ހަސަނުގެ ގަޔަށް ބަޑިޖަހައިގެން މެރުމަށް ޓްރަންޕް އަމުރުކުރައްވައިފި

އެމެރިކާގެ ޓެކްސަސްގައި އޮންނަ ހޫޑަށް 2009 ގައި ދިން ޓެރަރިސްޓް ހަމަލާގައި 13 މީހުން މެރި، ނިދާލް ހަސަންގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ބަޑިޖަހައިގެން ތަންފީޒުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް އަމުރުކުރައްވައިފި އެވެ.

އޭނާއަކީ އެމެރިކާގެ ސިފައިންގެ ކުރީގެ ސައިކިއަޓްރިސްޓް، މޭޖަރ ނިދާލް ހަސަން އެވެ. ޕެންޓަގަންއިން ހާމަކުރި ގޮތުގައި، އުމުރުން 56 އަހަރުގެ ނިދާލް ހަސަން ބަޑިޖަހައިގެން މެރުމަށް ރައީސް ޓްރަންޕް ނިންމެވީ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ދެއްވި ލަފާފުޅުގެ ތާއީދާއެކުގައެވެ. މިއީ 1961 ވަނަ އަހަރަށްފަހު އެމެރިކާގެ ސިފައިންގެ ތެރޭގައި މަރުގެ ހުކުމެއް ތަންފީޒުކުރާ ފުރަތަމަ ފަހަރަށް ވެގެންދާނެ އެވެ.

ޕެންޓަގަންގެ ތަރުޖަމާނު ޝޯން ކޯނެލް މީސް މީޑިއާގައި ވިދާޅުވީ، 2009 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފޯޓް ހޫޑްގެ މެޑިކަލް ސެންޓަރެއްގައި ނިދާލް ހަސަން ދިން މި ހަމަލާގައި ހަތިޔާރެއް ނެތް ސިފައިންގެ 12 މީހުންނާއި، ޚިދުމަތުން ރިޓަޔާކޮށްފައިވާ ސިފައިންގެ މީހަކު މަރުވެ، އިތުރު 32 މީހުން ޒަޚަމްވި ކަމަށެވެ. ހަމަލާ ދިން ވަގުތު އޭނާ އަޑުގަދަކޮށް ތަކުބީރު ކިޔާފައިވާ ކަމަށް ވެސް ތަރުޖަމާނު ފާހަގަކުރެއްވި އެވެ. މި ވާހަކަ ކަށަވަރެއް ނުކުރެވެއެވެ.

ސިފައިންގެ ކޯޓު މާޝަލްއަކުން 2013 ވަނަ އަހަރުގެ އޮގަސްޓް މަހު ނިދާލް ހަސަންގެ މައްޗަށް މަރުގެ ހުކުމް އިއްވީ ޤަޞްދުގައި މީހުން މެރުމުގެ 45 ދައުވާއެއް ސާބިތުވުމާ ގުޅިގެންނެވެ. އެމެރިކާއިން އިސްލާމީ ޤައުމުތަކުގައި ކުރަމުންދިޔަ ހަނގުރާމަތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް އޭނާ ފަހުން ސިފަކުރި މި ހަމަލާ ދީފައިވަނީ، އޭނާ އަފްޣާނިސްތާނަށް ފޮނުވާލުމަށް ކުޑަދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ. ހަމަލާ ދިނުމުގެ ތެރޭގައި ފުލުހުން ދިން ބަޑީގެ ހަމަލާތަކުގައި އޭނާގެ ހަށިގަނޑުގެ ބައެއް ވަނީ ވާވެފައެވެ. މިހާރު އުޅެނީ ފުރޮޅުލީ ގޮނޑިއެއްގައެވެ.

އެމެރިކާގެ ސިފައިންގެ ޤާނޫނު ބުނާގޮތުން، ސިފައިންގެ ކޯޓަކުން އިއްވާ މަރުގެ ހުކުމެއް ތަންފީޒު ކުރެވޭނީ ރައީސް އެކަމަށް ހުއްދަ ދެއްވުމުންނެވެ. ސިފައިންގެ ވަޒީރު އިންތިޒާމުކުރައްވާ އިދާރީ އުސޫލުތަކުގެ ތެރެއިން ހުކުމް ތަންފީޒުކުރާނެ ތަނާއި ވަގުތު ކަނޑައަޅާނެ ކަމަށް ޕެންޓަގަންއިން ބުނެއެވެ.

އެމެރިކާގެ ފެޑެރަލް ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރުމަށް ބަޑިޖެހުމާއި، ކަރަންޓު ޖަައްސައިގެން  މީހުން މެރުން ފަދަ ވަސީލަތްތައް ހުއްދަކުރީ، މަރުގެ ހުކުމް ތަންފީޒުކުރުމަށް ބޭނުންކުރާ ނާރުތަކަށް ފޮނުވާ ކެމިކަލް އިންޖެކްޝަން ހޯދުމަށް ދަތިތަކެއް ކުރިމަތިވުމާ ގުޅިގެންނެވެ.

މި ނިންމުމާ ގުޅިގެން މަރުގެ ހުކުމާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "ޑެތު ޕެނަލްޓީ އެކްޝަން" އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމެރިކާގެ ސިފައިންގެ ތެރޭގައި އެންމެ ފަހުން ބަޑިޖަހައިގެން މަރުގެ ހުކުމެއް ތަންފީޒުކޮށްފައިވަނީ 1945 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

ހިއްސާ ކުރައްވާ!