އެންމެ ދުރު ޖަޒީރާގައި އުޅޭ މީހާއަށްވެސް ހަމަހަމަކަމާއެކު ޚިދުމަތް ލިބޭނެ: ޕީޖީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2025 ވަނަ އަހަރުގެ މެއި މަހު ކަނޑައެޅުއްވި 'މޯލްޑިވްސް 2.0′ ގެ ޤައުމީ ތަޞައްވުރުގެ ދަށުން، އެންމެ ދުރު ޖަޒީރާގައި ދިރިއުޅޭ ރައްޔިތަކަށްވެސް ވެރިރަށް މާލެއެކޭ އެއްފަދައިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޚިދުމަތްތައް ހަމަހަމަކަމާއެކު ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.

އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ މަތީ ފަންތީގެ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން ޕީޖީ އައްބާސް ވިދާޅުވީ، ރާއްޖޭގެ 900 ކިލޯމީޓަރުގެ ކަނޑުގެ ސަރަޙައްދުގައި އޮތް 180 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ޖަޒީރާ ރަށްރަށުގައި ބައި މިލިއަން މީހުން ދިރިއުޅެމުންދާއިރު، ޤައުމީ ޑިޖިޓަލް އައިޑެންޓިޓީއާއި ދައުލަތުގެ ބާރު ހިނގާ އިންފްރާސްޓްރަކްޗަރ މެދުވެރިކޮށް އެއް ހަމައެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ ވައުދު ފުއްދުމުގައި އެންމެ ފުރަތަމަ އިސްނެގި ޢަދްލުގެ މުއައްސަސާއަކީ ޕީޖީ އޮފީސް ކަމަށެވެ.

ނަމަވެސް، ޓެކްނޮލޮޖީގެ ކުރިއެރުމާއެކު މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ސައިބަރ ކުށްތައް ރިޕޯޓްކުރި މިންވަރު ދެގުނައަށް އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ.

ޖިނާއީ ޢަދްލުގެ ނިޒާމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޓެކްނޮލޮޖީ ބޭނުންކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕީޖީ ވިދާޅުވީ، ކުޑަ ޤައުމަކަށް މިފަދަ ކަންކަމުގައި ގޯހެއް ހެދުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި، ޝަރީޢަތް ހިންގަންވީ ކާކުގެ މައްޗަށްތޯ އެލްގޮރިދަމަކުން ނިންމަން ފުރުސަތު ދީފިނަމަ ރައްޔިތުންގެ އިތުބާރު އަލުން އަނބުރާ ނުހޯދޭނެ ކަމަށެވެ. އެހެންކަމުން، އެއްވެސް އޭއައި ވަސީލަތެއް ބޭނުންކުރުމުގެ ކުރިން ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އޭއައި ގަވަރނަންސް ފްރޭމްވޯކެއް އެކުލަވާލައި އާންމުކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އުސޫލަކީ ވަރަށް ސާދާ އުސޫލެއް. މެޝިނަކަށް ޕްރޮސެކިއުޓަރަކަށް އެހީތެރިވެވިދާނެ، އެކަމަކު އިންސާނާގެ ވިސްނުމާއި ނިންމުމުގެ ބަދަލެއް ނުހިފޭނެ. އެއްވެސް އެލްގޮރިދަމަކުން ޝަރީޢަތް ކުރާނެ މީހަކު ކަނޑައެއް ނާޅާނެ. އަދި އޭއައިގެ ބައިވެރިވުން ފުރިހަމައަށް ހާމަނުކޮށް އެއްވެސް ކޯޓަކަށް އެއްވެސް ހެއްކެއް ނުވަތަ ލިޔުމެއް ނުފޮނުވާނެ،" ޕީޖީ ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖެއިން އެކުލަވާލާފައިވާ އޭއައި ގަވަރނަންސް ފްރޭމްވޯކާއި އޭގެ ތަމްރީނު މަންހަޖު، 2028 ވަނަ އަހަރުގެ ނިޔަލަށް އެހެން ޤައުމުތަކަށް އެއްވެސް އަގަކާ ނުލައި ފޯރުކޮށްދިނުމަށް ރާއްޖެއިން ވައުދުވާކަން ޕީޖީ އިއުލާނު ކުރެއްވިއެވެ. ޕީޖީ އިތުރަށް ވިދާޅުވީ މި ވައުދަކީ އެހީ ލިބިގަންނަ ބައެއްގެ ގޮތުގައި ނޫން ކަމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާދާރެއްގެ ގޮތުގައި ކުރެވޭ ކަމެއް ކަމަށެވެ.

ސައިބަރ ކުށްތަކާ ދެކޮޅަށް ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބުޑަޕެސްޓް ކޮންވެންޝަނާ އެއްގޮތަށް ޤާނޫނުލްޢުޤޫބާތާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި، މިއުޗުއަލް ލީގަލް އެސިސްޓެންސް ޤާނޫނަށް 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިޞްލާޙު ގެނެސްފައިވާކަން ޕީޖީ ފާހަގަކުރެއްވިއެވެ. އަދި އދ. ގެ ސައިބަރކްރައިމް ކޮންވެންޝަން ތަސްދީޤުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އަންނަ އަހަރު ސީޖަސްޓް ނެޓްވޯކްގެ އަހަރީ ބައްދަލުވުން އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!