ދުވަސްތަކެއް ވަންދެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހައްޔަރުކޮށްފައި ހުރުމަށްފަހު، އެ ޤައުމުގެ ރައީސްގެ ޢަފޫއާންމެއްގެ ދަށުން މިނިވަންވި މަޝްހޫރު ޝާއިރު ޢަބްދުއްރަޙްމާން ޔޫސުފް ޤަރްޟާވީ، އޭނާ މިނިވަން ކުރުމަށް މަސައްކަތްކޮށްދެއްވި ފަރާތްތަކަށް ޚާއްސަ ޝުކުރެއް އަދި ތަޢުރީފެއް ރައްދުކުރައްވައިފިއެވެ. މިއީ އޭނާ ޖަލުން މިނިވަންވެވަޑައިގަތުމަށްފަހު މީސް މީޑިއާގައި ހާމަކުރެއްވި ފުރަތަމަ ޚަބަރެވެ.
މީސް މީޑިއާގެ 'އެކްސް' ގައި ޝާއިޢުކުރެއްވި ބަޔާނެއްގައި ޢަބްދުއްރަޙްމާން ޤަރްޟާވީ ވަނީ، އޭނާގެ މިނިވަންކަމަށްޓަކައި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު ޢަރްދުޣާން ކޮށްދެއްވި ބުރަ މަސައްކަތްތަކާއި ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ތުރުކީގެ ޚާރިޖީ ވުޒާރާއާއި ސިފައިންނާއި އަދި އެ ޤައުމުގެ ޢާންމު ބައެއް ޝަޚުޞިއްޔަތުން އެ މައްސަލާގައި އަދާކުރެއްވި މުހިންމު ދައުރު އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދަތި އުނދަގޫ މި ދަތުރުގައި އޭނާއަށް އެއްބާރުލުން ދެއްވި ޢާއިލީ މެންބަރުންނަށް ވެސް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
މި މައްސަލައިގެ ފަސްމަންޒަރަށް ބަލާއިރު، މިދިޔަ އާދީއްތަ ދުވަހު ޔޫއޭއީގެ ރަސްމީ ނޫސް އޭޖެންސީން ހާމަކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ ރައީސް ވަނީ ޢަބްދުއްރަޙްމާން ޤަރްޟާވީއަށް މާފު ދެއްވާފައެވެ. މިއީ އަބޫދާބީގެ އިސްތިއުނާފު ކޯޓުން އޭނާގެ މައްޗަށް 10 އަހަރުގެ ޖަލު ޙުކުމަކާއި 200,000 ދިރުހަމުގެ ޖޫރިމަނާއެއް ކަނޑައެޅިތާ ކުޑަ ދުވަސްކޮޅެއްގެ ފަހުން ނިންމެވި ނިންމެވުމެކެވެ. ޔޫއޭއީގެ ސިޔާސަތުތަކާ ޚިލާފު ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އޭނާ ހައްޔަރުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ސޫރިޔާއިން ލުބުނާނަށް ވަޑައިގެންނެވި ވަގުތުގައެވެ.
އަމިއްލަ ފުރަތަމަ ބަޔާނުގައި ޤަރްޟާވީ މައިގަނޑު ތިން ކަމަކަށް އަލިއޅުވާލައްވާފައިވެއެވެ. ފުރަތަމަ ކަމަކަށް، އޭނާގެ ޤަބޫލުކުރުންތަކާއި ފިކުރަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށާއި ކުރިންވެސް ހުންނެވި ގޮތަށް ސާބިތުކަމުގައި ދެމިހުންނެވި ކަމަށް ވިދާޅުވިއެވެ. ދެވަނަ ކަމަކަށް، ޖަލުގައި ހޭދަވި ދުވަސްތަކުގައި އެއްވެސް ޖިސްމާނީ ނުވަތަ ޝަފަހީ އަނިޔާއަކާއި ކުރިމަތިލާންޖެހިވަޑައިގެންފައި ނުވާކަން ފާހަގަކުރެއްވިއެވެ. އަދި ތިންވަނަ ކަމަކަށް، މިފަދަ ނިންމުމެއް ނިންމަވައި އޭނާ މިނިވަންކޮށްދެއްވުމުގައި ޔޫއޭއީގެ ރައީސް ޝެއިޚް މުޙައްމަދު ބިން ޒާއިދު އާލަނަޙްޔާން ގެންގުޅުއްވި ޙިކްމަތްތެރިކަމަށް ޝުކުރުއަދާކުރައްވަމުން، އެހެން ވެރިންވެސް ވާދަވެރިންނަށް މާފުދިނުމުގެ ރޫޙު އިސްކުރެއްވުމަށް އޭނާ ގޮވާލެއްވިއެވެ.
ޤަރްޟާވީ އިތުރަށް ވިދާޅުވީ، އޭނާގެ ބައްޕަ މަޝްހޫރު ޢާލިމް ޔޫސުފް ޤަރްޟާވީގެ ވިސްނުންފުޅާއި ފިކުރު ކިޔުންތެރިން ދެނެގަތުމަށް އޭނާގެ ފޮތްތައް މުތާލިއާ ކުރަން އެދޭ ކަމަށެވެ. މި ފޮތްތަކަށް ޔޫއޭއީ އާއި ވައްހާބި ފިކުރުގެ މީހުން ގަޔާ ނުވެއެވެ.
އަދި ކުރިއަށް އޮތް ތަނުގައި ޢާންމު ދިރިއުޅުމާއި މީސް މީޑިއާއާ މުޅިން ދުރުގައި ވަގުތު ހޭދަކުރައްވަން ޤަސްދުކުރައްވާ ކަމަށް ވެސް އޭނާ ހާމަކުރެއްވިއެވެ.






