ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ފަށައިފިއެވެ. މި މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ. މި ރަސްމިއްޔާތުގައި، ދައުލަތުގެ މަތީ ފަންތީގެ ބޭފުޅުންނާއި، އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިތުރުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަހަރުގެ މުބާރާތަކީ އޮނިގަނޑަށް މުހިންމު ބޮޑެތި ބަދަލުތަކެއް ގެނައުމަށްފހު ބާއްވާ ފުރަތަމަ މުބާރާތްކަން ފާހަގަކޮށްލެވެއެވެ. ކުރިން މުއައްސަސާތައް މެދުވެރިކޮށް ބައިވެރިވަމުން އައި އުޞޫލު ބަދަލުކޮށް، މިއަހަރު ކޮންމެ ފަރުދަކަށްވެސް އަމިއްލަ ހައިސިއްޔަތުން ބައިވެރިވެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
ޖުމްލަ 7 އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގައި، ރާއްޖޭގެ އެކި ސަރަޙައްދުތަކުން 3050 ބައިވެރިން ރަޖިސްތްރީ ކޮށްފައިވެއެވެ. އޭގެތެރެއިން އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލަށް ހޮވިފައިވަނީ 379 ބައިވެރިންނެވެ.
މުބާރާތުގެ ފެންވަރު މަތިކުރުމުގެ ގޮތުން ގެނެވުނު އަނެއް ބަދަލަކީ، ކިޔެވުމަށް އިންސާފުކުރުމަށް ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ޕެނަލްތަކުގައި ބައިނަލްއަޤުވާމީ ފެންވަރުގެ މަދުވެގެން 1 ފަނޑިޔާރަކު ހިމެނުމެވެ. ސެމީ ފައިނަލް ބުރުގެ ކިޔެވުންތައް މިހާރު ކުރިއަށްދާއިރު، ފައިނަލް ބުރުގެ ކިޔެވުންތައް އަންނަ ހަފުތާގެ މެދުތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޤައުމީ މި މުބާރާތަކީ ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު އަދި އެންމެ ޝަރަފުވެރި މުބާރާތަށް ހެދުމުގެ މަޤުޞަދުގައި، މި މުބާރާތަށް ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މުބާރާތުން އެއްވަނަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދިނުމަށްވެސް ވަނީ ރޭވިފައެވެ.





