ޣައްޒާ ހަނގުރާމައިގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިންގެވި އަމަލުތަކާ ގުޅިގެން އޭނާ ޖަވާބުދާރީކުރުވުމަށް ޕެންސިލްވޭނިއާ ސްޓޭޓްގެ ގަވަރުނަރު ގޮވާލައްވައިފިއެވެ. އެމެރިކާގެ ޕެންސިލްވޭނިއާ ސްޓޭޓްގެ ގަވަރުނަރު އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކަމަށް ބެލެވޭ ޖޯޝް ޝަޕީރޯ، ވަނީ ޖެނސަައިޑް ހިންގުމުގައި ނަތަންޔާހޫ ހުއްޓުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ކުރީގެ ރައީސް ޖޯ ބައިޑަން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅުއްވާފައި ނުވާ ކަމަށް ވިދާޅުވެ، އެ ދެ ބޭފުޅުންނަށް ވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.
"ވޯލް ސްޓްރީޓް ޖާނަލް" އަށް ދެއްވި އިންޓަވިއުއެއްގައި ޝަޕީރޯ ވަނީ ނަތަންޔާހޫއަކީ އިސްރާއީލު ނުރައްކާތެރި އަދި ބައިނަލްއަގުވާމީ ގޮތުން އެކަހެރި މިސްރާބަކަށް އޭނާގެ ގައުމު ގެންދިޔަ "ނާކާމިޔާބު ލީޑަރެއް" ގެ ގޮތުގައި ސިފަކުރައްވާފައެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގެ ހާދިސާތަކަށް އިސްރާއީލުން ރައްދުދިން ގޮތުގެ ސަބަބުން އިސްރާއީލުގެ އިތުރުން މެދުއިރުމަތީގައި އެމެރިކާގެ މަސްލަހަތުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަޕީރޯ ވިދާޅުވި ގޮތުގައި، އެމެރިކާގެ އެހެން ބައިވެރިންނެކޭ އެއްފަދައިން އިސްރާއީލަށް ވެސް ދިފާއީ ހަތިޔާރު ގަތުމުގެ ފުރުސަތު އޮންނަންޖެހޭނެއެވެ. ނަމަވެސް، އެ ހަތިޔާރުތައް ބޭނުންކުރާނެ ގޮތާއި ވަގުތާ ގުޅޭ ސާފު އިރުޝާދުތަކެއް އެކުގައި އޮންނަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެމެރިކާގެ އަޚުލާގީ އަގުތަކާ އެއްގޮތަށް ހަތިޔާރު ބޭނުންކުރާކަން ކަށަވަރުކުރުމަށްޓަކައި ޓްރަމްޕް ވެސް އަދި ބައިޑަން ވެސް އެމެރިކާގެ ނުފޫޒު އެންމެ ފުރިހަމައަށް ބޭނުންކުރައްވާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އެމެރިކާގެ އެހީތެރިކަމާއެކު އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޖެނޮސައިޑް ހަމަލާތަކުގައި، ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުން ފަލަސްތީނުގެ 74،000 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 176،000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ 90 އިންސައްތަ ވަނީ ސުންނާފަތިވެފައެވެ.
މި އިންޓަވިއުގައި ޝަޕީރޯ ވަނީ އީރާނާއި ޔޫކްރެއިންގެ ހަނގުރާމައާ ގުޅޭގޮތުން ވެސް ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އީރާނާއެކު ކުރާ ހަނގުރާމަ ނިންމާލުމަށާއި، ހަނގުރާމައާ ބެހޭ ވަޒީރު ޕީޓް ހެގްސެތު މަގާމުން ވަކިކުރުމަށް އޭނާ ގޮވާލެއްވިއެވެ. އެމެރިކާގެ ރައްޔިތުންނަށް ސަބަބު ސާފުކޮށްދިނުމެއް ނެތި ހަނގުރާމައަކަށް ވަނުމުން ފާޑުވިދާޅުވަމުން ޝަޕީރޯ ވިދާޅުވީ، މި ހާލަތުން ނުކުންނާނެ ގޮތެއް ޓްރަމްޕާއި، ހެގްސެތު އަދި ނައިބު ރައީސް ޖޭޑީ ވޭންސްއަށް ވެސް އެނގިވަޑައިނުގަންނަވާކަން ސާފުވާ ކަމަށެވެ.
މީގެ އިތުރުން، ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމަ ނިންމުމަށް ޓްރަމްޕް މޮސްކޯއާއެކު ކުރައްވާ މަޝްވަރާތަކަކީ އެމެރިކާއަށް އޮތް "ލަދުވެތިކަމެއް" ކަމަށް ޝަޕީރޯ ވިދާޅުވިއެވެ. އަދި ރަޝިޔާ ބޭނުންވާ ގޮތަށް ހަނގުރާމަ ނިމުނަ ނުދިނުމަށްޓަކައި ޔޫކްރެއިނަށް ހަތިޔާރާއި ޖާސޫސީ މައުލޫމާތު ފޯރުކޮށްދިނުން އިތުރުކޮށް، ބައިނަލްއަގުވާމީ ބައިވެރިންގެ އިތުބާރު އަލުން ހޯދުމަށް މަސައްކަތް ކުރުމަށް އޭނާ ގޮވާލެއްވިއެވެ.





