ބޮމްބޭ ހައިކޯޓު: އަންހެން އޮފިޝަލެއްގެ ކޮނޑުގައި ހިފުމަކީ ޖިންސީ ފުރައްސާރަކުރުން ކަމަށް ނުބެލެވޭނެ

ސަރުކާރުގެ އަންހެން އޮފިޝަލެއްގެ ގައިގައި އަތްލައި، މަޤާމުގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ދަޢުވާ އުފުލާފައިވާ ދަނޑުވެރިއެއްގެ މައްސަލާގައި، ބޮމްބޭ ހައިކޯޓުގެ ކޯލާޕޫރު ބެންޗުން އޭނާގެ މައްޗަށް އުފުލާފައިވާ ޖިންސީ ފުރައްސާރަކުރުމުގެ ދަޢުވާ ބާޠިލުކޮށްދީފިއެވެ. ނަމަވެސް، އެ މައްސަލައިގައި ފުލުހުން ކޮށްފައިވާ ތަޙުޤީޤާއި އުފުލާފައިވާ އެހެން ދަޢުވާތައް ބާތިލުކުރަން ކޯޓުން ވަނީ ދެކޮޅުހަދާފައެވެ.

މި ހާދިސާ ހިނގާފައިވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ލޯކަލް ގްރާމް ޕަންޗަޔާތު އޮފީހެއްގައެވެ. އޭރު އެ އޮފީހުގައި މަސައްކަތް ކުރަމުންދިޔަ އަންހެން މަސްއޫލުވެރިއަކު ހުށަހެޅި ޝަކުވާއެއްގައި ބުނެފައިވާ ގޮތުން، އެ މީހާ އޮފީހަށް ވަދެ، އޭނާއާ އެކު  ޒުވާބު ކޮށް ހަމަނުޖެހުންތަކެއް ހިންގުމަށްފަހު ލިޔުންތަކެއް ފޭރިގަނެ ވީދައިލާފައިވެއެވެ. އަދި އެއަށްފަހު އޭނާގެ ކުރުތާގައި ހިފައި ދަމއި ކޮނޑުގައި ހިފާފައިވާ ކަމަށް ވެސް އެ އަންހެން މަސްއޫލުވެރިޔާ ތުހުމަތުކޮށްފައިވެއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ސަރުކާރު މުވައްޒަފެއްގެ މަސައްކަތަށް ހުރަސްއެޅުމާއި، މާރާމާރީ ހިންގުމުގެ އިތުރުން ޖިންސީ ފުރައްސާރަކުރުމުގެ ތުހުމަތުގައި އެ މީހާ ހައްޔަރު ކޮށްފައެވެ.

ޝަރިއަތުން މި މައްސަލަ ބެއްލެވުމަށްފަހު ފާހަގަ ކޮށްފައި ވަނީ، އެ މީހާ އެ އަންހެން މީހާގެ އުނަގަނޑުގައި ނުވަތަ ކޮނޑުގައި ހިފާފައިވަނީ ޖިންސީ ގޮތުން ނުވަތަ ބޭއަދަބީ އެދުމަކުން ކަމަށް ބެލެވޭނެ ހެއްކެއް ނެތް ކަމަށެވެ. ކޯޓުން އިތުރަށް ބުނީ، އެ މީހާގެ އަމަލުގެ ސަބަބުން އެ އަންހެން މުވައްޒަފުގެ އަބުރަށް އުނިކަމެއް ލިބިފައިވީ ނަމަވެސް، ޤާނޫނުގައި ބަޔާންކުރާ ފަދަ ޖިންސީ ފުރައްސާރަކުރުމުގެ ނިޔަތެއް ނުވަތަ އެފަދަ އެދުމެއް އޭނާގެ އަމަލުގައި ނުހިމެނޭ ކަމަށެވެ.

މި މައްސަލައިގައި ދިފާޢީ ވިދާޅުވީ، އެ އަންހެން މަސްއޫލުވެރިޔާއާ ދެކޮޅަށް ކުރިން އެދަނޑުވެރިޔާ ޝަކުވާ ހުށަހަޅާފައިވުމުގެ ސަބަބުން، މި ތުހުމަތަކީ ރުޅިވެރިކަމުގައި ކޮށްފައިވާ ތުހުމަތެއް ކަމަށެވެ.

ހައިކޯޓުން ނިންމާފައިވަނީ ސަރުކާރު މުވައްޒަފެއްގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި ކަމުގައި ކާފީ ހެކި ހުރުމުން އެ ބައި ކުރިއަށް ގެންދަން ނިންމާފައެެވެ. ނަމަވެސް، ޖިންސީ ފުރައްސާރަކުރުމުގެ ކުށް ސާބިތުވާވަރުގެ ޢުނަޞުރެއް އެ މައްސަލައިގައި ނެތް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މީގެ ކުރިން އެހެން މައްސަލައެއްގައި އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ކުޑަ އަންހެން ކުއްޖެއްގެ އަތުގައި މުދައްރިސަކު ހިފި މައްސަލައަކީ ޖިންސީ ގޯނާއެއް ކަމަށް ބުނެފައެވެ،. އެ މައްސަލާގައި ސުޕްރީމް ކޯޓުން އަންހެނާގެ އަބުރު މާނަކޮށްދެމުން ބުނެފައި ވަނީ މުޅި އަންހެނާއަކީ ހުރިގޮތަށް ހުރި އަބުރެއް ކަމަށެވެ. އެހެންވެ އަންހެނާގެ ގައިގައި ނުރުހުމުގަިއ އަތްލުމަކީ އަބުރަށް އަރައި ގަތުމެއް ކަމަށެވެ.

ހިއްސާ ކުރައްވާ!