ޔޫއޭއީން ދެކެނީ އަލްޖީރިއާގެ ނިންމުމަކީ ވަގުތީ ނިންމުމަކަށް ވާނެ ކަމަށް

އަލްޖީރިއާއިން ސިޔާސީ ގުޅުން ކަނޑާލުމާ ގުޅިގެން ޔޫއޭއީގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަލްޖީރިއާގެ މި ނިންމުމަކީ ވަގުތީ ކަމަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުމާއި އަޚުއްވަންތަކަން ދެމެހެއްޓުމަށް ޔޫއޭއީން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް އެ ވުޒާރާ ބުނެއެވެ.

ދުވަސްތަކެއް ވަންދެން ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވެ، ޔޫއޭއީއާ އެކު އޮތް ޚާރިޖީ ގުޅުންތައް މުޅިން ކަނޑާލައިފި ކަމަށް އަލްޖީރިއާގެ ސަރުކާރުން އިއުލާން ކުރީ އިއެްޔެއެވެ. އަލްޖީރިއާގެ ޚާރިޖީ ވުޒާރާއިން ނެރުނު ރަސްމީ ބަޔާނެއްގައި ވާގޮތުން، ޔޫއޭއީގެ ފަރާތުން ފެންނަމުންދާ ނުރައްކާތެރި އަދި ޢަދާވާތްތެރި ޢަމަލުތަކުގެ ސަބަބުން، ދެ ޤައުމުގެ ގުޅުން ދަމަހައްޓަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބުވެފައެވެ. އެ ޤައުމުން ތުހުމަތުކުރާ ގޮތުގައި، ޔޫއޭއީގެ ސިޔާސަތުތައް ބައްޓަންވެފައިވަނީ އަލްޖީރިއާގެ މަސްލަޙަތަށް ގެއްލުން ލިބޭގޮތަށެވެ. މި ނިންމުމާ ގުޅިގެން، އަލްޖީރިއާގައި ހުންނަވާ ޔޫއޭއީގެ ސަފީރު އެ ވުޒާރާއަށް ހާޒިރުކޮށް، 48 ގަޑިއިރުގެ ތެރޭގައި އެ ޤައުމު ދޫކޮށް ދިއުމަށް ވަނީ އަންގާފައެވެ.

ދެ ޤައުމުގެ ދެމެދުގައި އުފެދުނު މި ނުތަނަވަސްކަމުގެ ފަސްމަންޒަރަށް ބަލާއިރު، ހުޅަނގު ސަހަރާގެ މައްސަލައާއި، އެފްރިކާގެ ސާޙިލް ސަރަޙައްދުގެ ކަންކަމުގައި ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން އަހަރުތަކެއް ވަންދެން ޚިޔާލުތުފާތުވުންތައް ވަނީ އުފެދިފައެވެ. އަލްޖީރިއާގެ ރައީސް ޢަބްދުލްމަޖީދު އައްތަބޫން މީގެ ކުރިން ދެއްކެވި ވާހަކަފުޅުތަކުގައި، ޚުދު ޔޫއޭއީގެ ނަން ސީދާ ނުގެންނެވި ނަމަވެސް، ގަލްފްގެ ޤައުމުތަކުގެ ތެރެއިން އެއް ޤައުމަކުން އަލްޖީރިއާގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަތްބާނައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވާފައިވެއެވެ.

ހިއްސާ ކުރައްވާ!