އަމިއްލަ ގެއަށް ބަޔަކު ވައްދައި އާއިލާއަށް ބިރުދައްކައި ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

އަމިއްލަ ގެއަށް ބަޔަކު ވައްދައި، އާއިލާ މީހުންނަށް ވަޅިން ބިރުދެއްކުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ފޭރުުނު މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި، ލިލީޒް، ޒާހިރު ޢަލީދީދީ (44 އަހަރު) އެވެ. އޭނާގެ މައްޗަށް ފުލުހުން ތުހުމަތުކުރަނީ ބިރުދެއްކުމާއި، ހުއްދަ ނޫން ގޮތުގައި މީހުން ހިފަހެއްޓުމުގެ އިތުރުން ފޭރުމުގެ އަމަލުގައި ބައިވެރިވ ކަމުގެ ތުހުމަތެވެ.

ކްރިމިނަލް ކޯޓުން ނެރެފައިވާ ބަންދުގެ އަމުރުގައިވާ ގޮތުން، ފުލުހުން ޒާހިރު ޢަލީދީދީ ހައްޔަރުކޮށްފައިވަނީ އޭނާގެ އާއިލާ މީހުންނަށް ބަޔަކު ވަޅިން ބިރުދައްކައި ފައިސާ ފޭރުނު ހާދިސާގައި އޭނާގެ ބައިވެރިވުން އޮތްކަމަށް ބުރެވޭ ފަދަ ހެކިތައް ލިބިފައިވާތީކަމަށެވެ. އެގތުން، އެ ޖަރީމާ ހިންގި މީހުން އެ ހާދިސާ ހިނގުމުގެ ކުރިން ޒާހިރާއެކު ހަރަކާތްތެރިވެފައިވާކަން ތަޙުޤީޤަށް އެނގިފައިވެއެވެ. އަދި އެ މީހުން ޒާހިރާއެކު އޭނާގެ އަމިއްލަ ގެއަށް ގޮސްފައިވާކަމާއި، އެއަށްފަހު އެ މީހުން އެ ގެއަށް ވަދެ ފޭރުމުގެ އަމަލު ހިންގާފައިވާކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، ޒާހިރު ހައްޔަރުކޮށްފައިވަނީ މި އަމަލު ހިންގުމުގައި އަމަލީގޮތުން ބައިވެރިވި މައިގަނޑު މީހާ ހައްޔަރުކުރުމަށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން، އެ މީހާއާއެކު އޭނާ ހުއްޓާކަމަށެވެ. އަދި ފޭރުމުގެ ހާދިސާއަށްފަހު ފުލުހުން އޭނާ ހައްޔަރުކުރުމާ ހަމައަށް ޒާހިރު ގެއަށް އެނބުރި ގޮސްފައި ނުވާކަންވެސް ތަޙުޤީޤަށް ހާމަވެފައިވެއެވެ.

ބަންދުގެ މަޖިލީހުގައި ދިފާއުގައި ވާހަކަދައްކަމުން ޒާހިރު ޢަލީދީދީ ބުނެފައިވަނީ، އޭނާގެ އާއިލާ މީހުން އަތުން ފޭރުނު ކަމަށް ބުނާ މީހުންނަކީ އޮންލައިން ގޭމެއް ކުޅުމުގެ ތެރެއިން ދިމާވި ބައެއް ކަމަށެވެ. އަދި އެ މީހުން އޭނާ ހިފަހައްޓައި ނުދެވޭގޮތް ހެދުމަށްފަހު، ގޭގެ ތަޅުދަނޑި އަތުލައިގެން ގޮސް އާއިލާ މީހުން އަތުން ފޭރިގަތީ ކަމަށާއި، އެ މީހުން ހިންގާފައިވާ ކަންކަމާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެ އޭނާ ވަނީ ކޯޓުގައި ކުށަށް އިންކާރުކޮށްފައެވެ.

ނަމަވެސް، މައްސަލައިގެ ކަންކަން ހުރިގޮތަށް ރިއާޔަތްކޮށް، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޯޓުން ވަނީ ޒާހިރު ޢަލީދީދީ 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށްގެންދިޔުމަށް އަމުރުކޮށްފައެވެ.

ހިއްސާ ކުރައްވާ!