އެމެރިކާގެ އެއާލައިނެއް ކަމަށްވާ "ޔުނައިޓެޑް އެއަރލައިން" އިން، އެ ޤައުމުގެ އާންމު ފަސިންޖަރުން އުފުލާ ބޯޓުތަކުގައި ސިއްރިޔާތުގައި އަސްކަރީ ސާމާނާއި ހަނގުރާމަވެރި އުޅަނދުތަކުގެ ބައިތާއް އުފުލަމުންދާކަން ތަޙުޤީޤީ ރިޕޯޓަކުން ހާމަވެއްޖެއެވެ. މި ކަން ހާމަވެފައވަނީ ޝިޕިން ޑާޓާއާއި ލިބިފައިވާ ރަސްމީ ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ތަޙުޤީޤީ ރިޕޯޓަކުންނެވެ.
މި ޙަޤީޤަތް ހާމަކޮށްފައިވަނީ ބައިނަލްއަޤްވާމީ ޑިޕްލޮމެޓިކް އަދި ޙައްޤުތަކަށް މަސައްކަތކުރާ ޖަމްޢިއްޔާތަކެއް ގުޅިގެންނެވެ. މި ކަމާ ގުޅިގެން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ އަހަރުގެ ޖުލައި މަހާއި މިއަހަރުގެ ފެބްރުއަރީ މަހާ ދެމެދުގެ މުއްދަތުގައި، އެ އެއަރލައިން މެދުވެރިކޮށް އިޒްރޭލުން ހިންގާ ޖެނޮސައިޑަށް ބޭނުންވާ އަސްކަރީ 2761 ޝިޕްމަންޓް ވަނީ ފޮނުވާފައެވެ. މި ތަކެތީގެ ތެރޭގައި އެފް-35 މަރުކާގެ ހަނގުރާމަވެރި ބޯޓުތަކަށް ބޭނުންވާ ޚާއްސަ ބައިތަކާއި ، ޓޭންކުފަހަރަށް ބޭނުންވާ ސާމާނުގެ އިތުރުން އަސްކަރީ މުވާޞަލާތީ ނިޒާމުތައް ހިމެނެއެވެ.
މިނުރައްކާތެރި އަދި ސިއްރު ޝިޕްމަންޓްތައް އާންމު ފަސިންޖަރުން ދަތުރުކުރާ ބޯޓުތަކުގައި އުފުލުމަކީ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް މީޑިއާ ދެކެއެވެ. ޚާއްސަކޮށް، މި ތަކެތީގެ ބޮޑު ބައެއް ފޮނުވާފައިވަނީ އިޒްރޭލުގެ އެންމެ ބޮޑު ހަތިޔާރު އުފައްދާ ކުންފުނި ކަމަށްވާ "އެލްބިޓް ސިސްޓަމްސް" އަދި އެ ޤައުމުގެ ސިފައިންގެ މަރުކަޒުތަކަށެވެ.
މި މައްސަލައާ ގުޅިގެން އެމެރިކާގެ ކަމާބެހޭ އިދާރާތަކާއި އެ އެއަރލައިންގެ ފަރާތުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މިފަދަ ސިއްރު ޢަމަލުތަކުގެ ސަބަބުން އެމެރިކާ އިން ޖެނޮސައިޑަށް ވާގިވެރިވާ ކަން ސާބިތު ވެއެވެ..






