ބަހުރައިންގައި ހުންނަ އެމެރިކާގެ މައި މަރުކަޒަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަަށް އެއްބަސްވެއްޖެ

ބަހުރައިންގައި ޤާއިމުކޮށްފައިވާ އެމެރިކާގެ ކަނޑުގެ ސިފައިންގެ މައި މަރުކަޒަށް އީރާނުގެ ހަމަލާތަކުން އިންތިހާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު އިއުތިރާފުވެއްޖެއެވެ. މިއީ މެދުއިރުމަތީގެ މަސްރަހުގައި އެމެރިކާގެ ސްޓްރެޓެޖީއަށް އަދި ސިފައިންގެ ޤާބިލުކަމަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް ފާހަގަކުރެވެއެވެ.

އެމެރިކާގެ ފަސްވަނަ ފްލީޓާއި ސެންޓްރަލް ކޮމާންޑުގެ މައި މަރުކަޒުގެ ގޮތުގައި ބޭނުންކުރާ، ބަހުރައިންގައި ހުންނަ ނެވެލް ސަޕޯޓް އެކްޓިވިޓީ (އެން.އޭ.އެސް.ބީ) މަރުކަޒަށް އީރާނުން އަމާޒުކޮށް ހަމަލާތައް ދީފައިވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާޢީލުން އީރާނާ ދެކޮޅަށް ވައިގެ ހަމަލާތައް ފެށުމާ ގުޅިގެންނެވެ. މި މަރުކަޒަކީ ސަރަޙައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ ސިފައިންގެ ލޮޖިސްޓިކްސްގެ މައި ހަބު ކަމަށްވާއިރު، ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ތަން މަރާމާތުކޮށް އަލުން ބޭނުންކުރަން ފެށުމާ މެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންގެ އިސްވެރިޔާ އެޑްމިރަލް ޑެރިލް ކޯޑްލް ވިދާޅުވެފައިވާ ގޮތުގައި، ލިބިފައިވާ ހަލާކުގެ ބޮޑުކަމުން ސިފައިންނަށް އަނބުރާ އެ މަރުކަޒަށް އަވަހަކަށް ނުވަދެވޭނެވެ. އަދި މި މަރުކަޒަށް ލިބުނު ގެއްލުންތައް ދެނެގަނެ، ކުރިއަށް އަޅާނެ ފިޔަވަޅުތަކާ މެދު މަޝްވަރާކުރުމަށް ޚާއްޞަ ޓާސްކް ފޯހެއް އެކުލަވާލާފައިވާ ކަމަށް ވެއެވެ. މީގެ އިތުރުން، ޖޯޑަންގައި ހުންނަ މުވަފައްޤު ސަލްތީ ވައިގެ ސިފައިންގެ މަރުކަޒަށް ވެސް އީރާނުގެ ބެލިސްޓިކް މިސައިލް ހަމަލާތައް އަމާޒުވެ، އެމެރިކާގެ ބައެއް ބޯޓުތަކަށް ގެއްލުން ލިބިފައިވާކަން ވަނީ ހާމަވެފައެވެ.

ހިއްސާ ކުރައްވާ!