އެމެރިކާއިން ހަތް ޝަރުތެއް ފުރިހަމަކުރަންދެން ސްޓްރެޓެޖިކް މުހިންމުކަން ބޮޑު ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނެ ކަމަށް އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވެއްޖެއެވެ.
އީރާނުގެ މަޖިލީހުގައި ތަގުރީރު ކުރައްވަމުން ގާލިބާފް ވިދާޅުވީ، މެދުވެރިއަކު މެދުވެރިކޮށް އެމެރިކާއިން އެންމެ ފަހުން ހުށަހެޅި ހުށަހެޅުންތަކާއެކުވެސް، އީރާނުގެ ނިންމުމަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށެވެ. އަދި އީރާނުގެ ރައްޔިތުންގެ ސާބިތުކޮށް ތިބި ކަމަށާއި އެމެރިކާގެ އުދުވާމުގެ ކުރިމަތީގައި އެމެރިކާ ވަނީ ނިކަމެތިވެފައި ކަމަށާއި، މީސް މީޑިއާގައި އެމެރިކާއިން އެހެން ގޮތަކަށް ވާހަކަތަކެއް ދެއްކި ނަމަވެސް، މަޝްވަރާގެ މޭޒަށް އަންނަން އެމެރިކާއިން މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ގާލިބާފް ފާހަގަކުރެއްވި ގޮތުގައި، އެމެރިކާއިން އަމިއްލައަށް އަންގާ އެންގުންތަކަށް އަމަލުކުރުމުގެ މުއްދަތު ވަނީ ނިމުމަކަށް އައިސްފައެވެ. އަދި އޭނާ ވިދާޅުވީ ޖޫން މަހު ސޮއިކޮށްފައިވާ 14 ނުކުތާގެ ފަހުމުނާމާގެ މައްޗަށް ބިނާކޮށް އީރާނުން ހުށަހަޅާފައިވާ ހަތް ޝަރުތު އެމެރިކާއިން ފުރިހަމަނުކުރަނީސް، ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވައި ނުލާނެ ކަމަށެވެ.
މި މައްސަލަ އިތުރަށް ގޯސްވެފައިވަނީ ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ނައްތާލައި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އިތުރު މަޝްވަރާތަކަށް މަގުފަހިކުރުމަށް ޖޫން މަހު އެކުލަވާލި 14 ނުކުތާގެ ފަހުމުނާމާ ޖުލައި މަހު އުވާލުމާ ގުޅިގެންނެވެ. އެ ފްރޭމްވޯކުގެ ދަށުން 60 ދުވަހުގެ ތެރޭގައި ދާއިމީ އެއްބަސްވުމަކަށް އައުމަށްޓަކައި ރޯޑްމެޕެއް އެކުލަވާލައި، ސިޔާސީ ގޮތުން މަޝްވަރާތައް ބެލެހެއްޓުމަށްޓަކައި މަތީ ފެންވަރުގެ ކޮމިޓީއެއް އެކުލަވާލުމަށް ދެގައުމުން އޮތީ އެއްބަސްވެފައެވެ.
އެ ފަހުމުނާމާގެ ދަށުން ދެގައުމުގެ އިސް ޑިޕްލޮމެޓުން ވަނީ ނިއުކްލިއާ މައްސަލަތަކާއި، އަޅާފައިވާ ދަތިކުރުމުގެ ފިޔަވާޅުތަކާއި، އަދި މައްސަލަތައް ހައްލުކުރާނެ މެކޭނިޒަމްތަކާ ގުޅޭގޮތުން ގްރޫޕްތައް ހަދައިގެން މަސައްކަތްކުރުމަށް ނިންމާފައެވެ. ނަމަވެސް އެ އެއްބަސްވުން ރޫޅިގެންދިޔައީ އެމެރިކާއިން އިސްވެ އުދުވާނީ ހަމަލަ އީރާނަށް ދިއުނުމުންނެވެ.އެކަމުގެ ރައްދުގައި އީރާނުންވެސް ވަނީ ގަލްފު ސަރަހައްދުގައި ހުރި އެމެރިކާ ސިފައިންގެ ބޭސްތަކަށް ހަމަލާތަކެއް ދީފައެވެ.





