ތައިވާނުގެ ރައީސް ލައި ޗިންގް-ތޭގެ އެމެރިކާގައި ދިރިއުޅުއްވާ ދަރިކަލުންނަށް ޗައިނާ ސަރުކާރަށް ޖާސޫސުކޮށް ފާރަލީ ކަމުގެ ތުހުމަތުގައި، އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ކެލިފޯނިއާގެ ރިއަލް އެސްޓޭޓް އޭޖެންޓަކު ހައްޔަރުކޮށްފިއެވެ.
އުމުރުން 34 އަހަރުގެ ވާންޔިންގ "ހެދާ" ޒޭންގް ހައްޔަރުކޮށްފައިވަނީ ޗައިނާގެ ޝަންހާއިއަށް ދިއުމަށް ހަމަޖެހިފައިވާ ފްލައިޓަކަށް އަރަން ތައްޔާރުވެފައިވަނިކޮށް، ލޮސް އެންޖެލިސް އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނާގެ މައްޗަށް ރަސްމީކޮށް އުފުލާފައިވަނީ ބޭރު ގައުމެއްގެ ރަޖިސްޓްރީނުކުރާ އޭޖެންޓެއްގެ ގޮތުގައި އަމަލުކުރި ކަމުގެ ދައުވާއެވެ.
އެފްބީއައިގެ ކައުންޓާ އިންޓެލިޖެންސް އިންވެސްޓިގޭޓަރަކު ފެޑެރަލް ކޯޓަކަށް ހުށަހެޅި ޖިނާއީ ޝަކުވާގައިވާ ގޮތުން، ޒޭންގް އާއި އޭނާގެ ބައިވެރިއަކު 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވޮޝިންގޓަންގެ ސިއޭޓްލްއަށް ދަތުރުކޮށް، ތައިވާނުގެ އިސް މަސްއޫލުވެރިޔެއްގެ އާއިލާ ދިރިއުޅޭ ގޭގެ ފޮޓޯއާއި ވީޑިއޯ ވަނީ ނަގާފައެވެ. އެމެރިކާގެ ތަންފީޒީ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ފާރަލާފައިވަނީ ތައިވާނުގެ ރައީސްގެ ދަރިކަލުން ޓިންގް-ޔޫ ލައި އަށެވެ. ޓިންގް-ޔޫ އަކީ އެމެރިކާގެ ޔުނިވަސިޓީތަކުން ތައުލީމު ހާސިލުކުރައްވައިގެން އުޅުއްވާ އިންޖިނިއަރެކެވެ. އޭނާ މިހާރު މަސައްކަތް ކުރައްވަނީ ޑަޗް މަލްޓިނޭޝަނަލް ކުންފުންޏެއް ކަމަށްވާ ފިލިޕްސްގައެވެ.
އޮކްޓޯބަރު 3، 2026 ގައި ކޯޓަށް ހުށަހެޅި މައްސަލައިގައި އެފްބީއައިގެ ޚާއްސަ އޭޖެންޓް ކެވިން ހޯލްޓް ލިޔުއްވާފައިވަނީ، ތައިވާނާއި ޗައިނާއާ ދެމެދު އުފެދިދާނެ ސިޔާސީ ނުވަތަ އަސްކަރީ ކޮންފްލިކްޓެއްގެ ތެރޭގައި ތައިވާނުގެ ރައީސަށް ނުފޫޒު ފޯރުވުމަށްޓަކައި، އެމަނިކުފާނުގެ އަރިސް އާއިލީ ބޭފުޅުން ތިއްބެވި ތަނާއި، އެބޭފުޅުންގެ ގޭގޭގެ ފޮޓޯއާއި ކާރުތަކުގެ މައުލޫމާތު ޗައިނާ ސަރުކާރަށް މުހިންމުވާނެ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގަށް އެފްބީއައިއިން ވަނީ ކޯޓު އަމުރެއްގެ ދަށުން ޒޭންގްގެ އައިކްލައުޑް އެކައުންޓް ބަލައި ފާސްކޮށްފައެވެ. އެއާއެކު، ޗައިނާގެ މެސެޖިން އެޕް "ވީޗެޓް" މެދުވެރިކޮށް ޗައިނާ ސަރުކާރުގެ އޮފިޝަލަކަށް އޭނާ ފޮނުވި މެސެޖުތަކެއް ވަނީ ހޯދާފައެވެ. އޭގެ ތެރޭގައި "އޭނާ ފެނިއްޖެ، ވީޑިއޯ ކުރަނީ" އަދި ޓިންގް-ޔޫގެ ގޭގެ ކައިރީގައި ހުރި އުޅަނދުތަކުގެ ލައިސަންސް ޕްލޭޓް ނަންބަރުތައް ފޮނުވާފައިވާކަން އެފްބީއައިއިން ފާހަގަކުރެއެވެ. ޒޭންގް ވަނީ 2025 ވަނަ އަހަރުގެ ޖޫން މަހު ޗައިނާގެ ޗާންގްޝާއަށް ކުރި ދަތުރެއްގައި ޗައިނާގެ އިންޓެލިޖެންސް އޮފިޝަލަކާ ބައްދަލުކޮށް، މި ރޭވުމަށް އެއްބަސްވެފައެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ޗައިނާގެ ސަރުކާރުން އެމެރިކާގައި ދިރިއުޅޭ އޭޝިއާ ސަރަހައްދުގެ ސިޔާސީ އިދިކޮޅު ފަރާތްތަކަށާއި، ތައިވާނަށް ތާއީދުކުރާ ފަރާތްތަކަށް ފާރަލައި ބިރުދެއްކުމަށް "އޮޕަރޭޝަން ފޮކްސް ހަންޓް" ގެ ނަމުގައި ސިއްރިއްޔާތުގައި ޖާސޫސީ ހަރަކާތްތަކެއް ހިންގަމުންދާކަމުގެ އިންޒާރު މީގެ ކުރިންވެސް ދީފައެވެ.





