ޗައިނާގެ ހަކަތައިގެ މިނިވަންކަން ކަށަވަރުކުރުމަށް އެ ޤައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހަލުވިކަމާއެކު ފުޅާކުރަމުންދާއިރު، އެ ރިއެކްޓަރުތަކުގައި ނުރައްކާތެރި މައްސަލަތައް ހިނގާ ކަމަށޑާއި އެ މައްސަލަަތައް ފޮރުވުމާއި، އަދި ރޭޑިއޭޝަން އެކުލެވޭ ކުނި ނައްތާލުމުގައި ބޮޑެތި އިހުމާލުތަކެއް ވަމުންދާކަމަށް ރިޕޯޓު ކޮށްފިއެވެ. ކިޔޯޓޯ ނިއުސް އިން އާންމުކޮށްފައިވާ ތަހުލީލީ ދިރާސާތަކުން ދައްކާ ގޮތުގައި، ޗައިނާގެ ކޮމިއުނިސްޓް ޕާޓީން އިސްކަންދެނީ ޓެކްނިކަލް ރައްކާތެރިކަމަށްވުރެ ބޮޑަށް، މައުލޫމާތު ސިއްރުކުރުމަށެވެ.
2011 އާއި 2024 އާ ދެމެދު ޗައިނާގެ ނިއުކްލިއާ ރިއެކްޓަރުތަކުގައި އުސޫލުތަކާ ޚިލާފް 130 އަށްވުރެ ގިނަ ކުއްލި ހުއްޓުންތައް ހިނގާފައިވާއިރު، 500 އަށްވުރެ ގިނަ ނުރައްކާތެރި ހާދިސާ ވަނީ ރެކޯޑުކުރެވިފައެވެ. މީގެތެރޭގައި ހައިޑްރޮޖަން ގޮވުންތަކާއި ރިއެކްޓަރުތައް މެލްޓްޑައުންވުމާ ހަމައަށް ގޮސްފައިވާ ހާދިސާތައް ހިމެނޭ ކަމަށް ބުނެފައި ވެއެވެ. 2021 ވަނަ އަހަރު ތައިޝާން ނިއުކްލިއާ ޕްލާންޓުގައި ރޭޑިއޭޝަންގެ ނުރައްކާ ބޮޑުވުމުން، ފްރާންސްގެ ބައިވެރިން އެކަމުގެ އިންޒާރު ދިނުމުންވެސް، ޗައިނާގެ ރެގިއުލޭޓަރުން ވަނީ ޕްލާންޓް ހުއްޓުވުމުގެ ބަދަލުގައި ރޭޑިއޭޝަން މިންގަނޑުތަކުގެ ގާނޫނީ ހައްދު މަތިކޮށްފައެވެ. އަދި 2010 ވަނަ އަހަރު ދާ ބޭ ނިއުކްލިއާ ސްޓޭޝަނުން ރޭޑިއޭޝަން ލީކުވުމުން، އެކަން ސިއްރުކުރުމުގެ ގޮތުން ސަރުކާރުން ވަނީ އެ ސަރަހައްދުގެ 100،000 އަށްވުރެ ގިނަ ރައްޔިތުންނަށް އެވާހަކަ ދެއްކުން ހުއްޓުވާފައެވެ.
2024 ވަނަ އަހަރަށް އައިއިރު، ޗައިނާގެ ސަރުކާރުން ވަނީ ރޭޑިއޭޝަން ބޭރުވާ މިންވަރުގެ ތަފްސީލީ ޑޭޓާ އާންމުކުރުން މުޅިން ހުއްޓާލާފައެވެ. ބައިނަލްއަޤްވާމީ މާހިރުން ފާހަގަކުރާ ގޮތުގައި، ޗައިނާގެ ޕްލާންޓްތަކުން ކަނޑަށް ބޭރުކުރާ "ޓްރިޓިއަމް" ކެމިކަލް އެކުލެވޭ ކާރުޚާނާ ފެން، ޖަޕާނުގެ ފުކުޝީމާ އެއާޕޯޓް ސަރަހައްދުން ބޭރުކުރާ މިންވަރަށްވުރެ 9 ގުނަ އިތުރެވެ. ނަމަވެސް ބެއިޖިންގ އިން ވަނީ މިއީ ހުޅަނގު ގެ މީޑިއާތަކުން ފަތުރާ ދޮގު މައުލޫމާތު ކަމަށް ބުނެ،ފައެވެ.
ޗައިނާގެ ނިއުކްލިއާ ރިއެކްޓަރުގެ އަދަދު 2011 ގައި އުޅުނު 15 އިން، 2025 އާ ހަމައަށް އައިއިރު 59 އަށް އިތުރުވެފައި ވެއެވެ.
ގާންސޫގައި ހުންނަ ސީއެންއެންސީ 404 ފެސިލިޓީ ފަދަ ވަގުތީ ތަންތަން މިހާރު ވަނީ ނިއުކްލިއަރ ކުނިން ފުރިފައެވެ. އަހަރަކު 600 ޓަނުގެ ނިއުކްލިއާ ކުނި އުފެދެމުންދާއިރު، މިއީ އެތައް މިލިއަން އަހަރަކަށް އޭގެ ނުރައްކާ ދެމިގެންދާނެ ތަކެއްޗެވެ. މި މައިދާން ގައި މަސައްކަތްކުރާ އިންޖީނިއަރުންނާއި އިދާރީ މީހުންނަށް ރައްކާތެރިކަމަށްވުރެ ބޮޑަށް ސަރުކާރުގެ އަމާޒުތައް ހާސިލުކުރުމަށް މަޖުބޫރުވެފައިވާކަން ރިޕޯޓްތަކުން ހާމަވެއެވެ.





