އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ މަތީ ފަންތީގެ ހަފުތާގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
މި ދަތުރުފުޅުގައި އދ. ގެ ޢާންމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަވަމުން، ނައިބު ރައީސް ވަނީ ކޮންމެ ޤައުމަކަށްވެސް އެ ޤައުމެއްގެ އަމިއްލަ މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު ލިބިގެންވާކަން ފާހަގަކުރައްވާފައެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ މެދު އަލިއަޅުއްވާލައްވަމުން، މިއީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ ސީދާ ގުޅިފައިވާ ކަމެއްކަމަށް ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ މަސްރަހު ގައި ރާއްޖެއިން ގެންގުޅޭ ޚާރިޖީ ސިޔާސަތު ހާމަކުރައްވަމުން، 1967 ގެ ކުރީގެ ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ނައިބު ރައީސް ވަކާލާތު ކުރެއްވިއެވެ. މީގެއިތުރުން، އދ. ގެ ސަލާމަތީ މަޖިލީހުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދައުރުވާ ގޮނޑިއެއް ކަނޑައެޅުމަށާއި، އދ. ގެ ނިޒާމަށް ފުރިހަމަ އިޞްލާޙީ ބަދަލުތަކެއް ގެނައުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭގޮތުން ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ރަށްތައް ގިރެމުންދާ ދިއުމަށް ރާއްޖެއިން ދޭ ޖަވާބަކީ ފަހަތަށް ޖެހުމެއް ނެތި ވިލުންތެރިކަން އިސްކުރުން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ހިލޭ އެހީ އަވަހަށް ލިބިދިނުމަށް އިލްތިމާސް ކުރައްވަމުން، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ޤާނޫނީ ގޮތުން ބަލައިގެންފައިވާ ކަނޑުގެ ސަރަޙައްދީ އިންތައް އުނިވާންޖެހޭ އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން އުފެދިފައިވާ ދައުލަތެއް ނެތިގެންދާންޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވިއެވެ.
ދަތުރުފުޅުގެ ހަވާސާގައި ޗައިނާއިން އިންތިޒާމުކުރި 'ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް' (ޖީ.ޑީ.އައި) ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން، ދެމެހެއްޓެނިވި އަދި ވިލުންވެރި މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި ޗައިނާ އިން މި މަޝްރޫޢަށް ރާއްޖެއިން ފުރިހަމައަށް އެއްބާރުލުން ދޭނެކަން ހާމަކުރެއްވިއެވެ. އަތްނުފޯރާ މިންވަރަށް ޤައުމުތަކުގެ ދަރަނި ބޮޑުވުމަކީ ތަރައްޤީއަށް އޮތް ބޮޑު ހުރަހެއްކަން ފާހަގަކުރައްވައި، ކޮޕް-31 ގެ ނިންމުންތަކަކީ ޢަމަލީ ގޮތުން ތަންފީޒުކުރެވޭނެ ނިންމުންތަކަކަށް ހެދުމަށްވެސް ގޮވާލެއްވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ނައިބު ރައީސް ވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާން އާއެކު މުހިންމު މަޝްވަރާތަކެއް ބާއްވަވާފައެވެ.





