ދިވެހި ސިފައިންގެ ކަނޑުމަތީ ބާރު އިތުރުކުރުމަށް 17 މަނަވަރު ހޯދަނީ

ދިވެހި ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ އޮޕަރޭޝަންތައް ފުޅާކުރުމުގެ ގޮތުން އިތުރު 17 އުޅަނދެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާއި، އޭގެ ތެރެއިން ބައެއް އުޅަނދުތައް އަންނަ ނޮވެންބަރު މަހުގެ ތެރޭގައި ލިބޭނެ ކަމަށް ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދު ވިދާޅުވެއްޖެ އެވެ.

އާންމުންނަށް ސަރުކާރުގެ ވަޒީރުންނާ ސުވާލުކުރެވޭ ގޮތަށް އިންތިޒާމުކޮށްގެން ބޭއްވި "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތެރި ކޮންމެ ޙާލަތަކަށް ސިފައިން އަބަދުވެސް ތިބެނީ ފުރިހަމަ ތައްޔާރީ ޙާލަތުގައި ކަމަށެވެ. ނަމަވެސް، އެކަމުގެ ފުރިހަމަ ނަތީޖާ ނެރެވޭނީ ސިފައިންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި އުޅަނދުފަހަރު ފުރިހަމައަށް ހޯދައިދީގެން ކަމަށް ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދަކީ އެކުލެވިގެންވާ ބޮޑު ސަރަޙައްދަކަށްވާތީ، ކަނޑުމަތީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ސިފައިން ހިންގާ ޕެޓްރޯލް އޮޕަރޭޝަންތަކުގެ ދައުރު ވަރަށް މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން، ސިފައިންގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ދެއްވާ ޚާއްސަ އިސްކަމުގެ ދަށުން، ކަނޑުމަތީގެ ފާރަވެރިކަން އިތުރުކުރުމަށް މުޅިން އަލަށް ތިން އުޅަނދެއް މިހާރުވެސް ޚިދުމަތަށް ނެރެފައިވާ ކަމަށް ވިދާޅުވި އެވެ.

ވޭތުވެދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ސިފައިންގެ ޤާބިލްކަން މަތީ ދަރަޖައަކަށް އުފެއްދުމަށް ގުޅުންހުރި ބޭރު ޤައުމުތަކާއެކު މަޝްވަރާތައް ކުރެވިފައިވާކަން ފާހަގަކުރައްވަމުން، މިނިސްޓަރު ވިދާޅުވީ ތުރުކީ އާއި އޮސްޓްރޭލިއާ އިން ހިލޭ އެހީގެ ދަށުން ދެ މަނަވަރު ހޯދާފައިވާ ކަމަށެވެ. މިއީ އެ ޤައުމުތަކާއެކު އޮތް ބަދަހި އެކުވެރިކަމުގެ ތެރެއިން ސިފައިންގެ ކަނޑުގެ ބާރު ވަރުގަދަކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ކަނޑުގެ ސަރަޙައްދުގެ އިތުރުން، ރާއްޖޭގެ ވައިގެ ސަރަޙައްދު ބެލެހެއްޓުމާއި، މަތިންދާބޯޓުފަދަ ވަސީލަތްތައް ބޭނުންކޮށްގެން ފާރަވެރިކަން ހިންގުމަށްޓަކައި ޑްރޯންތައް ހޯދައި، އެ ތަކެތި ސިފައިންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފަށާފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މިއީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ޚާއްސަކޮށް ކަނޑާއި ވައިގެ މަގުން ކަށަވަރު ކުރުމަށްޓަކައި ކުރެވެމުންދާ ކަންކަން،" މިނިސްޓަރު ޙަސަން ރަޝީދު ވިދާޅުވި އެވެ.

 

ހިއްސާ ކުރައްވާ!