އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ތެރޭގައި މަސްލަހަތު ފުށުއެރުމާއި ކޮރަޕްޝަންގެ އަމަލުތައް ހިނގާ ކަމަށް ބުނެ ކޮންގްރެސްގެ ޑިމޮކްރެޓިކް މެންބަރުން ކުރިއަށްގެންދާ ތަހުގީގުތައް، ޓްރަމްޕްގެ ދޮށީ ދަރިކަލުން ޑޮނަލްޑް ޓްރަމްޕް ޖޫނިއާއާ ގުޅުންހުރި ހަތަރު ކުންފުންޏަކަށް ފުޅާކޮށްފިއެވެ.
"ފައިނޭންޝަލް ޓައިމްސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަންނަ ޖެނުއަރީ މަހު ހައުސް ޖުޑީޝަރީ ކޮމިޓީގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް ބެލެވޭ ޑިމޮކްރެޓިކް މެންބަރު ޖޭމީ ރާސްކިން ވަނީ އެ ހަތަރު ކުންފުންޏަށް ސިޓީ ފޮނުއްވާފައެވެ. އެ ސިޓީތަކުގައި 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޓްރަމްޕް ޖޫނިއާ ޕާޓްނަރެއްގެ ގޮތުގައި ގުޅިވަޑައިގެންނެވި ވެންޗާ ކެޕިޓަލް ފާމް "1789 ކެޕިޓަލް" އާއެކު އެ ކުންފުނިތަކުން ވޭތުވެދިޔަ ދެ އަހަރު ކުރި މުއާމަލާތްތަކުގެ ރެކޯޑުތައް ހުށަހެޅުމަށް އަންގަވާފައިވެއެވެ.
ތަހުގީގު ކުރަމުންދާ ކުންފުނިތަކުގެ ތެރޭގައި ޕްރެޑިކްޝަން މާކެޓް ޕްލެޓްފޯމް "ޕޮލީ މާކެޓް"، އީ-ސިނގިރޭޓް ކުންފުނި "ޖޫލް ލެބްސް"، ދިފާއީ ސިނާއަތުގެ ކުންފުނި "ހެޑްރިއަން އޮޓޮމޭޝަން" އަދި އޮންލައިންކޮށް ހަތިޔާރު ވިއްކާ "ގްރެބް އޭ ގަން" ހިމެނެއެވެ.
ރާސްކިން ތުހުމަތު ކުރައްވާ ގޮތުގައި، މި ކުންފުނިތަކަށް ސަރުކާރުގެ ބޮޑެތި ކޮންޓްރެކްޓްތައް ލިބުމުގެ ކުޑަދުވަސްކޮޅެއް ކުރިން "1789 ކެޕިޓަލް" އިން އެ ކުންފުނިތަކުގައި އިންވެސްޓްކޮށްފައިވެއެވެ.
ފައިނޭންޝަލް ޓައިމްސް އާއި އޭޕީއަށް ފެނިފައިވާ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، "ހެޑްރިއަން އޮޓޮމޭޝަން" އަށް "1789 ކެޕިޓަލް" ގެ އިންވެސްޓްމަންޓް ލިބުނުތާ މަސްތަކެއް ފަހުން، 2026 ވަނަ އަހަރުގެ މާޗް މަހު އެ ކުންފުންޏަށް ވަނީ ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ ސަރުކާރު ކޮންޓްރެކްޓްތަކެއް ލިބިފައެވެ. އަދި "ޖޫލް ލެބްސް" ގައި އިންވެސްޓްކުރިތާ ހަތަރު މަސް ފަހުން އެ ކުންފުނީގެ އުފެއްދުންތައް ވިއްކުމުގެ ހުއްދަ އެފްޑީއޭއިން ދީފައިވާއިރު، "ޕޮލީ މާކެޓް" އާ ގުޅޭގޮތުން ޖަސްޓިސް ޑިޕާޓްމަންޓުން ކުރަމުންދިޔަ ތަހުގީގުތައް ހުއްޓާލިތާ މަސްދުވަސް ފަހުން ޓްރަމްޕް ޖޫނިއާ ވަނީ އެ ކުންފުނީގެ އެޑްވައިޒަރީ ބޯޑާ ގުޅިވަޑައިގެންފައެވެ.
މީގެ އިތުރުން "ވޮޝިންޓަން ޕޯސްޓް" އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ޓްރަމްޕްގެ ދެ ދަރިކަލުން ކަމަށްވާ ޑޮނަލްޑް ޓްރަމްޕް ޖޫނިއާ އާއި އެރިކް ޓްރަމްޕް އިންވެސްޓްކޮށްފައިވާ 15 ކުންފުންޏަކަށް 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ސަރުކާރުން ސީދާ ގޮތެއްގައި 3.2 ބިލިއަން ޑޮލަރުގެ މަސައްކަތްތައް ލިބިފައިވެއެވެ.
މީގެ ތެރޭގައި "ސްޕޭސް އެކްސް" އާއި "އެންޑޫރިލް" ހިމެނޭއިރު، ދެން ހުރި 13 ކުންފުންޏަށް 1.8 ބިލިއަން ޑޮލަރުގެ ދިގު މުއްދަތުގެ އެއްބަސްވުންތައް ލިބިފައިވާ ކަމަށް އެ ނޫހުން ބުނެއެވެ.
ނަމަވެސް، ޑޮނަލްޑް ޓްރަމްޕް ޖޫނިއާ އާއި "1789 ކެޕިޓަލް" އިން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. މިދިޔަ ހަފްތާގައި "އެކްސިއޯސް" އިން ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ޖޫނިއާ ވިދާޅުވީ، އޭނާއަކީ ފާއިތުވި ދިހަވަރަކަށް އަހަރު ވެސް އިންވެސްޓްމަންޓް ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި، ބައްޕާފުޅު ވެރިކަމުގައި ހުންނެވުމަކީ އޭނާގެ ވިޔަފާރި ހުއްޓާލަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި "1789 ކެޕިޓަލް" ގެ ރައީސް އޮމީދު މާލިކް ވެސް ވަނީ އެ ކުންފުނީގެ ހުރިހާ މުއާމަލާތްތަކެއް ހިނގަނީ ދެފުށް ފެންނަ ގޮތަށް ކަމަށް ވިދާޅުވެފައެވެ.
ވައިޓް ހައުސް އާއި އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ވެސް ވޮޝިންޓަން ޕޯސްޓަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ރައީސްގެ އާއިލާއާ ގުޅުންހުރި ކުންފުނިތަކަށް ވަކި ހާއްސަ އިސްކަމެއް ދީފައި ނުވާނެ ކަމަށާއި، ހުރިހާ ކޮންޓްރެކްޓްތަކެއް ވެސް ދީފައިވަނީ ވާދަވެރި އުސޫލުތަކުގެ ތެރެއިން އެ ކުންފުނިތަކުގެ ގާބިލިއްޔަތަށް ބަލައިގެން ކަމަށެވެ.
އަންނަ ޖެނުއަރީ މަހު ޑިމޮކްރެޓުން ކޮންގްރެސްގެ ކޮންޓްރޯލް ނަގަން ތައްޔާރުވަމުންދާއިރު، ރައީސް ޓްރަމްޕް ވަނީ މިދިޔަ ހުކުރު ދުވަހު ރިޔާސީ ގަރާރެއް ނެރުއްވާފައެވެ. އޭޕީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ގަރާރުގެ ދަށުން ސަރުކާރުގެ ކޮންޓްރެކްޓަރުން ކޮންގްރެސްއަށް އެއްވެސް މައުލޫމާތެއް ދިނުމުގެ ކުރިން ސަރުކާރާ މަޝްވަރާ ކުރަންޖެހޭނެއެވެ. މެންބަރު ޖޭމީ ރާސްކިން ވަނީ މިއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ވިދާޅުވެ، ކޮންގްރެސްއަށް ތެދު މައުލޫމާތު ދިނުމަކީ ކޮންޓްރެކްޓަރުންގެ ވާޖިބެއް ކަމަށް ވިދާޅުވެފައެވެ.





