އިންޑިއާގައި މިހާރު ކުރިއަށްދާ 18 ވަނަ ބްރިކްސް ސަމިޓްގެ ހަވާސާގައި، އީރާނުގެ ރައީސް މަސްއުދު ޕެޒެޝްކިއަން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަޝްވަރާތަކެއް ބާއްވައިފިއެވެ. ބްރިކްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ނިއުދިއްލީއަށް ވަޑައިގެންނެވި އީރާނުގެ ރައީސް، ހުކުރު ދުވަހުގެ ހަވީރު އިންޑިއާގެ ދީނީ އިލްމުވެރިންނާއި، މުފައްކިރުންނާއި އަދި ވިޔަފާރީގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވައި ވާހަކަފުޅުދެއްކެވިއެވެ. ޕެޒެކްޝިއަން ފާހަގަކުރެއްވި ގޮތުގައި، ބޮޑުވަޒީރު މޯދީއާއެކު ބޭއްވި މަޝްވަރާތަކަކީ ސަގާފަތާއި، ޓެކްނޮޖީއާއި، ވިޔަފާރިއާއި، އިލްމީ އަދި އިޤްތިޞާދީ ދާއިރާތަކުން ދެ ޤައުމުގެ އެއްބާރުލުން މުޅިން އައު މަރުހަލާއަކަށް ގެންދިއުމަށް މަގުފަހިވާނެ ބައްދަލުވުމެކެވެ.
"ފުރަތަމަ ކަމަކަށް، އަޅުގަނޑު ފާހަގަކުރަން ބޭނުންވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން" ވާހަކަފުޅު ފައްޓަވަމުން އީރާނުގެ ރައީސް ވިދާޅުވިއެވެ.
މި ދަތުރުފުޅަކީ ބްރިކްސް ޖަމްޢިއްޔާގެ މެންބަރެއްގެ ގޮތުގައި އީރާނުން ބައިވެރިވުމާއި އަދި ހުޅަނގުގެ މާލީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިޤްތިޞާދަށް ކުރަމުންދާ އަސަރުތަކުން އަރައިގަތުމަށް، އީރާނުން މަސައްކަތް ކުރަމުންދާ ދަނޑިވަލަކާ ދިމާވެފައިވާ ބައްދަލުވުމެކެވެ. އިންޑިއާ ފަދަ ބާރުގަދަ އަވަށްޓެރި އަދި އެކުވެރި ޤައުމުތަކާއެކު ވިޔަފާރީގެ މުޢާމަލާތްތައް ފުޅާކުރުމަކީ އީރާނަށް މުހިންމު ކަމެއް ކަމަށް ޕެެކްޝިއަން ވިދާޅުވިއެވެ.
އީރާންގެ ޗާބަރު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަކީ އިންޑިއާއިން އިންވެސްޓްކޮށްފައިވާ މަޝްރޫއެކެވެ. ޕެޒެކްޝިއަން ވަނީ ހަނގުރާމައިގައި އިންޑިއާއިން އީރާނަށް ދިން ތާއީދަށް ޝުކުރު އަދާކުރައްވާފައެވެ.
އިންޑިއާގެ ބޮޑު ވަޒީރު ވަނީ ހުރުމުޒު ކަނޑުއޮޅީގައި ދަތުރުފަތުރުގެ މިނިވަންކަމަށް ބާރުއަޅުއްވައި ވާހަކަ ދައްކަވާފައެވެ.







