގެ ރައީސްގެ ޚާއްސަ ކާރިކޮޅާއި މުވާސަލާތީ ސާމާނު އިންޑިއާއަށް ގެނަސްފައެވެ.

މި ސަމިޓުގެ ހަވާސާގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރައީސް ޝީ ޖިންޕިންގް މިއަދު ހަވިރު ބައްދަލު ކުރައްވާނެއެވެ.

ހިއްސާ ކުރައްވާ!