ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވާ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު، އެ މަޤާމަށް ތަޖުރިބާކާރު ދެ ފަނޑިޔާރުން ކަމަށްވާ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޒް ޢަލީ ސަމީރާއި ހައިކޯޓުގެ މިހާރުގެ ފަނޑިޔާރު އަލްއުސްތާޒް ޢަބްދުއްރައޫފް އިބްރާހީމް ކުރިމަތިލައްވައިފިއެވެ.
މިއަދު ހެނދުނު 10:00 އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، މި މަޤާމަށް ކުރިމަތިލައްވާފައިވަނީ މި ދެ ބޭފުޅުން އެކަނި ކަމަށް ވަނީ އެނގިފައެވެ. ނަމަވެސް، ކުރިމަތިލެއްވި ބޭފުޅުންގެ ރަސްމީ ތަފްސީލު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އާންމުކޮށްފައެއް ނުވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު ހުސްވަނީ އެ ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވުމަށް ނިންމެވުމާ ގުޅިގެންނެވެ. ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ރިޓަޔާ ކުރެއްވުމަށް ހުށަހެޅުއްވި ހުށަހެޅުއްވުން ޖޭއެސްސީން ވަނީ އޮކްޓޫބަރު 28 ގައި ބޭއްވި ބައްދަލުވުމުގައި ފާސްކޮށް، އެ ދުވަހު ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައެވެ. ފަނޑިޔާރު ޢަލީ ރަޝީދުގެ ރިޓަޔަރމަންޓް ރަސްމީކޮށް ފެށޭނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
މި މަޤާމަށް ކުރިމަތިލެއްވި ދެ ބޭފުޅުންނަކީވެސް މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ ބޭފުޅުންނެވެ. ޢަލީ ސަމީރު ވަނީ މެލޭޝިޔާއިން މާސްޓަރސް ޑިގްރީ ޙާޞިލުކުރެއްވުމުގެ އިތުރުން، ކްރިމިނަލް ކޯޓުގެ ސެކްރެޓަރީ ކަމާއި ސިވިލް ކޯޓުގެ އިސް ޤާޟީކަން ކުރައްވާފައެވެ. އަދި 2011 ވަނަ އަހަރު ހައިކޯޓުގެ ފަނޑިޔާރުކަމާ ހަވާލުވެވަޑައިގަތުމުގެ އިތުރުން، އޭނާ ވަނީ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުވެސް ފުރައްވާފައެވެ.
ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް 2006 ވަނަ އަހަރުން ފެށިގެން ފަނޑިޔާރުކަމުގެ ދާއިރާ ގައި ހަރަކާތްތެރިވެވަޑައިގަންނަވާއިރު، ޝަރީދާއިރާގައި މަސައްކަތް ކުރެއްވުމަށްފަހު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެވުނީ 2011 ވަނަ އަހަރުއެވެ. މީގެ އިތުރުން އޭނާ ވަނީ އެޓާނީ ޖެނެރަލްގެ އޮފީހާއި ސިވިލް ކޯޓުގައިވެސް ޚިދުމަތް ކުރައްވާފައެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރައްވާނީ ޖޭއެސްސީގެ މޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އެ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބެންޖެހެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަރުޠުހަމަވަނީ އިސްލާމީ ޝަރީޢަތް ނުވަތަ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކޮށް، ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ހުރި ފަރާތްތަކަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ 59,700 ދިވެހި ރުފިޔާއެވެ. މީގެ އިތުރުން އެލަވަންސްގެ ގޮތުގައި 25,000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި 3,000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.




