ޕޮލެންޑްގެ އެންމެ މަތީ ކޯޓުގެ ފުރާޅުން ޓިނު ނެގުމުން ރައީސް ދަތުރު ކުރު ކުރައްވައި ގައުމަށް ވަޑައިގެންފި

ޕޮލެންޑުގެ އެންމެ މަތީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކުރުމާ ގުޅިގެން އެ ޤައުމުގައި ބޮޑު އިންސްޓިޓިއުޝަނަލް ކާރިސާއެއް ހުކުރު ދުވަހު އުފެދިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ރައީސް ކަރޯލް ނަވްރޮކީ ރަސްމީ ދަތުރުފުޅެއްގައި އުޅުއްވުމަށްފަހު ދަތުރު ކުރި ކުރައްވައި އަނބުރާ ޤައުމަށް ވަޑައިގެންނެވިއިރު، ކޯޓު އިމާރާތުގެ ވަށައިގެން ރަޔަޓް ފުލުހުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އަދި އިދިކޮޅު ފަރާތްތަކުން ވަނީ މިކަމަކީ ޤާނޫނާ ޚިލާފަށް ސަރުކާރުން ވެރިކަން ފޭރިގަތުން ކަމަށް ތުހުމަތުކޮށްފައެވެ.

އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، އަންހެން ފަނޑިޔާރު ކޮވިނާ-ޕިއޮޓްރޮވޮސްކާ ވަނީ ކޯޓުގެ އިސް ފަނޑިޔާރު އަދި އޭނާގެ ނައިބް އެއް މަސް ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރެއްވިކަން އިއުލާން ކުރައްވާފައެވެ. އަދި ކޯޓުގެ ވަގުތީ ވެރިޔާގެ ހައިސިއްޔަތުން އެ ކަމަނާ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންނެވި ކަމަށް އަންގަވާފައިވެއެވެ.

ނަމަވެސް ޓްރިބިއުނަލްގެ ރަސްމީ މީސް މީޑިއާ އެކައުންޓުން ވަނީ މި ނިންމުން ބަލައިނުގަންނަ ކަމަށް ބުނެ، މިއީ ޣައިރުޤާނޫނީ ގޮތުން ކޯޓުގެ ބާރުތައް އަތުލުމަށް ހިންގި އަމަލެއް ކަމަށް ސިފަކޮށްފައެވެ.

ފަނޑިޔާރުންނަށާއި މުވައްޒަފުންނަށް ބިރުދައްކާ ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، ވެރިރަށް ވާސޯގެ މަރުކަޒީ ސަރަހައްދުގައި ހުންނަ ޓްރިބިއުނަލް އިމާރާތުގެ ކައިރިއަށް ގިނަ އަދަދެއްގެ މީހުން އެއްވެ، ފެންސްތައް މަތިން އަރައިގެން ވަންނަން މަސައްކަތް ކުރުމުން ފުލުހުން ވަނީ ވަދެފައެވެ. މި ހަމަނުޖުހުންތަކާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފެވެ.

ސެނެގޯލްއަށް ވަޑައިގެން އުޅުއްވި ޕޯލެންޑްގެ ރައީސް ނަވްރޮކީ، ވަނީ "މިފަދަ ދަނޑިވަޅެއްގައި ރައީސުލްޖުމްހޫރިއްޔާ ހުންނަންވާނީ ޕޮލެންޑުގައި،" ކަމަށް އެކްސް ގައި ލިޔުއްވާފައިވެއެވެ.

ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި އޭނާ ވަނީ ފުލުހުންގެ ބެރިކޭޑްތައް ހުރަސް ކުރާއްވައި ކޯޓު އިމާރާތަށް ވަދެވަޑައިގެންފައެވެ. އަދި ބަޔާނެއް ދެއްވަމުން ވިދާޅުވީ، ސަރުކާރުން ބާރުގެ ބޭނުންކޮށްގެން ޤާނޫނީ މުއައްސަސާއެއް ފޭރިގަނެ، ޤައުމުގެ ޤާނޫނުއަސާސީގެ ނިޒާމާ ޚިލާފުވެފައިވާ ކަމަށެވެ.

ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ވަނީ ސަރުކާރުގެ މި ފިޔަވަޅަކީ ޤާނޫނުގެ ބާރު ނެގެހެއްޓުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށް ވިދާޅުވެ ދިފާއުކުރައްވާފައެވެ.

"ޤާނޫނުގެ ވެރިކަން އަލުން ޤާއިމުކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެއް. މިއީ އުނދަގޫ އަދި ބައެއް ފަހަރު ވޭންދެނިވި މަސައްކަތެއް ނަމަވެސް، ޤާނޫނާ ޚިލާފުވުންތަކަށް ނިމުމެއް ގެނައުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ،" ކަމަށް އޭނާ އެކްސް ގައި ލިޔުއްވާފައިވެއެވެ. އަދި ޖަސްޓިސް މިނިސްޓަރު ވަނީ ސަސްޕެންޑް ކުރި ފަނޑިޔާރުންގެ ޤާނޫނީ ރައްކާތެރިކަން ކަނޑުވާލުމަށް އެދިވަޑައިގެންފައެވެ.

މި ޚިލާފު އުފެދިފައިވަނީ ކޯޓުގެ މައްޗަށް ކޮންޓްރޯލް ހޯދުމަށް ގިނަ އަހަރުތަކެއް ވަންދެން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ކުރީގެ ސަރުކާރުން އެ ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފައިވަނީ ސިޔާސީ ނުފޫޒުގެ ދަށުންނެވެ. 2023 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ޓަސްކުގެ ކޯލިޝަނުން މަސައްކަތްކުރަމުންދަނީ އެކަން ބަދަލުކޮށް، ކޯޓުގެ ހިންގުން މިނިވަންކުރުމަށެވެ. އަދި 2025 ވަނަ އަހަރު އިންތިޚާބުވެވަޑައިގެންނެވި ރައީސް ނަވްރޮކީ ވަނީ ޕާލަމެންޓުން އައްޔަންކުރި ބައެއް ފަނޑިޔާރުން ހުވާކޮށްދިނުމާ ދެކޮޅު ހައްދަވާފައެވެ.

ހޮނިހިރު ދުވަހުގެ ހެނދުނާ ހަމައަށްވެސް މި ނުތަނަވަސްކަން ދެމިގެންގޮސްފައިވާއިރު، ފަނޑިޔާރު ކޯވިން-ޕިއޮޓްރޮވްސްކާވަނީ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ފަނޑިޔާރުންގެ ޢާންމު މަޖިލީހެއް ބޭއްވުމަށް ގޮވާލާފައެވެ. ކޯޓުގެ އިމާރާތުގެ ބޭރުގައި މުޒާހަރާގެ ބައިވެރިން އަދިވެސް ތިބިއިރު، ދެ ފަރާތުން ދަނީ ތަފާތު ވާހަކަތައް ދައްކަމުންނެވެ.

ހިއްސާ ކުރައްވާ!