ޗައިނާއިން ތައިވާނުގެ 453މީހުން ހައްޔަރުކޮށްފައިވާތީ ތައިވާނުން ކަންބޮޑުވުން ފާޅުކޮށްފި 

2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިއަދާ ހަމައަށް ޗައިނާގައި ތައިވާނުގެ 453 ރައްޔިތަކު ހައްޔަރުކޮށް، ނުވަތަ ދަތުރުފަތުރުކުރުން ހުއްޓުވާފައިވާ ކަމަށް ތައިވާނުގެ މެއިންލޭންޑް އެފެއާޒް ކައުންސިލުން ހާމަކޮށްފިއެވެ. ތައިވާނުގެ ސަރުކާރުން ވަނީ މިއީ ދެގައުމުގެ ދެމެދުގައި އޮތް ޖިއޯޕޮލިޓިކަލް މަސްރަހު ގޯސްވަމުންދާ ކަމުގެ ނިޝާނެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ތައިޕޭ ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކައުންސިލުގެ ހަފުތާގެ މައުލޫމާތުތަކަށް ބަލާއިރު، އެންމެ ފަހުން ތައިވާނުގެ އިތުރު ހަތަރު މީހަކު ގެއްލިގެން ވަނީ ރިޕޯޓްކޮށްފައެވެ. މިއާއެކު ގެއްލިގެން ރިޕޯޓްކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 172 އަށް އަރާފައެވެ. މީގެ އިތުރުން، ސުވާލުކުރުމަށްޓަކައި 39 މީހަކު ހިފަހައްޓާފައިވާއިރު، 242 މީހަކު ވަނީ ޗައިނާގެ ކަމާބެހޭ އިދާރާތަކުގެ ބަންދުގައި ބައިތިއްބާފައެވެ.

މި މައްސަލައިގައި އިތުރަށް ސީރިއަސް މައްސަލަތަކެއް ފެންމަތިވެފައިވަނީ ތައިވާނުގެ ސިވިލް ސާވިސްގެ ހަތަރު މުވައްޒަފަކާވެސް ޗައިނާގެ ތހުގީގީ އިދާރާތަކުން ސުވާލުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބުމުންނެވެ. އޭގެ ތެރޭގައި ކްރިމިނަލް އިންވެސްޓިގޭޝަން ބިއުރޯގެ އޮފިޝަލަކާއި، ޓެކްސް އޮފިޝަލެއްގެ އިތުރުން، މިނިސްޓްރީ އޮފް ހެލްތު އެންޑް ވެލްފެއާގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ނަރުހަކު ހިމެނެއެވެ. ޗައިނާގެ ސްޓޭޓް ސެކިއުރިޓީން އެ ނަރުހާ ސުވާލުކުރީ އޭނާ ކުރިން މަސައްކަތްކުރި ސިފައިންގެ ހޮސްޕިޓަލަކާ ގުޅޭގޮތުންނެވެ. މިއީ ތައިވާނުގެ ނަރުހަކާ މިފަދަ ގޮތަކަށް ޗައިނާއިން ސުވާލުކުރި ފުރަތަމަ ހާދިސާއެވެ.

ކްރޮސް-ސްޓްރެއިޓް ކަންކަމުގެ މައުލޫމާތު ހުރި ތައިވާނުގެ ސަރުކާރުގެ އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވޭތުވެދިޔަ މަހު ތައިވާނުގެ ތާއޯޔުއާން ޑިސްޓްރިކްޓްގެ ޕްރޮސެކިއުޓަރުން ވަނީ މީހުން ޓްރެފިކްކޮށް، އޯގަން ނެގުމަށްޓަކައި ޗައިނާއަށް މީހުން ފޮނުވަން މަސައްކަތްކުރި ނެޓްވޯކެއްގެ ހަތް މީހެއްގެ މައްޗަށް ދައުވާކޮށްފައެވެ. އެ ގްރޫޕުން ވަނީ ބޮޑު މުސާރަ ލިބޭ ވަޒީފާތަކުގެ ދަލުގައި މީހުން ޖައްސައިގެން ކަންކަން ރާވާފައެވެ. އެގޮތުން ތިން މީހަކަށް އޮޅުވާލި ނަމަވެސް، އެމީހުން ތައިވާނުން ބޭރަށް ފޮނުވާލެވިފައެއް ނުވެއެވެ.

ތައިވާނުން އެއީ މިނިވަން ދައުލަތެއްގެ ގޮތުގައި ވަކާލާތު ކުރި ނަމަވެސް، ތައިވާނަކީ ޗައިނާގެ ބައެކެވެ.

ހިއްސާ ކުރައްވާ!