ހުޅުމާލޭގައި އެކްސިޑެންޓްވި ކާރެއްގެ ރޭސްޖަހަން ހުރި މީހާ ރާބޮއެގެން ހުރިކަމަށް އިއުތިރާފުވުމުން 40 އެތިފަހަރުން ތައުޒީރުކޮށް ޖަލަށް ލުމަށް ޙުކުމްކޮށްފި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަޅީގައި ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހި އެކްސިޑެންޓްވި ހާދިސާގައި، ކާރު ދުއްވަން ހުރި މީހާ ރާބޮއެގެން ހުރިކަމަށް އެމީހާ ވަނީ އިއުތިރާފް ވެފައެވެ. އެހެންވެ އޭނާ 40 އެތިފަހރން ތައުޒީރުކޮށް، ޖަލަށް ލުމުގެ އިތުރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
މި މައްސަލައިގައި ޙުކުމް އިއްވާފައިވަނީ ލ. ކަލައިދޫ، ނެސްޓް، ޣުފްރާން ޚާލިދު ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރީ ރާބުއިމުގެ ދައުވާއެވެ.
މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި މަހަކާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ޣުފްރާން ކުށަށް އިއުތިރާފުވެފައިވާތީ، ޤާނޫނުގައިވާ ގޮތުގެ މަތިން އަދަބުގެ އަސާސީ މިންގަނޑުން އެއް ދަރަޖަ އުނިކޮށްދިނުމަށް ދައުލަތުން ވަނީ ކޯޓުގައި އެދިފައެވެ. އަދި އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެ މަތިން ޢުޤޫބާތެއްގެ ގޮތުގައި 40 އެތިފަހަރުން ތައުޒީރު ކުރީއެވެ.
ދައުލަތުން ވަނީ ޖަލު ހުކުމުގެ ބައެއް ފައިސާއިން ޖޫރިމަނާއަށް ބަދަލަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. އަދި ދައުވާލިބޭ ޣުފްރާންވެސް ވަނީ ދައުލަތުން އެދުނު ގޮތަށް ޙުކުމް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދިފައެވެ.
ކުށުގެ އިއުތިރާފާއެކު އަދަބު ލުއިކުރުމުން އައި ޖަލު ހުކުމުގެ މުއްދަތަކީ 27 ދުވަހެވެ. ޖަލު ހުކުމުގެ ބައެއް ޖޫރިމަނާއަށް ބަދަލުކުރުމަށް ދައުލަތުން އިއުތިރާޒުކޮށްފައި ނުވާތީ، މައްސަލަ ބެއްލެވި ޤާޟީ ވަނީ 27 ދުވަހުގެ ޖަލު ހުކުމުގެ ތެރެއިން 18 ދުވަސް، 3،600 ދިވެހި ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްދެއްވާފައެވެ.
އެހެންކަމުން، ކްރިމިނަލް ކޯޓުން ނިންމެވީ ޣުފްރާން ޚާލިދު 9 ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު، 40 އެތިފަހަރުން ތައުޒީރުކޮށް، 3،600 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.




