2026 ވަނަ އަހަރުގެ މިސް ޔުނިވާސްގެ ތާޖު ޕުއެޓޯ ރީކޯގެ ޖެނިފާ ބަރޭޓޯ ހާސިލްކޮށްފި

ބައިނަލްއަގުވާމީ ރީތީގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ މިސް ޔުނިވާސްގެ 2026 ވަނަ އަހަރުގެ ތާޖު ޕުއެޓޯ ރީކޯގެ ޖެނިފާ ބަރޭޓޯ ކާމިޔާބުކޮށްފިއެވެ.

ޕުއެޓޯ ރީކޯގެ ވެރިރަށް ސަން ހުއާންގެ ހޯސޭ މިގޭލް އެގްރެލޯޓް ކޮލިސިއަމްގައި ބޭއްވި މިސް ޔުނިވާސްގެ 75 ވަނަ އަދަދުގައި ޖެނިފާއަށް ތާޖު އަޅުވައިދިނީ 2025 ވަނަ އަހަރުގެ މިސް ޔުނިވާސް، މެކްސިކޯގެ ފާތިމާ ބޮޝްއެވެ. މި މުބާރާތުގެ ފަސްޓް ރަނަރަޕް ނުވަތަ ދެވަނަ މަގާމު ޑޮމިނިކަން ރިޕަބްލިކް ހާސިލްކުރިއިރު، ސެކަންޑް ރަނަރަޕް ކަން ލިބުނީ ވެނެޒުއޭލާއަށެވެ. އަދި ހަތަރުވަނަ އާއި ފަސްވަނަ ހޯދީ ފިލިޕީންސް އާއި ނިއުޒީލެންޑެވެ. 116 ގައުމަކުން ބައިވެރިވި މި މުބާރާތުގައި އިންޑިއާ ތަމްސީލުކުރި ކަޒިއާ ލިޒް މެޖޯ ވަނީ މުބާރާތުގެ ގަދަ 30 ގައި ހިމެނިފައެވެ.

މުބާރާތުގެ ފަހު ބުރުގައި ފައިނަލިސްޓުންނާ ކުރިމަތިކުރުވި އެއް ސުވާލަކީ، "މިވަގުތު ދުނިޔޭގެ ލީޑަރުންގެ ފަރާތުން ދުނިޔެއަށް އެންމެ ބޮޑަށް ބޭނުންވަނީ ކޮން ކަމެއް ހެއްޔެވެ؟" މިއެވެ. މި ސުވާލަށް ޖަވާބުދެމުން ޖެނިފާ ބުނީ، ދުނިޔެއަށް މިވަގުތު ބޭނުންވަނީ ގާބިލް ލީޑަރުން ކަމަށާއި، އަމިއްލަ ނަފްސަށްޓަކައި ތެދުވެ، އެހެން މީހުންނަށް ނަމޫނާ ދެއްކުމަކީ ލީޑަރުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށެވެ. އަދި މުޖުތަމައުގެ ބޭނުންތައް އަޑުއަހައިގެން، ގެއްލުންދެނިވި އަމަލުތައް ހުއްޓުވުމަށް މަސައްކަތްކޮށް ދިގުދެމިގެންދާ ފަދަ ހެޔޮ ބަދަލެއް ގެނައުމަށް އުއްމީދުކުރާ ކަމަށް އޭނާ ބުންޏެވެ.

ރީތީގެ މުބާރާތްތަކުގެ އިތުރުން، ޖެނިފާ ބަރޭޓޯއަކީ ތައުލީމީ އަދި މަސައްކަތުގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ ކަނބަލެކެވެ. ސައިކޮލޮޖީ އަދި ކްލިނިކަލް ސޯޝަލް ވޯކްގެ ދާއިރާއިން ދެ މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ ޖެނިފާ މަސައްކަތް ކުރަނީ އެމެރިކާގެ ސިފައިންގެ ޕްރިވެންޝަން ސްޕެޝަލިސްޓެއްގެ ގޮތުގައެވެ. އަދި އޭނާއަކީ ހަތް އަހަރުގެ ކުއްޖެއްގެ މަންމައެއް ވެސް މެއެވެ.

މިއަހަރުގެ މިސް ޔުނިވާސް މުބާރާތް އިތުރަށް ޚާއްސަވެފައިވަނީ މިއީ މި މުބާރާތުގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރި އަހަރު ކަމަށް ވާތީއެވެ. މި މުނާސަބަތާ ގުޅުވައިގެން މިސް ޔުނިވާސް އޯގަނައިޒޭޝަނުން ވަނީ މި މަހުގެ ކުރީކޮޅު "ދަ ރޭޑިއަންސް އޮފް އެން އެޓާނަލް ލެގަސީ" ގެ ނަމުގައި މުޅިން އާ ތާޖެއް ވެސް ތައާރަފުކޮށްފައެވެ.

ހިއްސާ ކުރައްވާ!